ފުވައްމުލައް ސިޓީގެ މަގުމަތީގައި ގިނަދުވަސްވެފައި ހުރި ސާމާނާއި ގަސްތަށް ނެގުމަށް އަންގައިފި
ފުވައްމުލައް ސިޓީގެ ބައެއް ގޭގެ މަގުމަތީގައި އެކި ބާވަތްތަކުގެ ބަގީޗާ ގަސް އިންދައި ހެއްދުމާއި، މަގުމަތީގައި ގޮނޑި އާއި ޖޯލިފަތިތަށް ނެގުމަށް ކައުންސިލުން އަންގައިފިއެވެ.
ސިޓީ ކައުންސިލުން މިކަން ހާމަކޮށް މިއަދު ކުރި އިއުލާނުގައިވާގޮތުން 20 އޮގަސްޓް 2021 ވާ ބުރާސްފަތި ދުވަހުގެ ކުރިން މިފަދަ ތަކެތި ނަގައި ސާފުކުރުމަށް އަންގާފައިވެއެވެ. އަދި މިމުއްދަތުގެ ފަހުން އިތުރު އެންގުމަކާއި ނުލައި މަގުމަތީގައި ބަހައްޓާފައި ހުންނަ ތަކެތި ނަގަމުންދާނެ ކަމަށްވެސް އެ ޢިއުލާނުގައި ވެއެވެ. މީގެ އިތުރުން މަގު ހިނގާމީހުންނާއި ދުއްވާ އުޅަނދުތަކަށް އުނދަގޫވާނެހެން 12 ފޫޓަށްވުރެ ތިރީގައި ހުންނަ ގަސްތައް ވެސް ކޮށައި ދަތިފިލުވުމުގެ މަސައްކަތްވެސް ކުރަމުންދާނެ ވާހަކަވެސް އެ ޢިއުލާނުގައިވެއެވެ.
ކައުންސިލުން މިގޮތަށް ނިންމައި އިއުލާންކޮށްފައިވާއިރު މީގެ ކުރިންވެސް ކައުންސިލުން ވަނީ މިފަދައިން ޢިއުލާނެއްކޮށް މިފަދަ ތަކެތި މަގުމަތީގައި ބެހެއްޓުމަކީ މަނާކަމެއް ކަމުގައި ހަނދާންކޮށްދީފައެވެ. ނަމަވެސް މި ޢިއުލާނަށް މާގިނަ ބަޔަކު އިޖާބަ ދިންތަނެއް ފެނިގެން ނުދިޔައެވެ. މިފަދަ ތަކެތި މަގުމަތީގައި ހުރުމުގެ ސަބަބުން މަގުގައި ހިނގާ އަދި ދުއްވާ އުޅަނދުތަކަށް ދަތިތައް ކުރިމަތިވަމުންދާ ކަމަށް ސިޓީ ކައުންސިލްގެ ޢިއުލާނުގައިވެއެވެ.