Advertisement
Advertisement

އުފަންވާ ކުދިން ރަޖިސްޓްރީ ހެއްދުން – ކުރަންޖެހޭ މުހިންމު ކަމެއް

ރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކު އުފަންވާތާ ހަތް ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ކުރަން ހުށަނާޅައިފިނަމަ ބޮޑު ޖޫރިމަނާއެއް ހިމަނައި، އާ ގާނޫނެއް އެކުލަވާލައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން އެކަމަށް ބަޔަކު ސޯޝަލްމީޑިއާގައި ވަރަށް ބޮޑަށް ފާޑު ކިޔެވެ. ގިނަ ބަޔަކަށް އެކަން ޖޯކު ކަމަކަށް ސިފަވެ ސޯޝަލްމީޑިއާގައި ވަރު އަރުވާލިއެވެ. ކަންކަން ނޭގެންޏާ ވާނީ އެހެންނެވެ. 

އެހެން ކަމުން މިފަދަ ބިލެއް ހުށައެޅުމުގެ މައިގަނޑު މަގްސަދާއި މެދު ވިސްނާލައި ގާނޫނަކުން ލާޒިމްކޮށްގެން ނަމަވެސް އުފަންވާ ކުދިން ރަޖިސްޓްރީ ކުރުމުގެ މުހިންމު ކަން ރައްޔިތުންނަށް އެނގިފައި އޮތުމަކީ ވަރަށް މުހިންމު ކަމެކެވެ.

ކުއްޖާގެ އުފަންދުވަހުގެ ސެޓްފިކެޓު އޮތުމަކީ މުހިންމު ކަމެކެވެ. އަލަށް އުފަންވާ ކުއްޖާ އަށް ގާނޫނީ ގޮތުން ލިބެންޖެހޭ ހައްގުތައް ކަށަވަރު ވެގެންދާނެ އެއް މަގަކީ އުފަންދުވަހުގެ ސެޓްފިކެޓް އޮތުމެވެ. ގާނޫނީ ގޮތުން ލިބެންޖެހޭ މި ހައްގު ކުއްޖާއަށް ލިބޭނީ އުފަންވިކަމުގެ ރަޖިސްޓްރޭޝަން ހައްދާފައި އޮވެގެންނެވެ.

ކުއްޖާގެ އުފަންދުވަހުގެ ގާނޫނީ ލިޔުމެއް އޮތުމަކީ ކުއްޖާއަށް ބައެއް ހާލަތްތަކުގައި ދޭންޖެހޭ ރައްކާތެރިކަމާއި ހިމާޔަތް ފޯރުކޮށްދިނުމަށް މުހިންމު ވަސީލަތެކެވެ. އަނިޔާ އާއި ނުރައްކާތެރި މާހައުލަކުން ކުއްޖާ ސަލާމަތްކުރެވޭނެ ލިޔުމަކަށް އުފަންދުވަހުގެ ސެޓްފިކެޓް ވެގެންދާނެއެވެ. މިސާލެއްގެ ގޮތުން ބަލާނަމަ ސީރިޔާއަށް ހަނގުރާމައަށް ދިޔަ ބައެއް ދިވެހި އަންހެނުންނަށް ލިބިފައިވާ ކަމަށް ބުނާ ކުދިންގެ އުފަންދުވަހުގެ ރަޖިސްޓްރޭޝަނެއް ނުވަތަ އެނޫންވެސް ލިޔުމެއް ނެތުމުގެ ސަބަބުން އެކުދިން އަސްލާއި ނަސްލު އަދި ހަސަބާއި ނަސަބު ވަނީ ސާބިތު ނުކުރެވިފައެވެ. ދިހަ ހާސް ރުފިޔާ އިން ޖޫރިމަނާ ކޮށްގެންވެސް ކުދިން ރަޖިސްޓްރީ ކުރުން މުހިންމުވަނީ މިހެންވެގެންނެވެ.

އުފަންދުވަހުގެ ސެޓްފިކެޓާއި ނުލާ ކުއްޖާގެ އުމުރުވެސް ކަށަވަރު ނުކުރެވޭނެއެވެ. އިންސާނެއްގެ އުމުރު އެގުން މުހިންމެވެ. އެއީ ޅައުމުރުގައި ކުރުވާ ކައިވެންޏާއި އަދި ގަދަކަމުން މަސައްކަތަށް ނެރުމުން ކުޑަކުދިން ސަލާމަތް ކުރެވޭނެ ހަމައެކަނި ގޮތެވެ. އަލަށް އުފަންވާ ކުއްޖާ ރަޖިސްޓްރީ ނުކޮށް އުފަންދުވަހާއި އައިޑީ ކާޑު ނުހައްދާ ނަމަ އެކުއްޖާ އަކީ ކާކުގެ ދަރިއެއް ކަމެއް، ކޮން ރަށެއްގެ، ކޮން ގައުމެއްގެ ކުއްޖެއްކަން އެނގޭނީ ކިހިނަކުން ހެއްޔެވެ؟

އުފަންވާ ކުއްޖާ އަށް ލިބިދޭ ހައްގުތައް ކަށަވަރު ކުރުމަށާއި ސިއްހީ ފަރުވާ ދިނުން ފަދަ ކަންކަން ކުރުމަށްޓަކައި ވީ އެންމެ އަވަހަކަށް ކުއްޖާގެ އުފަންދުވަހުގެ ރަޖިސްޓްރީ ހައްދައި އުފަންދުވަހުގެ ސެޓްފިކެޓާއި އައިޑީ ކާޑު ފަދަ ލިޔުންތައް ހޯދުމަކީ މައިންބަފައިން/ބެލެނިވެރިން ކުރަންޖެހޭ ކަމެކެވެ. އެއީ ފަރުވާ ކުޑަވެ ލަސްކުރުން ހެޔޮވާނެ ކަމެއް ނޫނެވެ.

ހަދާން ކުރާށެވެ. ދަރިންނަކީ ﷲ ދެއްވާ އަމާނާތެކެވެ. 

Advertisement
ކިޔުންތެރިންގެ ހިޔާލު