Advertisement
Advertisement

އިނގިރޭސި ލީގު ކަޕްގެ ފައިނަލް ފަސްކޮށްފި

ސަޕޯޓަރުންނަށް ވަދެވޭގޮތަށް މަގުފަހިކުރުމަށް މި ސީޒަނުގެ އިނގިރޭސި ލީގު ކަޕްގެ ފައިނަލް ފަސްކޮށްފި އެވެ.

Advertisement

ވެމްބްލީ ސްޓޭޑިއަމްގައި ކުޅޭ ލީގު ކަޕްގެ ފައިނަލް މެޗު ކުރިން ޝެޑިއުލްކޮށްފައި އޮތީ ފެބްރުއަރީ 28 ވަނަ ދުވަހަށެވެ. އެކަމަކު އިނގިރޭސި ފުޓްބޯޅަ ލީގުން މިހާރު ވަނީ ފައިނަލް މެޗު އޮންނަ ތާރީހް އޭޕްރީލް 25 ވާ އާދީއްތަ ދުވަހަށް ބަދަލުކޮށްފަ އެވެ.

މި އަހަރުގެ މާޗް އެއް ވަނަ ދުވަހު މެންޗެސްޓަރ ސިޓީ އާއި އެސްޓަން ވިލާ ވާދަކުރި މިދިޔަ ސީޒަނުގެ ލީގު ކަޕްގެ ފައިނަލް މެޗު ބެލުމަށް 82،145 މީހުން ވެމްބެލީ ސްޓޭޑިއަމަށް ވަނީ ވަދެފަ އެވެ. އިނގިރޭސި ސަރުކާރުން ކަނޑައަޅާފައިވާ މިންގަނޑުތަކުގެ ތެރެއިން ވެމްބްލީ ސްޓޭޑިއަމް ނިސްބަތްވާ ލަންޑަން ހިމެނެނީ ހަތަރު ވަނަ ކެޓަގަރީގަ އެވެ. މިހާރު ހަދާފައިވާ ގަވައިދުގެ ދަށުން ކެޓަގަރީ ތިނަކާ ހަތަރު ވަނަ ކެޓަގަރީގައި ހިމެނޭ ސަރަހައްދުތަކުގައި ކުޅޭ މެޗުތައް ބެލުމެއް ސަޕޯޓަރުންކަށް ނުވަދެވޭނެ އެވެ.

ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ސަޕޯޓަރުން ވެއްދުން މަނާކޮށްފައި އޮތުމަށް ފަހު އިނގިރޭސި ސަރުކާރުގެ ނިންމުންތަކާ އެކު ބައެއް ސްޓޭޑިއަމްތަކަށް ވަކި އަދަދަކަށް ސަޕޯޓަރުން ވެއްދުމުގެ ހުއްދަ މިހާރު ވަނީ ދީފަ އެވެ. އޭޕްރީލް މަހުގެ ފަހުކޮޅަށް ލީގު ކަޕްގެ ފައިނަލް ބަދަލުކުރީ އެހިސާބަށް ދާއިރު ކޮވިޑްގެ ހާލަތަށް ރަނގަޅު ބަދަލެއް އައިސް ގިނަ ސަޕޯޓަރުންނަށް ދަނޑަށް ވަދެވޭނެކަމަށް ބަލައިގެންނެވެ.

ލީގު ކަޕްގެ ކުއާޓާ ފައިނަލް ހަތަރު މެޗުގެ ތެރެއިން މިރޭ ކުޅޭ ނީ ބްރެންޓްފޯޑް އާއި ނިއުކާސަލް ޔުނައިޓެޑް ވާދަކުރާ މެޗާއި އާސެނަލް އާއި މެންޗެސްޓަރ ސިޓީ ވާދަކުރާ މެޗެވެ. މާދަމާ ރޭ ސްޓޯކް ސިޓީ އިން ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށް ނުކުންނައިރު އެވަޓަން ނުކުންނާނީ މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ 20 ކްލަބްގެ ތެރެއިން މިވަގުތު ސަޕޯޓަރުންނަށް ދަނޑަށް ވަދެވެނީ ކެޓަގަރީ ދެއަކަށް ނިސްބަތްވާ ލިވަޕޫލާ އެވަޓަންގެ އިތުރުން ބްރައިޓަން އަދި ސައުތެމްޓަން ކުޅޭ މެޗުތަކަށެވެ. މި ޓީމުތައް ނިސްބަތްވާ ސިޓީތައް ހިމެނެނީ ކެޓަގަރީ ދޭއްގެ ތެރޭގަ އެވެ. މިއިން ކޮންމެ ދަނޑަކަށް ވެސް މެޗެއްގައި ވަދެވޭނީ ގިނަވެގެން 2000 ސަޕޯޓަރުންނަށެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު