Advertisement
Advertisement

މަރަށް މަރުހިފުމުގެ ޙައްދާ ދެކޮޅު ހަދާ މީހުންނަށް ދެތިން ބަހެއް!

ޝެއިޚް ޝަފީޢު ޢަބްދުﷲ

މަރަށް މަރުހިފަން އިންކާރު ކުރާ ބައެއް މީހުން އިންކާރު ކުރަނީ، މަރުވި މަޤްތޫލުގެ ޙައްޤަށްވުރެ ބޮޑަށް ޤާތިލުގެ ޙައްޤަށް އިސްކަން ދީގެންނެވެ. އަނެއް ބައިމީހުން، އެބައިމީހުންގެ ކުފުރުގެ ސަބަބުންނެވެ. އިސްލާމްދީނުގައި މިޙުކުމްފުޅު މިގޮތަށް އޮންނާތީ، އެކަމާ ތަޙައްދީކޮށް ގޮންޖެހުމުގެ ގޮތުންނެވެ.





Advertisement

ނަމަވެސް މި ބަސް މި އަމާޒުކޮށްލަނީ، މުސްލިމުން ކަމަށް ދަޢުވާ ކުރާ، ނަމަވެސް ދީނުގައި މި ޙުކުމްފުޅު އޮތްނެތްގޮތް އެހައި ރަނގަޅަށް ސާފު ނުވެ ތިބެ، މަރަށް މަރު ހިފުމުގެ ޙައްދަކީ، ލާއިންސާނީ ޢުޤޫބާތެއް ކަމަށް ދެކި، އެކަމާ ދެކޮޅު ހަދައި ވާހަކަ ދައްކައި އުޅޭ މީހުންނަށެވެ.





އެހެންކަމުން، އެންމެ ފުރަތަމަ ވެސް ބުނެލަން އޮތީ، އިސްލާމްދީނުގައި ޤަޠުޢީކޮށް (ޤުރުއާނުގެ އާޔަތަކުން ނުވަތަ ޞައްޙަ ޙަދީޘަކުން ނުވަތަ އިޖުމާޢުން ޔަޤީން މިންވަރަށް) ބަޔާންވެފައިވާ އެއްވެސް ޙުކުމްފުޅަކަށް، (އެއީ ދީނުގައި އެޙުކުމްފުޅެއް އޮތްގޮތްކަން ޝައްކެއްނެތް މިންވަރަށް އެމީހަކަށް އެނގުމަށްފަހު) އިންކާރު ކުރުމަކީ އެމީހަކު މިއްލަތުން ބޭރުވެ ކާފަރުވާނެ ކަމެއް ކަމަށެވެ. މިއީ މިކަމާމެދު އެއްވެސް ޢިލްމުވެރިއަކު ދެބަސްވެވަޑައިނުގަންނަވާނެ އިޖުމާޢުލް ޤަޠުޢީކަމެކެވެ. އެހެންކަމުން، މިކަމާމެދު ސަމާލުވުން ހުއްޓެވެ.





އެއަށްފަހު، ދަންނައެވެ. މާތް ﷲ ޙުރުމަތްތެރި ކުރައްވާފައިވާ ފުރާނައެއް ދުއްވައިލުމަކީ އެއްވެސް މީހަކަށް ލިބިގެންވާ ޙައްޤެއް ނޫނެވެ. އަދި އެފަދަ ޖަރީމާއަކަށް އަރައިގެންފި މީހަކަށް ދީނުގައި ކަނޑައަޅުއްވާފައިވާ އަދަބަކީ ޤިޞާޞެވެ. މަރަށް މަރެވެ. ނަމަވެސް އޭގައި މަޤްތޫލުގެ ވާރިޘުންނަށް އެ ޤާތިލަށް މާފުދިނުމުގެ އިޚްތިޔާރު ދެއްވާފައިވާ ގޮތެއްގައެވެ.





ޙުރުމަތްތެރިވެގެންވާ ފުރާނައެއް ދުއްވައިލާ މީހަކީ، ހަމައެކަނި އެންމެ ފުރާނައެއް ދުއްވައިލާ މީހެއް ނޫނެވެ. އެއީ އެތަކެއް ފުރާނެއް ދުއްވައިލާ މީހެކެވެ. ކީރިތި ޤުރުއާނުގައި ވަނީ މީހެއްގެ ފުރާނަ ނެތިކޮށްފި މީހަކީ ހުރިހާ އިންސާނުންގެ ފުރާނަ ނެތިކޮށްފި މީހެއް ކަމުގައެވެ. އަދި މީހެއްގެ ފުރާނަ ސަލާމަތްކޮށްފި މީހަކީ ހުރިހާ އިންސާނުން ދިރުވައިފި މީހެއް ކަމުގައެވެ. މިއީ ދީނުގައި އެކަން ކަނޑައަޅުއްވާފައިވާ ގޮތެވެ.





ނިކަން ވިސްނަވާށެވެ. އެ ޤާތިލު ކަލޭގެ އެ މަރައިލީ މީހެއްގެ ދަރިއެކެވެ. މީހެއްގެ ފިރިއެކެވެ. ނުވަތަ އަނތްބެކެވެ. މީހެއްގެ ބޭބެއެކެވެ. ނުވަތަ ދައްތައެކެވެ. ނުވަތަ ކޮއްކޮއެކެވެ. މީހެއްގެ ގާތް އެކުވެރިއެކެވެ. ތިމާގެ މީހެކެވެ. ދިރިތިއްބާ އޭނާ އެ މަރައިލަނީ މި އެންމެނެވެ.





ދެން އޭނާ އަށް ކޮން ރަޙްމެއް، ކޮން ހަމްދަރުދީއެއްތޯއެވެ؟ ރަޙްމާއި ހަމްދަރުދީ ވާން ވީ މި ދެންނެވި މީހުންނަށް ނޫންތޯއެވެ. ޢުމުރަށް ދެން އެކަމުގައި ހިތާމަ ކުރާނެ މީހުންނަށް ނޫންތޯއެވެ.





އެހެންކަމުން، ވާރިޘުންނަށް މިކަމުގައި ޤާތިލު ކަލޭގެއަށް މާފުދިނުމަށް ދީނުގައި ދެއްވާފައިވާ އިޚްތިޔާރީގެ ޙިކުމަތް މިކަމުން ކޮންމެވެސް ވަރަކަށް ވިސްނައިގަންނަން އެނގޭނެއެވެ.





އެއީ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ކަމަށް ބުނެ އުޅޭ ޖަމްޢިއްޔާއަކަށް ލިބިފައިވާ ޙައްޤެއް ނޫނެވެ. ވޯޓަށް އަހައިގެން ބަދަލުކުރެވޭނެ ކަމެއް ވެސް ނޫނެވެ. އަދި ކިއެއްތޯއެވެ. އެއީ ޢަފޫޢާއްމުގެ ނަމުގައި ވަލިޔުލްއަމްރަށް ވެސް ލިބިގެންވާ ޙައްޤެއް ނޫނެވެ. އަދި އެއީ ޙުކުމްކުރައްވާ ޤާޟީއަކަށް ވެސް ލިބިގެންވާ ޙައްޤެއް ނޫނެވެ. އެއީ ހަމައެކަނި ވާރިޘުންނަށް ލިބިފައިވާ ޙައްޤެކެވެ.





އިސްލާމްދީނަކީ އެންމެ ފުރިހަމަ ދީނެވެ. ޤިޞާޞްގެ ޙުކުމުގައި ބައިވަރު ޙިކުމަތްތައް ހިމެނެއެވެ. އެގޮތުން ދުނިޔެވީ ގޮތުން ބަލާއިރު، އެ މުޖުތަމަޢަކީ ފުރާނަތަކަށް ޙުރުމަތްތެރިކަން ލިބިގެންވާ ތަނެއް ކަމުގައި ހެދުން ހިމެނޭ ކަމަށް ބުނެވިދާނެއެވެ. ޤުރުއާނުގައި ވަނީ ޤިޞާޞް ހިފުމުގައި ޙަޔާތެއް ވާ ކަމުގައި ބަޔާންކުރައްވާފައެވެ. އަދި އެ މުޖުތަމަޢެއްގައި އަމާންއޮމާންކަން ޤާއިމުވެގެން ދާނެއެވެ. އަނެކާގެ ފުރާނަ އަށް ކިތަންމެ ކުޑަ މިންވަރެއްގެ ގެއްލުމެއްވެސް ދޭން ޖެހިލުންވާފަދަ މުޖުތަމަޢަކަށް އެފަދަ މުޖުތަމަޢެއް ވެގެންދާނެއެވެ. އިންސާނީ ޙައްޤަކީ މިއީ ނޫންތޯއެވެ. ހަމަޖެހިގެން އަމިއްލަ ވަޠަނުގައި އަމިއްލަ މުޖުތަމަޢުގައި އުޅުމުގެ ރައްކާތެރިކަމާއި އަމާންކަން ލިބުން ނޫންތޯއެވެ.





މިހާރު އެހެންތޯއެވެ. މިހާރު، ޙުރުމަތްތެރިވެގެންވާ ނަފުސުތައް މަރައިލެވެނީ، މަދިރިއެއް މަރައިލާހާ ފަސޭހައިންނެވެ. ކަޓަރު އަޅައި ފޮތިފޮތިކޮށްލަނީ ގަރުދިޔަ ހަދަން މަސް ކޮށާހެނެވެ. ބިރެއް ނެތެެވެ. ޖެހިލުމެއް ނެތެވެ. ރަޙުމެއްވެސް ނެތެވެ. މިއަދު ގެއިން ބޭރަށް ނުކުންނަ ޖެހިފައި މިވަނީ ބިރުން ތުރުތުރުއަޅާ ޙާލުގައެވެ. ވަޅީ ޙަމަލާއެއްގެ ނުވަތަ ކަޓަރު ޙަމަލާއެއްގެ އަމާޒު ފަތްގަނޑަކަށް ވެދާނެތީއެވެ.





އިސްލާމީ މުޖުތަމަޢެއްގައި، ރަނގަޅަށް ޤިޞާޞްގެ ޙުކުމް ތަންފީޒުކުރެވޭ ތަނެއްގައި، ފުރާނަ އަށް ޙުރުމަތް ލިބިގެން ވާނެއެވެ. އަމާންއޮމާންކަން ލިބިގެން ވާނެއެވެ. މިކަމާ ޖަދަލުކުރަން އުޅޭނެ ކަމެއް ނެތެވެ. ޤިޞާޞް ހިފުމުގައި ދިރުމެއް ވެއެވެ. މިއީ ކީރިތި ޤުރުއާނުގައިވާ އިލާހީ އިޢުލާނެކެވެ. ސިއްރާއި ފާޅު މޮޅަށް ދެނެވޮޑިގަންނަވާ މަތިވެރި އިލާހުގެ އެންގެވުމެކެވެ.  

ކިޔުންތެރިންގެ ހިޔާލު