މަސީޙް މޯލްޑިވުސްއިން ޏ. އަތޮޅު ތަޢުލީމީ މަރުކަޒަށް އޭސީ ހަދިޔާކޮށްފި

މަސީޙް މޯލްޑިވުސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ކުލާސްރޫމްތައް އޭސީ ކުރުމަށްޓަކައި އޭސީ ހަދިޔާކޮށްފިއެވެ.
މިއީ އެ ސްކޫލުގެ ކުލާސްރޫމްތައް އޭސީ ކުރުމަށް ބެލެނިވެރިންނާއި މުދައްރިސުން ގުޅިގެން ކުރަމުންދާ މަސައްކަތުގެ ތެރެއިން ލިބުނު އެހީތެރިކަމެކެވެ.
އޭސީ ހަވާލުކުރުމުގެ ގޮތުން މިއަދު ބޭއްވި ބައްދަލުވުމުގައި މަސީޙް މޯލްޑިވުސްގެ މެނޭޖިންގ ޑިރެކްޓަރ އަލީ މަސީޙް އާއި ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަލީ އަސްލަމް ހުސައިން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި ތަޢުލީމީ މަރުކަޒަށް ބޭނުންވާ އެހެނިހެން ކަންކަމަށްވެސް އެހީތެރިވެދެއްވާނެ ކަމަށް މަސީޙް ވަނީ ވިދާޅުވެފައެވެ.
"ފުވައްމުލަކުގެ ކުރިމަގަކީ މިހާރު ކިޔަވާ ކުދިން ކަމަށްވާއިރު، އެ ކުދިންނަށް ކިޔެވުމުގައި ފަސޭހަ މާހައުލެއް ހޯދައިދިނުމަކީ މުހިންމު ކަމެއް" މަސީޙް ވިދާޅުވިއެވެ.
މިކަމުގައި ފުރިހަމަ އެހީތެރިކަން ދެއްވުމަށް ތައްޔާރަށް ހުންނެވި ކަމުގައިވެސް ވިދާޅުވިއެވެ.
މަސީޙް މޯލްޑިވުސްއަކީ ފުވައްމުލަކުގެ ޒުވާނުންނާއި އިޖްތިމާޢީ ކަންކަމަށް ގިނަގުނަ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ.