Advertisement

ކުޑަކުޑަ ކަމަކުން ބޮޑު ފަރުބަދައެއްގެ ސަވާބާއި ދަރުމަ!

ޝެއިޚް ޝަފީޢު ޢަބްދުﷲ

قال ابن المبارك رحمه الله (رب عمل صغير تكبره النية ورب عمل كبير تصغره النية)



Advertisement

މާތް މަތިވެރި ތާބިޢީ ބޭކަލެއް ކަމުގައި ވާ ޢަބްދުﷲ އިބްނު އަލްމުބާރަކު رحمه الله ވިދާޅުވެފައިވެއެވެ. ވަރަށް ކުޑަ ޢަމަލެއް ފަހަރެއްގައި ނިޔަތުގެ ސަބަބުން ވަރަށް ބޮޑު ޢަމަލަކަށް ބަދަލުވެގެން ހިނގައިދާނެއެވެ. އަދި ހަމައެހެންމެ، ވަރަށް ބޮޑު ޢަމަލެއް ނިޔަތުގެ ސަބަބުން ވަރަށް ކުޑަ ކަމަކަށް ވެގެން ހިނގައިދާނެއެވެ.

ނިކަން މި ބަސްފުޅާ މެދު ވިސްނަވާށެވެ!

މާތް ﷲ އާ މެދު ތިބާގެ ހިތުގައި އޮންނަ އިޚްލާޞްތެރި ކަމެއްގެ ސަބަބުން ތިބާ ކުރާ ކުޑަކުޑަ ޢަމަލެއްވެސް ބޮޑު ސިންގާ ފަރުބަދައެއް ވަރުވެގެން ހިނގައިދާނެއެވެ. އަދި ހަމައެހެންމެ، ފެންނަ ފެނުމަށް ވަރަށް ބޮޑު ސިންގާ ޢަމަލެއް އެއީ ނިކަން ކުޑަކުޑަ ކުނޑިފުކަކަށްވެސް ވެގެން ހިނގައިދާނެއެވެ.





އެހެނީ، މާތް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުގައި ބޭރުފުށުގެ ޢަމަލަކީ އެއްވެސް އަގެއް ހުރި އެއްޗެއް ނޫނެވެ. އޭގައި އިޚްލާޞްތެރިކަމެއް ނެތް ނަމައެވެ.





މިސާލަކަށް؛ ޞަދަޤާތަށް ބަލައިލަމާ ހިނގާށެވެ. މީހަކު ޞަދަޤާތް ކުރަނީ މިލިއަން ރުފިޔާއެވެ. ނަމަވެސް ސަވާބާއި ދަރުމައިގެ ގޮތުން އެއީ ވެލިފުކެއް ވަރުގެ އެއްޗެކެވެ. ކީއްވެތޯއެވެ؟ އެއީ އޭނާ އެ ޞަދަޤާތް ކުރި އިރު ހިތުގައި އޮތީ މީހުންގެ މަދަޙައެވެ. މާތް ﷲ އަށް އޮތް އިޚްލާޞްތެރިކަން ވަރަށް ކުޑައެވެ. އެހެންކަމުން، އޭނާގެ ޢަމަލަކީ ވެލިފުކެއް ފަދަ އެއްޗެކެވެ.

އެއާ ޚިލާފަށް ، މާތް ﷲ ގެ މަގުގައި އެންމެ ރުފިޔާ ފޮއްޗެއް ހޭދަ ކުރި މީހާއަށް ސަވާބާއި ދަރުމައިގެ ގޮތުން އުޙުދު ފަރުބަދަ ވަރުގެ ބޮޑު ފަރުބަދައެއް ވަރުގެ ސަވާބާއި ދަރުމަ ލިބިދާނެއެވެ. އެހެނީ، އޭނާ އެ ހޭދަކުރީ މާތް ﷲ ރުއްސެވުމާއި ފުއްސެވުން އެދިގެން އޭނާ އަކީ މާ ތަނަވަސް މީހަކަށް ނުވި ނަމަވެސް އިޚްލާޞްތެރި ހިތަކުން ކަމަށްވުމުންނެވެ.

ނަމާދުގެ މިސާލަށް ބަލަމާތޯއެވެ؟ އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭނެއެވެ. މާތް ވެގެންވާ މައްކާގެ ޙަރަމްފުޅުގައި ކުރާ ނަމާދެއްގެ ސަވާބާއި ދަރުމައަކީ އެހެން މިސްކިތެއްގައި ކުރާ ނަމާދުގެ އެއްލައްކަ ނަމާދުގެ ސަވާބާއި ދަރުމައެވެ. އެއްލައްކައެވެ. ސުބުޙާނަ ﷲ!

ނަމަވެސް ނިކަން ބައްލަވާށެވެ. ޙަރަމްފުޅުގައި ނަމާދު ކުރި މީހާއަށް ސުމެއް ލިބިދާނެއެވެ. އަދި ރާއްޖޭގެ ރަށެއްގެ އާދައިގެ ކުޑަ މިސްކިތެއްގައި ނަމާދު ކުރި މީހާއަށް އުޑާއި ބިން ފުރޭހާ ސަވާބާއި ދަރުމަ ލިބިދާނެއެވެ. ތަފާތު ވީ ދެމީހުންގެ ނިޔަތެވެ. ޙަރަމްފުޅުގައި ނަމާދު ކުރި މީހާގެ ހިތަށް ވެރިވެފައިވީ ބޮޑާ ކަމާއި ކިބުރުވެރި ކަމާއި ދެއްކުންތެރިކަމެވެ. ރާއްޖޭގައި ނަމާދު ކުރި މީހާގެ ހިތުގައި އޮތީ އިޚްލާޞްތެރިކަމާއި ޚުޝޫޢަތްތެރިކަމާއި ޚުޟޫޢަތްތެރިކަމެވެ. ރުއްސެވުމާއި ފުއްސެވުމަށް އެދޭ ހިތެކެވެ.





އެހެންކަމުން، މިރަމަޟާން މަހުގައިވެސް އަޅުގަނޑުމެން އަޅުކަންތައް ކުރަމުން ދާ އިރު، މިކަންކަން ހަނދުމަ ކުރަންވީއެވެ. ގިނަގިނައިން ނިޔަތް ޚާލިޞް ކުރަންވީއެވެ. އިރުއިރު ކޮޅާ ނިޔަތް މުރާޖަޢާކޮށް މާތް ﷲ ގެ ސަވާބާއި ދަރުމައަށް ހިތް ޚާލިޞް ކުރަންވީއެވެ. އަދި ކުރާ އަޅުކަމުގެ ވާހަކަ މީހުން ކައިރީގައި އެއްވެސް ޖާއިޒު ޙާޖަތެއް ނެތި ދެއްކުމުން ދުރުވާން ވީއެވެ. 

Advertisement
ކިޔުންތެރިންގެ ހިޔާލު