ިހަމުގެ ކެންސަރުން ސަލާމަތް ވުމަށް ސަންސްކްރީން ލޯޝަން

އައިޝަތު ރިޒުވާނާ

 ދިވެހި ރާއްޖޭގެ އަކީ ގުދުރަތީ ގޮތުން ވެސް އަހަރުގެ ގިނަ ދުވަސް ތަކުގައި ވަރަށް އަވިގަދަ ކޮށް އޮންނަ ގައުމެކެވެ. އެހެން ކަމުން އަޅުގަނޑުމެން ދިވެހީން ގިނަވަގުތު އުޅެން ޖެހިފައި މިވަނީ އަވީގައެވެ. ނަމަވެސް އޭގެ ސަބަބުން އަޅުގަނޑުމެންގެ ހަމަށް ލިބެނީ ކިހާވަރެއްގެ ގެއްލުމެއް ކަން އެނގެނީ ކިތަށް މީހުންނަށް ބާވައެވެ؟

ދިވެހީންގެ ބޯދާ ވިސްނުމުގަ އޮންނަ ގޮތުން ސަންސްކްރީން ބޭނުން ކުރަންވާނީ ހަމައެކަނި މޫދަށް ދާންވީމައެވެ. އެވަގުތު ކޮޅަށް ވެސް ސަންސްކްރީން ބޭނުން ކޮށްލަން ލަދުގަންނަ ވަރު ކޮށް ނުލާ ބަޔަކު ނުތިބޭނެއެވެ. "ހޫން..! ތި އުޅެނީ ކަޅުވެދާނެތީ ދޯ..؟ އަހަރުން ބިރެއް ނުގަނޭ..!" މިފަދަ ބަސްތަކުން ސަންސްކްރީން ބޭނުން ކުރާ މީހާ އަށް ދިމާކުރަނީ މަދެއް ކޮށެއް ނޫނެވެ.

އަސްލު ހަމުގެ ކެންސަރުޖެހުމާއި، މޫނުގެ ހަންގަނޑު ކަޅުވެފަ ހުރުން، ނުވަތަ ހަންގަނޑުގެ ރީތިކަން ގެއްލި ދިއުމުގެ އެންމެ ބޮޑު އެއް ސަބަބަކީ އިރުގެ ދޯދި ތަކުން ހަމަށް ލިބޭ ގެއްލުމެވެ.  

މެލާސްމާ 

އިރުގެ ދޯދި ތަކުގެ ސަބަބުން މޫނު މަތީގައި ހުންނަ ލަތް


 އެމެރިކަން އެކެޑެމީ އޮފް ޑާރމެޓޮލޮޖީ (AAD) ގެ ހިސާބު ތަކުން ދައްކާ ގޮތުގައި ހަމުގެ ކެންސަރަކީ އެންމެ އާންމު ކޮށް ޖެހޭ ކެންސަރެވެ. ކޮންމެ ދުވަހަކުވެސް 20 އެމެރިކާ މިީހުން ހަމުގެ ކެންސަރުގެ އެންމެ ނުރައްކާތެރި ވައްތަރު ކަމުގަވާ މެލަނޯމާ ގެ ސަބަބުން މަރުވެއެވެ. މިކަމުގެ ސަބަބެއް ކަމުގައި ވަނީ އިރުގެ ދޯދީ ގެ ބާވަތެއް ކަމުގައި ވާ އަލްޓްރާ ވައިލަޓް ރޭސް ( uv rays) އެވެ.

 އިރުގެ ދޯދި ތަކުން ލިބޭ ނުރައްކަލުން ސަލާމަތް ވާނީ ކޮންމެ ދުވަހަކުވެސް ސަންސްކްރީން ލޯށަނެއް ބޭނުން ކުރުމުން ކަމަށް ވަނީ ހޯދުން ތަކުން ދައްކާފައެވެ. 2018 ވަނަ އަހަރު ސެޕްޓެމްބަރު މަހު ޖާމާ ޑާރމެޓޮލޮޖީ ގެ ހޯދުންތަކުގެ އަލީގައި ޝާއިރު ކޮށްފައިވާ ލިޔުމުން ދައްކާ ގޮތުގައި ފުރާވަރުން ފެށިގެން ކޮންމެ ދުވަހަކުވެސް ގަވާއިދުން ސަންސްކްރީން ލޯށަނެއް ބޭނުން ކުރާ މީހުންނަށް ހަމުގެ ކެންސަރު ޖެހުން ވަރަށް ބޮޑު ތަން ދުރުކޮށް ދެއެވެ. ހަމަ އެގޮތެން ޖާނަލް އޮފް ކްލިނިކަލް އޮންކޮލޮޖީ ގައި ޝާއިރު ކޮށްފައިވާ ލިޔުމުން ދައްކާ ގޮތުގައި ގަވާއިދުން ކޮންމެ ދުވަހަކު ސަންސްކްރީން ލޯށަނެއް ބޭނުން ކުރާ ބޮޑެތި މީހުންނަށް މެލަނޯމާ ޖެހުމުން ދުރުކޮށްދެއެވެ.

ސަންސްކްރީން ލޯށަން އުފައްދާފައި ވަނީ ދެބާވަތެއް ގެ ގޮތުގައެވެ. ކެމިކަލް ސަންސްކްރީން އާއި މިނެރަލް ސަންސްކްރީން އެވެ. ނިއުޔޯކް ސިޓީ ގެ ޔޫނިއަން ސްކެއާރ ޑާރމެޓޮލޮޖީ ގެ ހަމުގެ ހާއްސަ ޑޮކްޓަރެއް ކަމުގައިވާ ޑރ.ޖެނިފާ ވިދާޅުވެފައިވާ ގޮތުގައި މިނެރަލް ސަންސްކްރީން ގައި މައިގަނޑު ގޮތެއްގައި ހިމެނޭ ޒިންކް އޮކްސައިޑް އަދި ޓައިޓޭނިއަމް ޑައި އޮކްސައިޑް އަކީ ހަމުގެ މަތީގައި ހޭކުމުން އިރުގެ ދޯދި ތައް ހަންގަނޑަށް ވަދެގެން ދިއުމުން ދުރުކޮށްދޭ ގޮތަށް ހަދާފައި ހުންނަ ސަންސްކްރީން ލޯށަނެވެ. ނަމަވެސް ކެމިކަލް ސަންސްކްރީން މަސަތްކަތް ކުރަނީ މިގޮތަކަށް ނޫނެވެ. ޖޯޖިއާރ ގެ އޮގަސްޓާ ގެހަމުގެ ހާއްސަ ޑޮކްޓަރެއް ކަމުގައިވާ ޑރ.ލައުރެން ވިދާޅުވެފައިވާ ގޮތުގައި، އިރުގެ ދޯދި ތަށް ހަމުގެ ތެރެއަށް ވަދެގެން ދިޔުމުން، ކެމިކަލް ސަންސްކްރީން ގައި ހިމެނޭ ބާވަތްތަށް ކަމުގައިވާ އޮކްސީ ބެންޒޯން، އެވޯބެންޒޯން، އޮކްޓައިސަލޭޓް، އޮކްޓޯކްރައިލަން، ހޯމޯސަލައިޓް، އަދި އޮކްޓައިނޮކްސޭޓް ފަދަ މާއްދާތަކުން އުފައްދާ ކެމިކަލް ރިއެކްށަނެއްގެ ސަބަބުން އިރުގެ ދޯދިތަށް ހޫނު ވަޔަށް ބަދަލުކޮށް ހަމުން ބޭރުކޮށްލައެވެ.

 މިދެވައްތަރުގެ ސަންސްކްރީން ލޯށަން ގެ ތެރެއިން މިނެރަލް ސަންސްކްރީން ލޯށަން އަކީ އެންމެ ފައިދާ ބޮޑު ވައްތަރު ކަމަށް ހަމުގެ ޑރ އިން ލަފާ ދެއްވައެވެ. ޑރ.ޕްލޮޗް ވިދާޅު ވެފައިވާ ގޮތުގައި އޭނާ ބަލިމީހުން ކައިރީގައި ބުނަނީ މިނެރަލް ސަންސްކްރީން ލޯށަން ގެ މިސާލަކީ ގޭގައި ކައްކާ ހަށިގަނޑަށް ފައިދާ ހުރި ކާނާ އެކެވެ. އޭގެ އަނެއްކޮޅުން ބަލާއިރު ކެމިކަލް ސަންސްކްރީން ލޯށަން ގެ މިސާލަކީ ބޭރުން ގެންނަ ބާރގާ އެއްފަދަ އެއްޗެކެވެ. މިނެރަލް ސަންސްކްރީން ލޯށަން ބޭނުން ކުރާއިރު ގިނައިރު ހާކަން ޖެހިފައި އަވަސް އަވަހަށް ބޭނުން ކުރަން ޖެހުނަސް ދާއިމަށް ބޭނުން ކުރަން އެންމެ ރަނގަޅީ މިނެރަލް ސަންސްކްރީން ލޯށަންއެވެ.

ސަންސްކްރީން ލޯށަން ގެ ބޭނުމަކީ އިރުގެ ދޯދި ތަކުން ހަންގަނޑު ރައްކާތެރިކުރުމެވެ. ހަމުގެ ޙާއްސަ ބޭފުޅުން ވިދާޅުވާ ގޮތުގައި މޫނުމަތި ރީތިކޮށް ގެންގުޅެން ބޭނުންފުޅުވާ ބޭފުޅުންނަށްވެސް ސަންސްކްރީން ލޯށަން އާ ނުލާ ދެން ބޭނުން ކުރާ އެއްވެސް އެއްޗެއްގެ ފައިދާއެއް ނުކުރާނެއެވެ. މޫނުމަތީގަ ރޫޖެހުމުންނާއި ކަޅުވެފައި ހުންނަ ތަންތަން ރަނގަޅު ކޮށް މޫނުމަތި އުޖާލާ ކަން ގެނުވަން ބޭނުންފުޅު ވާނަމަ ސަންސްކްރީން ލޯށަން އަކީ އެންމެ މުހިންމު އެއްޗެވެ. ސަންސްކްރީން ލޯށަން ގަންނަ އިރު ބޭރުގައި ބްރޯޑް ސްޕެކްޓްރަމް ޖަހާފައި އޮތްތޯ ބެލުމާއި އެންމެ ދަށްވެގެން 30 PA++ އޭގައި އެކުލެވިގެން ވޭތޯ ބެލުމަކީ އެންމެ މުހިންމު ކަންތަކެވެ. އަދި ގޭގައި އުޅުނަސް ގަވާއިދުން ކޮންމެ ދުވަހަކުވެސް 1/4 ސައިސަމުސަލަށް ވާވަރަށް ސަންސްކްރީން ލޯށަން މޫނުމަތީގައި އާއި ކަރުގައި ބޭނުން ކުރަން ވާނެ ކަމަށާއި އަދި ބޭރަށް ދާނަމަ ކޮންމެ ދެގަޑިން އަނެއްކާވެސް ސަންސްކްރީން ލޯށަން ބޭނުންކުރަންވާނެ ކަމަށް ޑޮކްޓަރުން ލަފާ ދެއްވައެވެ. 


ކިޔުންތެރިންގެ ހިޔާލު