Advertisement
Advertisement

އެނދު އެޅުމުގައި 21 އަހަރުވީ ތޮލްހަތު

ތޮލް: ގެސްޓް ރޫމެއްގެ އެނދުގައި ތުވާލި ބޭނުންކޮށްގެން އެއްޗެއް ހަދަނީ ތޮލް: ގެސްޓް ރޫމެއްގެ އެނދުގައި ތުވާލި ބޭނުންކޮށްގެން އެއްޗެއް ހަދަނީ

ރީތިކޮށް އެނދު އެޅުމަކީ ރިޒޯޓް ތަކުގައި ހައުސްކީޕިންގް ގައި މަސައްކަތްކުރާ ކުދިންނަށް މާކަ އުނދަގޫ ކަމަކަށް ނުވީ ނަމަވެސް ހަޤީގަތުގައި އެއީ ވަރަށް އުނދަގޫ މަސައްކަތެކެވެ. އެގޮތުން ހައުސްކީޕިންގް ގައި ރޫމްބޯއީ އެއްގެ ގޮތުގައި މަސައްކަތް ކުރާ ތޮލްހަތް އަކީ މިރޮނގުން ވަރަށް ފާހަނގަކޮށްލެވޭ ފަރާތެކެވެ.

Advertisement

ތޮލްހަތު ބުނީ މިމަސައްކަތް ކުރާތާ މިހާރު 21 އަހަރު ވެފައިވާ ކަމަށެވެ. ތޮލްހަތު އަކީ އަބަދުވެސް ކަމެއް ކުރާއިރު އެކަމަށް ވަރަށް ފަރުވާތެރިކަމާއި އެކު ކުރާ މީހެކެވެ. މިކަން ކުރާގޮތް ކިޔާދެމުން ތޮލްހަތު ބުނީ މިހާރު ތުވާލި ބޭނުންކޮށްގެން ވަރަށް ގިނަ ވައްތަރުގެ ޖަނަވާރު އަދި ގަސް ވެސް ހަދައެވެ. އެގޮތުން ކަހަނބު، ކުއްތާ، އިންސާނުން އަދި މިނޫނަސް ވަރަށްގިނަ ބާވަތްތަކުގެ އެއްޗިހި ހަދާކަމަށެވެ. ބައެއް ފަހަރު ޔޫޓިއުބް ފަދަ ޗެނަލް މެދުވެރިކޮށްވެސް އިތުރު ފަންނު ދަސް ކުރާކަމަށްވެސް ތޮލްހަތު ބުންޏެވެ. 

ދުވާލަކު 6 ރޫމް އަޅާ ކަމަށްވަނީ ނަމަ މަހެއްގެ މައްޗަށް 540 އެނދު އެޅޭނެއެވެ. އެއީ އަހަރެއްގެ މައްޗަށް 6480 އެނދެވެ. މި އަދަދު 21 އަހަރަށް ބަހާލީމަ 136،080 އެނދު އެޅިފައި ހުންނާނެ ކަމަށް ދައްކައެވެ. ނަމަވެސް އަޅާ ކޮންމެ އެނދަކީ މިފެންވަރަށް އަޅާ އެނދެއް ނޫނެވެ. ބައެއްފަހަރު މިކަހަލަ ޚާއްސަ އެނދެއް ހަދާނީ ގެސްޓުން ފުރަން އެންމެ ފަހު ދުވަހަށްވީމަ ނުވަތަ ހަނީމޫން ގެސްޓުންނަށާއި އަންހެންމީހާ ނުވަތަ ފިރިހެންމީހާ ސަޕްރައިޒް ކުރަންވެސް ބައެއްފަހަރު މިކަހަލަ ކަންތަށް ރޫމްބޯއިންނާއި ގުޅިގެންވެސް ކުރެއެވެ. އަދި މިފެންވަރަށް ހަދާފައި ހުންނަ އެނދުގައި ގެސްޓުމީހާ ނުނިދަންވެގެން ބްލޭންކެޓް އޮތްގޮތަށް ނަގާފައި ބިންމަތީގައިވެސް ބާއްވާފައި އޮންނަ ކަންވެސް ފާހަނގަ ކުރަން ޖެހެއެވެ.

ސިއްރު ފެންފުށީގައި މަސައްކަތްކުރަމުންދާ ތޮލްހަތު ބުނީ މިހާރު ފޭސްބުކްގައި ޕޭޖެއްވެސް ހަދާ އެ ޕޭޖް ހިންގަމުންވެސްދާ ކަމަށެވެ. ރައްޓެއްސަކާ ދެމީހުން ވެގެން ފެށި މިމަސައްކަތުގައި މިހާރު 2،300 އަށްވުރެ ގިނަ މީހުން ފޮލޯ ކުރެއެވެ. މި ޕޭޖްގެ ނަމަކީ "އެޗްކޭ ބެޑް ޑެކަރޭޝަން އެންޑް ޓަވަލް އާޓްސް" އެވެ. އަދި މި ޕޭޖްގެ ލިންކް ތިރީގައި އެވަނީއެވެ.

2019 ވަނަ އަހަރު ތޮލްހަތު ހަދާފައި އަމިއްލަ ފޭސްބުކް ގައި ޝެއާރ ކުރި ވީޑިއޯއެއް މިހާރުވެސް އެބަ އިނެވެ. މި ވީޑިއޯ މިހާރު 7000 ވުރެ ގިނަ ވިއުސް ލިބިފައިވާއިރު މި ވީޑިއޯއިން ފެނިގެންދަނީ ތުވާލި ބޭނުންކޮށްގެން ކިނބުލެއް ހަދާ މަންޒަރެވެ. ވަރަށް ފުރިހަމައެވެ. ބަލާ ފޫހި ނުވާނެ މަންޒަރެކެވެ. މި ވީޑިއޯ ބަލައިގެން މިގޮތަށް ހަދަން ދަސްކުރާނަމޭވެސް ހިތަށް އެރިއެވެ. ދެން މި ވީޑިއޯވެސް ބަލާލަމާ ހިނގާށެވެ.

ތޮލްހަތުއަށް ވަނީ މިހާރުވެސް ވަޒީފާ އަދާކުރި ކޮންމެ ރިޒޯޓަކުންވެސް އެތަކެއް ހަނދާނީ ލިއުން ލިބިފައެވެ. އެގޮތުން އެންމެ ފާހަނގަ ކޮށްލެވެނީ އެންމެ ޝަރަފުވެރި އެއް މަޤާމު ކަމުގައިވާ "އެމްޕްލޯއީ އޮފްދަ މަންތު" ލިބޭ ފަހަރެވެ. މިއީ މުޅި ރިސޯޓުގެ ހުރިހާ ޑިޕާޓްމެންޓްގެ ސްޓާފުންގެ މެދުގައި ހޮވާ ވަނައެކެވެ. މި މަޤާމުވެސް އެތަކެއް ފަހަރު ތޮލްހަތު ވަނީ ހާސިލްކޮށްފައެވެ. މިކަހަލަ ރީތި އެނދު ހަދާ މަންޒަރު ގިނަ ގިނައިން ވީޑިއޯ ނުކުރަނީ ކީތްވެތޯ ސުވާލުކޮށްލަމުން ބުނީ ވަޤުތު ނުވަނީ ކަމަށެވެ. ކޮންމެ ރޫމެއްވެސް ތައްޔާރު ކުރަން ލިބެނީ ވަރަށް ކުޑަ ވަގުތުކޮޅަކަށް ވުމުން އެކަހަލަ ކަމެއް ކުރާނެހާ ވަޤުތެއް ނޯންނަކަމަށް ތޮލްހަތު ބުންޏެވެ. ގެސްޓުންގެ ފަރާތުން ވަރަށް ހިތްހަމަޖެހޭ ކޮމެންޓް އަބަދުވެސް ލިބޭ ކަން ފާހަނގަ ކުރަމުން ތޮލް ބުނީ ކޮންމެ ގެސްޓަކުވެސް ފުރައިގެންދަނީ އަލުން އެނބުރި އައިސް ދިމާވާނެ ކަމުގެ އުންމީދުގައެވެ.

ފުވައްމުލަކަކީ މިފަދަ އެތަކެއް ފަންނާނުން އުފެދިފައިވާ، އަދި މިހާރުވެސް މިދާއިރާގައި ހަރަކާތްތެރިވަމުންދާ މީހުން ދިރިއުޅޭ ރަށެއްކަން ފާހަނގަ ކޮށްލަން ޖެހެއެވެ. ހަމަ އެއާއިއެކު ވޭތުވެދިޔަ މަދު ދުވަސްކޮޅެއްގެ ތެރޭގައި މިގޮތަށް ރިޒޯޓް ތަކުގައި ގިނަ ދުވަހު މަސައްކަތްކޮށްފައި ތިބި ބައެއް ހުނަރުވެރިން މިހާރު ފުވައްމުލަކަށް ދިރިއުޅުން ބަދަލުކޮށް މިހުނަރު ދައްކާލަމުންދާކަމީވެސް އުފާކުރަންޖެހޭ ކަމެކެވެ. 

ކޮންމެ ތަނެއްވެސް ކުރިއަރައިގެންދާނީ އެތަނެއްގައި ދިރިއުޅޭ ބަޔަކު ކުރި މަސައްކަތަކުންނެވެ. އަހަރެމެންގެ ރަށް ކުރިއަރާނީ ހުރިހާ ފަންނެއް އެކުލެވޭގޮތަށް ރަށުގައި މީހުން ދިރިއުޅެގެންނެވެ. މިހާރު ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އާމްދަނީ ލިބޭނެ ވަސީލަތްތަށް ރަށުގައި މަދު ވުމެވެ. ނަމަވެސް މިހާރު ކޮންމެވެސް ވަރަކަށް ރަށުގެ އިޤްތިސޯދު ކުރިއަރާ މަންޒަރު ފެންނަމުންދާ ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު