Advertisement
Advertisement

ދުނިޔެ ބަދަލުކުރަން ނޫޅެ ތިމާގެ އަމިއްލަ ނަފްސު ބަދަލު ކުރާށެވެ

އަހުމަދު މިސްބާހް މުނީރު

ކުރީ ޒަމާނެއްގައި ވަރަށް މުއްސަނދި އަދި ބާރު ހުރި ރަސްކަލަކު އުޅުއްވިއެވެ. އެ ރަސްގެފާނުގެ ރަސްކަމުގެ ބާރު ފޯރާ ހުރިހާ ހިސާބެއްގައި އުޅޭ އެންމެހާ ރައްޔިތުން ދިރިއުޅެމުން ގެންދިޔައީ ވަރަށް އުފަލާ ހިތްހަމަ ޖެހުމުގައެވެ. އެމީހުންނަށް ދަތިވާ އެއްވެސް ކަމެއްނޯވެއެވެ. އެމީހުން ދިރިއުޅެމުން ގެންދިޔައީ ވަރަށްވެސް ތިޔާގިކަމާއި، ބާއްޖަވެރިކަމާ އެކުގައެވެ. އަދި އެރަސްކަމުގެ އެއްމެހާ ރައްޔިތުން ވެސް އެމީހުންގެ ރަސްގެފާނާ މެދު ވަރަށް ބޮޑަށް ފަޚުރުވެރިވެއެވެ.

އެއް ދުވަހަކު ޤައުމުގެ ތާރީޚީ ބިނާތަކާއި، އަޅުކަންކުރާ ތަންތަނަށް ޒިޔާރަތް ކޮށްލައި އެތަންތަނުގެ ޙާލަތު ބަލައިލުމަށް ރަސްގެފާނު ނިންވައިފިއެވެ. މި ދަތުރު ކުރެއްވުމަށް ރަސްގެފާނު ނިންމެވީ ހިންގަވާފައެވެ. އެގޮތަށް ނިންމެވީ ދަތުރުގެ ތެރެއިން ރައްޔަތުންނާ ބައްދަކޮށްލައި ޙާލުއަޙްވާލު ބައްލަވައި ރައްޔަތުންނަށް ދަތިވެފައިވާ ކަންތައް އޮޅުންފިއްލެވުމަށެވެ. މިގޮތުން ރަސްގެފާނު މިދަތުރުފުޅަށް ހިންގަވާފައި ނިކުންނަވައި ޤައުމުގެ ތާރީޚީ ތަންތަނާއި، އަޅުކަންކުރާ ތަންތަން ބައްލަވައި، އެކި ޝަހަރުތަކުގެ ރައްޔަތުންނާ ބައްދަލުކުރައްވަމުން ވަޑައިގެންނެވިއެވެ.

މިދަތުރުފުޅުގައި މުޅި ޤައުމުގެ ހުރިހާ ޝަހަރަކަށާއި އަވަށަކަށް ރަސްގެފާނު ވަޑައިގެންނެވިއެވެ. ރަސްގެފާނު ވަޑައިގެންނެވި ކޮންމެ ޝަހަރަކުންވެސް އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދެންނެވިއެވެ. ހުރިހާ ޝަހަރެއްގެ އަދި މުޅި ގައުމުގެ ހުރިހާ ރައްޔަތުން ވެސް ތިބީ ވަރަށް އުފަލުންނެވެ. އަދި ހުރިހާ ރައްޔިތުން ވެސް ފަޚުރުވެރިވެފައި ތިބީ އެމީހުންގެ ރަސްގެފާނުގެ ހިތްހެޔޮކަމާއި ދީލަތިކަމުންނެވެ. މިކަމާ ރަސްގެފާނު ހުންނެވީ ވަރަށް ބޮޑަށް އުފާވެ ހިތްހަމަޖެހިވަޑައިގެންނެވެ.

މި ދަތުރުފުޅުގައި އެރަސްގެފާނު ހިތާމަ ކުރައްވަން ޖެހުނު އެއް ކަމަކާ ދިމާވިއެވެ. އެއީ އެ ދަތުރުފުޅުގައި އެތައް ހިސާބެއްގެ ދުރަށް ހުސްފައިގައި (އެދުވަސްވަރަކީ ފައިވާން ލައި އުޅުނު ޒަމާނެއްނޫނެވެ) ހިންގަވާފައި ވަޑައިގެންނެވުމުގެ ސަބަބުން، އެމަނިކުފާނުގެ ފައިންޕުޅު ހަލާކުވެ ތަޙައްމަލް ކުރަން އުދަގޫވާ ވަރަށް ފައިންޕުޅަށް ތަދުވުމެވެ. މިކަން ރަސްގެފާނުގެ ވަޒީރުންނާ ހިއްސާކުރައްވައި ވިދާޅުވިއެވެ. "އަހަރެންގެ ޤައުމުގެ ރައްޔިތުން ހުސްފައިގައި ހިނގާފައި އުޅޭއިރު އެމީހުންގެ، ހާލާ މެދުގައި އަހަރެން ވަރަށް ކަންބޮޑުވަމެވެ." އަދި މިކަމާ ކަންބޮޑުވެޑައިގެން ޤައުމުގެ ހުރިހާ މަގުތަކެއްގައި ރައްޔަތުންނަށް ހިގަން ފަސޭހަވާނެގޮތަށް ލެދަރުގެ ދޫލައެއް (ކާޕެޓެއް) ލުމަށް އަންގަވައިފިއެވެ.

ބޮޑު ޤައުމެއްގެ ހުރިހާ މަގެއްގައި ދޫލަ އެޅުމަކީ އެތައް ލައްކަ ކަންބަޅި ބަކަރިއެއް ކަތިލަން ޖެހިދާނެ ކަމަކަށްވުމާ އަދި ދައުލަތުގެ ބައިތުލްމާލާ ނުބައްދަލު އެތަކެއް ބޮޑެތި ޚަރަދުތަކެއް ހިގާނެ ކަމަކަށްވާތީ މިކަމާ ރަސްގެފާނުންގެ ވަޒީރުން ވަރަށް ފިކުރުބޮޑުވެ ކަންބޮޑުވެއްޖެއެވެ.

މިކަމާ މެދު ރަސްގެފާނު ވަޒީރުން ވިސްނަން ތިއްބާ ދުވަސްވީ މީހަކު ބުނެފިއެވެ. "ރަސްގެފާނެވެ، ތިއަށްވުރެ މާ ރަގަޅު ގޮތެއްގެ ވާހަކަ އަޅުގަނޑު ދަންނަވާފާނަމެވެ." ރަސްގެފާނު އެއީ ކޮންގޮތެތޯ އެއްސެވުމުން އޭނާ ބުންޏެވެ. "ހުރިހައި މަގެއްގައި ލެދަރުގެ ދޫލައެއް ލުމުގެ ބަދަލުގައި މަނިކުފާނުގެ ފައިންޕުގެ ބައްޓަމާއި އެއްގޮތަށް ލެދަރުކޮޅެއް ކަފައިގެން ބޭނުންފުޅުކުރެއްވިއްޔަ މާ ރަގަޅުވާނެ ނޫންތޯއެވެ."

ދުވަސްވީ މީހާގެ މޮޅު ޚިޔާލާ މެދު ރަސްގެފާނު ވަރަށް ބޮޑަށް ހިތްޕުޅާ ހަމަކުރައްވައި އެމަނިކުފާނުންގެ ފައިންޕުޅާ އެއްގޮތަށް ފައިވާން ޖޯޑު ކޮޅެއް ހަދައިގެން ގެނައުމަށް އަމުރު ކުރައްވައިފިއެވެ. އަދި ޤައުމުގެ އެންމެންވެސް އެގޮތަށް ފައިވާން ހަދައިގެން ފައިވާންލުމަށް އަމުރުކުރައްވައިފިއެވެ.

ޢިބްރަތް؛ ތިމާގެ ވަށައިވާ މާހައުލުގައި ހިނގާކަންކަމާއި، ތަކެއްޗާއި އަދި މީހުންނަކީ ކޮންމެ ފަހަރަކު ތިބާޔަށް ބާރުފޯރުވޭނެ ކަންކަމެއް ނޫނެވެ. ވީމާ އެހެން މީހުންނާ ތަކެތި އިސްލާހު ކުރަންނޫޅެ ތިމާ އަމިއްލަޔަށް އިސްލާހުވެ އެހެން މީހުންނަށް ނަމޫނާޔަކަށް ވާށެވެ.





















ތަރުޖަމާ: އަހްމަދު މިސްބާހު
މުނީރު

ކިޔުންތެރިންގެ ހިޔާލު