މަސްވެރިޔާ އާއި ސައުދާގަރުގެ ދޮރުވާނު
އެއް ޝަހަރެއްގައި ވަރަށް މުއްސަނދި ސައުދާގަރެއް އުޅުނެވެ. އޭނާ އެއްދުވަހަކު އޭނަގެ ރަޙުމަތްތެރިންނަށް ކެއުމެއް ދޭން ބޭނުން ވިއެވެ. މިގޮތުން ވަރަށް ބޮޑު ޖާފަތެއް އޭނާ ތައްޔާރު ކުރިއެވެ. އެޖާފަތުގައި ކަނޑު މަހުގެ ބާވަތްތައް ފިޔަވައި، ދުނިޔޭގައި ލެއްވި ހުރިހާ ވައްތަރެއްގެ ކާއެއްޗެހި ތައްޔާރުކޮށްފައި ހުއްޓެވެ. މަސް މާރުކޭޓު ބަންދުކޮށްފައި ހުރުމުގެ ސަބަބުން ކަނޑު މަސް ނުލިބުނީއެވެ.
ސައުދާގަރު ބޭނުންވީ އޭނަގެ ޖާފަތުގައި ކަނޑުމަސް ވެސް ހުންނާށެވެ. އެހެންކަމުން ކަނޑު މަހެއް ގެނެސްދިން މީހަކަށް ވަރަށް ބޮޑު ހަދިޔާއެއް ދޭނެކަމަށް އެޝަހަރުގެ އެންމެނަށް ސައުދާގަރު އެންގިއެވެ.
އެޚަބަރު ލިބުމުން އެޝަހަރުގެ މަސްވެރިއަކު ސައުދާގަރަށް ވަރަށް ބޮޑު ތާޒާ މަހެއް ހިފައިގެން އައެވެ. އެހެން ނަމަވެސް ސައުދާގަރުގެ ކިއްލާގެ ދޮރުވާނު، މަސްވެރިޔާ އެތެރެއަށް ވައްދަން ދެކޮޅު ހެދިއެވެ. އަދި ބުންޏެވެ.
"އަހަރެން ކަލޭ އެތެރެއަށް ވައްދާނީ ސައުދާގަރު ކަލެއްޔަށް ދޭ ހަދިޔާގެ ދެބައިކުޅަ އެއްބައި އަހަރެންނަށް ދޭ މަތިންނެވެ."
އަދި މިކަމަށް މަސްވެރިޔާ ވަޢުދު ކުރުވައިފިއެވެ. އެއަށްފަހު މަސްވެރިޔާ އެތެރެއަށް ވައްދައިފިއެވެ. މަސްވެރިޔާ ފެނިފައި ސައުދާގަރު ވަރަށް އުފާވިއެވެ. މަސްވެރިޔާ ގެނައި މަސް ބޮޑުވެފައި ތަޒާކަމުންނެވެ.
ކޮންމެއަކަސް، ސައުދާގަރު އިޢުލާން ކޮށްފައިވާގޮތަށް މަސްވެރިޔާއަށް ފަންސާސް ރަން ފައިސާ ފޮތީގެ ކީސާއެއް ހަދިޔާކުރިއެވެ. މަސްވެރިޔާ އެ ރަން ކީސާ އަތުލާން ދެކޮޅުހެދިއެވެ. އަދި ބުންޏެވެ.
"ހަދިޔާއެއްގެ ގޮތުގައި އަޅުގަނޑުގެ ގައިގައި ދުއްރައިން ސަތޭކަ އެތިފަހަރު ޖައްސަވާށެވެ." މިކަމާއި ސައުދާގަރާއި އޭނަގެ އައުލާދުން ވަރަށް ޙައިރާން ވިއެވެ. ސައުދާގަރު އެތައް ފަހަރަކު އާދޭސް ކުރުމުންވެސް މަސްވެރިޔާ ބޭނުންވީ އޭނާގެ ގައިގައި ދުއްރައިން ސަތޭކަ އެތިފަހަރު ޖަހާށެވެ.
ސައުދާގަރު އޭނަގެ ޚާދިމުން ގާތު މަސްވެރިޔާގެ ގައިގައި ދުއްރައިން ސަތޭކަ އެތިފަހަރު ޖެހުމަށް އެންގިއެވެ. މަސްވެރިޔާގެ ގައިގައި ތަޅަމުން ގޮސް ފަންސާސް އެތިފަހަރު ހަމަވީމާ މަސްވެރިޔާ ހަޅޭއްލަވައިގަތެވެ.
"ދެން ހުއްޓާލާށެވެ. ދެން ހުއްޓާލާށެވެ. ހަދިޔާގެ އެއްބައި ދޭން ޖެހޭ ރަޙްމަތްތެރިޔަކު އެބަހުއްޓެވެ."
އެވަގުރު ސައުދާގަރު ސުވާލު ކުރިއެވެ.
"އެއީ ކާކު ހެއްޔެވެ؟" މަސްވެރިޔާ ޖަވާބު ދިނެވެ.
"ސައުދާގަރުގެ ކިއްލާގެ ދޮރުވާނުއެވެ."
ވެގެން އުޅޭގޮތް ސައުދާގަރަށް ރަގަޅަށް އޮޅުންފިލައިފިއެވެ. ދޮރުވާނު ގެނެސް އޭނާގެ ގައިގައި ދުއްރައިން ފަންސާ އެތި ފަހަރު ޖެހުމަށް ފަހު އޭނާގެ ދޮރުވާނުކަމުން ވަކިކޮށްފިއެވެ. އަދި މަސްވެރިޔާއަށް ހަދިޔާއެއްގެ ގޮތުގައި ފަންސާސް ރަން ފައިސާ ފޮތީގެ ކިސާއެއް ދިނެވެ.
ޢިބުރަތް: މީހަކަށް ރަގަޅުކަމެއް ކޮށްދީފިއްޔާ އެކަމުގެ ހެޔޮ ޖަޒާ ކޮންމެވެސް ދުވަހަކުން އަނބުރާ ލިބޭނެއެވެ. އަދި މީހަކަށް ގޯސްކޮށް ކަމެއްކޮށްފިއްޔާ އެކަމުގެ ނުބައި ޖަޒާ ތިބާޔަށް ލިބޭނެވެ.
ތަރުޖަމާ: އަޙުމަދު މިސްބާޙު މުނީރު