ހިތް އަތުލުމަށްވެސް ސައިންސަކީ މުހިންމު އެއްޗެއް

ރައްޓެހިން ތަކެއް އެކީގައި ވަގުތު ކޮޅެއް ހޭދަކުރަނީ 
ފޮޓޯ: އޭ.އައި ޖެނެރޭޓެޑް ރައްޓެހިން ތަކެއް އެކީގައި ވަގުތު ކޮޅެއް ހޭދަކުރަނީ ފޮޓޯ: އޭ.އައި ޖެނެރޭޓެޑް

ސުރުހީގައި ހަޔާތުގެ ބައިވެރިޔާ ހޯދުމަށް 'އިސްތިރި' އެކޭ އޮތުމުން މިލިއުމަކީ އިސްތިރި ވަރިތޮޅީގެ ފަންޑިތަ ދަސްކޮށްދޭ ލިޔުމެއްކަމަށް ހީވުމަކީ މައްސަލައެއް ނޫނެވެ. އަދި ކުރު އިސްމެއް ބިލަތްގަނޑެއްގައި ލިޔެ ފެންފޯކާ، ކާފޫރުތޮޅި އާއި ކަރަންފުލާއި، ހުނި އަދިވެސް މީރުވާނެހެން ހީވާ އެއްޗެއް ލައިގެން ދުފަމުންގޮސް ރަތްކުޅު ގަނޑެއް 'ސެޓު' ކުރަން ބޭނުންވާ މީހާގެ ކުރިމައްޗަށް ޖަހާ ލޯބި ހުށަހެޅުމުން 'ސެޓް' ވާނެ ކަމަށް ބުނާ މުޖައްރިބު ފަންޑިތައެއް ދަސްކޮށްދޭން އުޅެނީއޭ ހީވުމަކީވެސް މައްސަލައެއް ނޫނެވެ. ނަމަވެސް އެ އިސްތިރި ވަނީ ރަތްކުޅުގަނޑު ވެއްޔާ މޮޑެވުނު ފަދައިން މާޒީއާއި އެކު ނެތިގެން ގޮސްފައެވެ. މިިލިޔުމުގައި އަޅުގަނޑު ބަލާލާނީ ސައިންސްގެ އަލީގައި ހަޔާތުގެ ބައިވެރިއެއް ހޯދުމަށް ބޭނުން ކުރެވިދާނެ އުކުޅު ތަކެކެވެ.



އުކުޅުތަކެކޭ ބުނުމުން ފަހަރެއްގައި މިއީ ތޯތޯ ވާހަކައެކޭ ހިތަށް އެރުން އެކަށީގެންވެއެވެ. ނަމަވެސް މިއީ ސައިންސްގެ އަލީގައި ހެދިފައިވާ ދިރާސާތަކާއި ފަންނީ މާހިރުން އެއްކޮށްފައިވާ މަޢުލޫމާތުތަކުގެ އަލީގައި ކިޔުންތެރިންނާއި ހަމަޔަށް ގެނެސްދޭ ހަދިޔާއެކެވެ. ޝައުޤުވެރިކަމާއި އެކު ކިޔާލާށެވެ. ތިޔަ ބޭނުންވާ 'އިސްތިރި' ޒަމާނަށް ފައްތައި މުޖައްރިބު ފަންޑިތަތައް ކިޔައިދޭނަމެވެ. އިންސަޓަގްރާމްއިން ފެންނަ ފޮޓޯއަކަށް ލައިކު ޖަހާ ޖަހާ އެކުއްޖާ ބަހެއް ނުކިއެވެ. ފޭސްބުކުން ގުޑު މޯނިން ގުޑު ނައިޓަށް ވާއިރުވެސް ބަހެއް ނުކިއެވެ. މާޔޫސްވެ އެހެން ދިމާލަކަށް ދޮށި އުކަންވީ ދޯއޭ ވަރަށް ހިތަށްކަށް ނާރާނެތޯއެވެ. ތިޔަ އުކާ ދޮށީގައި ހުރީ ހުސްބުޅިއަކަށް ވީމަ ކޮޔޮޅުކަން ކާމިޔާބު ނުވީކަމަށް ވެދާނެއެވެ. ބުޅީގަައި އަޅުވާނެ އެންކޮޅެއް ހަދިޔާއަކަށް ދޭނަމެވެ. ކުރިޔަށް ދަމާތޯއެވެ.



އެންމެ ފުރަތަމަ ކަމަކަށް ސުވާލެއް ކޮށްލާނަމެވެ. އެހާ ސްޓައިލިޝް ނޫން އަދި ފެންނަ ފެނުމަށް ސްމާޓް ފިރިހެނުންކަމަށް ނުބެލެވޭ މީހުން ވަރަށް ރީތި އަންހެންކުދިން ހަޔާތުގެ ބައިވެރިންނަށް ހަދައި ކައިވެނިވެސް ކޮށްގެން ވަރަށް އުފަލުގައި އުޅޭތަން ދެކެން ހެއްޔެވެ. މިއީ ވިސްނާލުން މުހިންމު ނުކުތާއެކެވެ. އެއޮތް 'ކަޓު ސްޓައިލް' ގެ މީހާއަށް އެއޮތް ރީތި ކުއްޖާ ހިތްޖެހުނީ ކީތްވެ ހެއްޔެވެ. ޖަވާބަކީ ސިކުނޑިއެވެ. އެ 'ކަޓު ސްޓައިލް' ފިރިހެން މީހާއާއި އެކު އެންމެ ކޮފީއަކަށް އަރާބަލާށެވެ. އޭނާގެ މަޢުލޫމާތުގެ މުއްސަނދިކަމާ އަޑުއެހުމުގެ ޤާބިލްކަމަށް ކޮންމެ މީހަކުވެސް ތަޢުރީފު ކުރާނެއެވެ. އަންހެނުން އެންމެ ގިނައިން ކުރާ އެއް ޝަކުވާއަކީ ފިރިހެނުން އެމީހުން ދައްކާ ވާހަކަ އަޑު ނާހާ ވާހަކައެވެ. މިއީ އެންމެ ފުރަތަމަ ފަންޑިތައެވެ. ތިޔައީ މަޢުލޫމާތު މުއްސަނދި އަޑުއެހުންތެރިޔަކަށް ވާށެވެ. މަޢުލޫމާތު މުއްސަނދި ކުރުމަށް ގިނަގިނައިން ރަގަޅު މަޢުލޫމާތު ލިބޭ ލިޔުންތައް ކިޔާށެވެ. މަޢުލޫމާތު މުއްސަނދި ނަމަ އެވެރިން އެދައްކާ ވާހަކައާއި އެކުރާ ކޫސަނި ޝަކުވާއަށް ދޭނެ އެކަށީގެންވާ ޖަވާބު ދިނުމުގެ ޤާބިލްކަން ހުންނާނެއެވެ. މިލިޔުން މުއްސަނދި ކަމަށް ދަޢުވާއެއް ކުރަނީއެއް ނޫނެވެ. އެކަމަށް އިންސާފުކުރާނީ މި ލިޔުން ފެށިގެން ނިމެންދެން ކިޔާ ކިޔުންތެރިންނެވެ.



ދިރާސާތަކުން ދައްކާގޮތުގައި އަންހެނުން އެންމެ ގަޔާވަނީ އޭނާ ގިނަގިނައިން ހެއްވާލުމުގެ ޤާބިލުކަން ހުންނަ ފިރިހެނުންނަށެވެ. އަދި ފިރިހެނުން އެންމެ ގަޔާވަނީ އެމީހުން ބުނާ ހެއްވާ މަޖާ ބަސްބަހަށް ހިނި އަންނަ އަންހެނުންނަށެވެ. ފިރިހެނަކު އަންހެނަކު ދެކެ ގަޔާވެ 'ކްރަޝް' އެއް އުފެދިގެން އުޅޭކަން އަންހެނަކަށް އެނގެން ނަގަނީ މަދު ސިކުންތު ކޮޅެކެވެ. ނަމަވެސް އަންހެނަކު ފިރިހެނަކަށް ގަޔާވެގެން އުޅޭކަން އޭނާއަށް އެނގެނީ ފުދޭވަރަކަށް އިރުފަހުންނެވެ. އަންހެނުން އެދޭ ސިގްނަލްތައް ފިރިހެނުންނަށް ޑިކޯޑް ކުރެވެނީ ތަންކޮޅެއް ލަހުންނެވެ. މީގެ ސައިންސަކީ ބޮޑީ ލެންގުއޭޖު ދެނެގަންނަށް އަންހުންނަށް ފަސޭހަވުމެވެ.



ފިރިހެނުން ހާސްނުވާށެވެ. އެ އަންހެންކުއްޖާ ލައިކު ވަންޏާ އޭނާގެ ކިބައިން ފެންނާނެ އަލާމާތްތައް ކިޔައިދޭނަމެވެ. މިސާލަކަށް ގުރޫޕެއްގެ ތެރޭގައި ތި ދެމީހުން ތިބިއިރު ކޮންމެވެސް މީހަކު ޖޯކެއް ބުނެލިއެވެ. އެވަގުތު އެންމެން ހިނގަނޑު ފަޅައިގެން ދިޔައެވެ. އެކުއްޖާ ތިބާ ދެކެ ގަޔާވާނަމަ އޭނާ ހިނިގަނޑު ފަޅައިގެންދާ ގޮތަށް ފުރަތަމަ ވެސް ބޭއިޚުތިޔާރުގައި ބަލާލެވޭނީ ތިބާއަށެވެ. އެވަރުން ނިމުނީއެއް ނޫނެވެ. އޮޅިގެން ބޮލުގެ އިސްތަށިގަނޑާ އަމިއްލައަށް ކުޅެލާނެއެވެ. ނުވަތަ ބުރުގާ ރީތި ކޮށްލާނެއެވެ. އަދި އޭނާގެ ފައިތިލަ ހުންނާނީ ތިބާއާއި ދިމާލަށް އޮލަނބަށްވާ ގޮތަށެވެ. ކައިރީގައި ހުރެވޭ ވަގުތު އޭނާގެ ލޮލުގެ ކަޅިއަށް ބަލާލާށެވެ. ކަޅީގެ މެދު ނުވަތަ ކޮއި އާދަޔާ ހިލާފަށް ބޮޑު ވާނެއެވެ. ކައިރިވާ ވަރަކަށް ލޮލުން އެކަން ފެންނާނެއެވެ. ކޯތާފަތާއި ތުންފަތް އަސްލު ކުލައަށް ވުރެ ރަތްވާން ފަށާނެއެވެ. އެކަމަކު މާގިނައިން މޭކަޕް ކޮށްފަ ހުރެއްޖެ ނަމަ މިއީ ނޭނގިދާނެ ނިޝާނެކެވެ. އަދި ތިބާއާއި ވާހަކަ ދައްކާނީ އެހެން މީހުންނާއި ވާހަކަ ދައްކާ އަޑަށް ވުރެ ތޫލި އަޑަކުންނެވެ. ލޯބިވެތިކަން އިހުސާސް ކުރެވޭނެއެވެ. މިނިޝާންތައް ފެނިއްޖެނަމަ މާލަސް ނުކޮށް ލޯބި ހުށައަޅާށެވެ. ނުވަތަ 'ޑޭޓް' އަކަށް އިންވައިޓް ކޮށްލާށެވެ. މުޖައްރިބު ފަންޑިތައަކީ މި އަލާމާތްތައް ތިބާއަށް އެނގުމެވެ.



ސޯޝަލް މީޑިއާއަށް ޖެހިލަން ހިނގާށެވެ. ރީތިކުއްޖެއް ފެންނައިރަށް ލައިކު ޖެހިޔަސް އަޅައެއް ނުލާނެއެވެ. 'ހައި' ޖެހުމުން 'ސީން ޒޯން' ކޮށްލާނެއެވެ. އަޅެ އެކުއްޖާގެ އިންސްޓަގްރާމްގެ އެންމެ މަދުން ލައިކު ލިބިފަހުރި އެންމެ ދުވަސްވީ ފޮޓޯއަށް އަޖުމަ ބަލާލަން ލައިކެއް ދީބަލާށެވެ. ތިޔައީ ކާކުތޯ ބަލަން ޝައުގުވެރިކަން އުފެދޭނެއެެވެ. ފަހަތުގައިވާ ސައިންސަކީ ތަފާތުކަމެއް ކުރާ މީހަކާ މެދު ވިސްނުމުގެ ފުރުސަތު ބޮޑުކޮށް އޮންނާތީއެވެ. އެކުއްޖާ އޮންލައިންގައި ހުންނަ ވަގުތުބަލާ މޮޅެތި ޕޯސްޓްތައް ކޮށްލާށެވެ. ގިނަގިނައިން ފެނުމަކީ ފަންޑިތައެކެވެ. ކަސޯޓީގެ ކޮންމެ 10 މިނެޓަކުން އިސްތިހާރެއް އަންނަނީ ސިކުޑިއާއި ކުޅުމަށެވެ. އޯކޭ! ވާހަކަ ދައްކަން ފެށުނީއެވެ. އެންމެ މުހިންމުކަމަކީ ކަނުލާ އަޑުއަހުމެވެ. އޭނާގެ ވިސްނުމާ ފިކުރާ ތިބާގެ ވިސްނުމާ ފިކުރާ ގުޅޭކަން ޔަޤީން ކުރާށެވެ. ވީހާވެސް ގިނައިން ވަގުތު ދޭށެވެ. ދިރާސާތައް ދައްކާގޮތުން އަހަރުމެން ހަޔާތުގެ ބައިވެރިޔަކަށް ހޯދަނީ އަހަރުމެންގެ ވިސްނުމަށް އާނއެކޭ ބުނުމުގެ ޤާބިލުކަން ހުންނަ މީހުންނަށެވެ. އަހަރުމެންގެ ވިސްނުމާ ފިކުރު 'ގެޓު' ވާ މީހުންނެވެ. 'ގެޓު' ނުވާ ނަމަ 'ސެޓު' ވިޔަސް ކަޓާނެއެވެ.



އަދި މިއީ 'އިސްތިރީގެ' ފުރަތަމަ ބައެވެ. ދެވަނަ ބައިގައި މިއަށްވުރެ މުޖައްރިބު ފަންޑިތަ ހުންނާނެ ކަމުގެ އުފާވެރި ހަބަރު ދެމެވެ. އިންތިޒާރު ކޮށްލައްވާށެވެ.





ނޯޓު: މަޢުލޫމާތު ނަގާފައިވަނީ:



The Definitive book of body language



Why Men Don’t Listen and Women Can’t read maps



މި ދެފޮތަކީ އެތަށް އަހަރެއްގެ ދިރާސާތަކާއި ސައިންޓިފިކްޓް ހެކިތަކުގެ މައްޗަށް ބިނާކޮށް އެލަން + ބާބަރާ ޕީސް ލިޔެފައިވާ ފޮތްތަކެކެވެ.



މީގެ އިތުރުން ބޮސްޓަން ޔުނިވާސިޓީގެ ރިސާޗް



The Science of Attraction: Why Do we fall for certain people? އިން މަޢުލޫމާތު ނަގާފައިވާނެއެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު