Advertisement
Advertisement

އަލީ ޒާހިރު މަގާމުން ވަކިކޮށް ތަހުގީގެއް ހިންގުމަށް މަލީހު ޖަމާލު ގޮވާލައިފި

މަލީހު ޖަމާލް މަލީހު ޖަމާލް

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނެވި ފުވައްމުލަކަށް ނިސްބަތްވެވަޑައިގަންނަވާ އަލީ ޒާހިރު (އަލިޕީ) މަގާމުން ވަކިކޮށް އެބޭފުޅާގެ މައްޗަށް ތަހުގީގުތައް ހިންގުމަށް މަލީހު ޖަމާލު އަދި އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ގޮވާލައިފި އެވެ.

Advertisement

މި ސަރުކާރުގެ ފުރަތަމަ ޓެކްނޮލޮޖީ މިނިސްޓަރުކަމުގައި، މަގާމުގެ ޒިންމާ އަދާނުކުރެވޭ ކަމަށް ބުނެ ރައްޔިތުންގެ މަޖިލިސް އިން އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި މިނިސްޓަރު ކަމުން އަޒުލު ކުރުމާއި ހަމައަށް ހުންނެވި، ފުވައްމުލަކު ދޫޑިގަން އަވަށަށް ނިސްބަތްވެވަޑައިގަންނަވާ މުހައްމަދު މަލީހު ޖަމާލު ކުރެއްވި ޓްވީޓެއްގައި ވަނީ އަލީ ޒާހިރުގެ ފޯނު ހިފަހައްޓައި ތަހުގީގެއް ކުރުމަށް ފުލުހުންނަށް ގޮވާލާފަ އެވެ.އަދި އިދިކޮޅުގެ މައި އޮފީހުގައި އޮތް ނޫސްވެެރިންގެ ބައްދަލްވުމެއްގައި އިދިކޮޅުގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަނީ އަލީ ޒާހިރު މިހާރުން މިހާރަށް މަގާމުން ދުރު ކުރުމަށް ގޮވާލާފައެވެ. އަދި ރައީސް ޔާމީން މިނިވަން ކުރުމަށްވެސް އަދުރޭ ވަނީ ގޮވާލައްވާފަ އެވެ. 

އިދިކޮޅު ޕީޕީއެމް އިން އެކި ފަރާތްތަކަށް އިންޒާރު ދީ، މަގާމު ތަކުން ވަކި ކުރުމާއި އަދި ޖަލަށް ލާނެ ކަމުގެ ބިރު ދައްކަމުންދާ މި ދަނޑިވަޅުގައި އަލީ ޒާހިރުގެ ވާހަކަ ދެކެވެން ފެށީ ރައީސް ޔާމިންގެ ޖަލު ހުކުމާއި ގުޅުވައިގެންނެވެ. ރައީސް ޔާމިންގެ މައްސަލަ ސްޕްރީމް ކޯޓުގައި މި ސެޕްޓެމްބަރު މަހު ފެށުމަށް ތައްޔާރުވަމުން ދާއިރު އިދިކޮޅު ޕީޕީއެމުން ދަނީ މައްސަލައަށް ނުފޫޒު ފޯރުވުމަށް އެކި އުކުޅުތައް ބޭނުން ކޮށްގެން މަސައްކަތް ކުރަމުންނެވެ. ސްޕްރީމް ކޯޓުގައި ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމް ދަމަހައްޓައިފިނަމަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދައެއް ނުކުރެވޭނެ އެވެ.

ޕީޕީއެމްގެ އިސްވެރިޔަކު މި ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި އެބޭފުޅުން އަލީ ޒާހިރު (އަލިޕީ) ކޯޓުތަކުގެ ފަނޑިޔާރުންނަށް ގުޅުއްވާ މައްސަލަތައް ނިންމަވަންވީ ގޮތް އަންގަވާ ނުފޫޒު ފޯރުވާ ކަމަށް ޕީޕީއެމުން ތުހުމަތު ކުރަނީ އެމައްސަލަ ސަރުކާރާއި އަދި ރައީސް ސޯލިހު އާއި ގުޅުވުމުގެ ބޭނުމުގަ އެވެ. އަދި އަލީ ޒާހިރަކީ ރައީސް ސޯލިހު އެންމެ އިތުބާރު ކުރައްވާ އެއް ބޭފުޅާ އަށް ވުމުންނާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ކަމަށް ވުމުން އެބޭފުޅާ އަށް މީހުން ކުރަމުން އަންނަ އިތުބާރާއި އަދި އެބޭފުޅާގެ ނަޒާހަތްތެރިކަން އާންމުގެ މެދުގައި ގެއްލުވާލުމަށެވެ.

އަލީ ޒާހިރާއި ދެކޮޅަށް ރައިީސް ޔާމީންގެ ވެރިކަމުގައި ސިޔާސީ މީހުންގެ މައްޗަށް ނުހައްގުން ހުކުމް ކުރި ދެ ފަނޑިޔާރުންތަކެއް ދެއްކި ވާހަކަތައް އަލީ ޒާހިރު ވަނީ ވަނީ ދޮގު ކުރައްވާފަ އެވެ. އަދި އެފަދަ ކަމެއް ނުކުރައްވާ ކަމަށް ހަތް ފަހަރު ވެސް ހުވާ ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.

އަލީ ޒާހިރު ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތު ކުރި ދެ ފަނޑިޔާރުންނަކީ ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ކްރިމިނަލް ކޯޓުގެ ކުރީގެ ފަނޑިޔާރު ހަސަން ނަޖީބެވެ. އެބޭފުޅުން ދެއްކި ވާހަތައް އަމާޒު ކުރި ގިނަ ފަރާތްތަކުން ވަނީ އެވާހަކަތައް ދޮގުކޮށްފަ އެވެ. އެގޮތުން ކުރީގެ ކްރިމިނަލް ކޯޓުގެ އިސް ގާޝީ ހައިލަމް ވެސް ވަނީ އެ ފަނޑިޔާރުން ދެއްކި ވާހަކަތައް ދޮގު ކުރައްވާފަ އެވެ. އަދި މި ފަނޑިޔާރުންނަކީ ރައީސް ޔާމީންގެ ސަރުކާރުގައި ސިޔާސީ ފަރާތްތަކުގެ މައްޗަށް ނުހައްގުން ހުކުމްކޮށް އަދި ރައީސް ޔާމީންގެ ކެމްޕޭނުގައި އުޅެފައިވުމުން އެ ބޭފުޅުންގެ އަދުލުވެރިކަމާއި ނަޒާހަތްތެރިކަން ގެއްލި ސުލޫކީ މައްސަލަތައް ޖުޑީޝަލް ސާވިސް ކޮމިޝަނަށް ސާބިތުވެފައި ވަނިކޮށް އިސްތިއުފާ ދެއްވާފައިވާ ބޭފުޅުންނެވެ. 

Advertisement
ކިޔުންތެރިންގެ ހިޔާލު