Advertisement
Advertisement

ފުވައްމުލަކުގައި އައިޓީ ފެކަލްޓީއެއް ޤާއިމް ކުރަން 35،000 އަކަ ފޫޓުގެ ބިމެއް ދިނުމަށް ކައުންސިލުން ފާސްކޮށްފި

ކައުންސިލަރ އިބްރާހިމް މުޙައްމަދު ކައުންސިލަރ އިބްރާހިމް މުޙައްމަދު

ފުވައްމުލަކުގައި އައިޓީ ފެކަލްޓީއެއް ޤާއިމް ކުރަން 35،000 އަކަ ފޫޓުގެ ބިމެއް ދިނުމަށް ކައުންސިލުން ފާސްކޮށްފިއެވެ. ފުވައްމުލަކުގައި އައިޓީ ފެކަލްޓީއެއް އެޅުމަކީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހްގެ ރިޔާސީ ވަޢުދެކެވެ. މިގޮތަށް ފާސްވީ ކައުންސިލްގެ 4 ވަނަ ދައުރުގެ 15 ވަނަ ޖަލްސާގައި މިއަދު ފޭސްބުކުން ލައިވްކޮށް ބޭއްވި ބައްދަލުވުމުގައި ބައިވެރިވި 6 މެމްބަރުންގެތެރެއިން 5 މެމްބަރުންގެ އަގްލަބިއްޔަތުންނެވެ. ވަކިކޮޅަކަށް ވޯޓު ނުދެއްވާ 1 މެމްބަރަކު ހުރި ކަންވެސް ފާހަނގަ ކުރަން ޖެހެއެވެ. އެއީ މި ބިލުގައި އެންމެ ކަންބޮޑުވުން ހުރިކަމަށް ވާހަކަ ދެއްކެވި ކައުންސިލަރ އިބްރާހިމް މުޙައްމަދު އެވެ.

Advertisement

މި ބިލާއި ބެހޭގޮތުން ވާހަކަ ދެއްކެވި ގިނަ ކައުންސިލަރުން ފުވައްމުލަކުގައި ގައުމީ ޔުނިވާސިޓީގެ ފަރާތުން އައިޓީ ފެކަލްޓީއެއް ޤާއިމް ކުރުމަށް ތާއީދު ކުރި ކަމުގައިވީނަމަވެސް މި ކަމުގައި ކަންބޮޑުވާ ބައެއްކަންކަން ހުރިކަން ފާހަނގަ ކުރެއްވިއެވެ. އެގޮތުން ވާހަކަދައްކަވަމުން ކައުންސިލަރ އިބްރާހިމް މުހައްމަދު ވިދާޅުވީ، އެންމެ ފުރަތަމަ ގައުމީ ޔުނިވާސިޓީއިން މީގެ އަހަރެއްކުރިން އެދިފައިވީނަމަވެސް ކުރީގެ ކައުންސިލުން އަޅާނުލާ އޮތީ ކީތްވެތޯ ސުވާލު ކުރެއްވިއެވެ. ހަމަ އެއާއިއެކު ޤައުމީ ޔުނިވާސިޓީގެ އެދުމުގައިވަނީ ލިބެންހުރި އެންމެ ބޮޑު ބިމެއް ހޯދަން އެދިފައިވާތީ އެކަމަށްވެސް އިބްރާހިމް މުހައްމަދު ފާޑުވިދާޅުވިއެވެ. އަދިވެސް ބިލުގައި ހުރި ބައެއް ކަންކަމާއި ގުޅިގެން ހުރި ކަންބޮޑުވުން ފާހަނގަ ކުރެއްވިއެވެ.

މި ބިލާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އިނާޔާ ވިދާޅުވީ، ތަޢުލީމަކީ މުހިއްމު އެއްޗެއް ކަމުގައެވެ. ހަމަ އެއާއިއެކު އެޑިއުކޭޝަނަލް ޓުއަރިޒަމް ވެސް ކުރިއަރައިގެންދާނެ ކަމަށްވެސް ބެލެވޭ ކަމަށެވެ. އެގޮތުން ފުވައްމުލަކު އައިޓީ ފެކަލްޓީގައި ކިޔަވަން ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ދަރިވަރުން އައުމަކީ ދެކެން ބޭނުންވާ މަންޒަރެއް ކަމަށް އިނާޔާ ފާހަނގަ ކުރެއްވިއެވެ. ދެވަނަ ފުރުސަތުގައި އިބުރާ ވިދާޅުވީ 35،000 އަކަފޫޓުގެ ބިމެއް ދޭއިރު އެތަނުގައި ހުންނާނީ ކޮން ވަސީލަތެއްތޯ ސުވާލު ކުރެއްވިއެވެ. އެގޮތުން 60 ފޫޓް އިމާރާތެއް ހަދާ ބާކީ ހުރި ބިމުގައި ކުރާނީ ކޮންކަމެއްތޯވެސް ސުވާލު ކުރެއްވިއެވެ.

މި ބިލަށް ބައެއް މެމްބަރުން ވަނީ އިސްލާހެއް ހުށަހަޅާފައެވެ. އެގޮތުން ބިލަށް އިތުރުކުރަން ހުށެހެޅި އެއް އިސްލާހުގައި ވާގޮތުން 6 މަސްދުވަސް ވުމުގެ ކުރިން އަމަލީ މަސައްކަތް ފަށަންޖެހޭގޮތަށް ހިމެނުންވެއެވެ. އަދިވެސް 18 މަސް ވާއިރު އަމަލީ މަސައްކަތް ނުހިނގާނަމަ ކައުންސިލަށް ބިން ނެގޭގޮތަށްވެސް ވަނީ ބަދަލު ގެނެސްފައެވެ.


Advertisement
ކިޔުންތެރިންގެ ހިޔާލު