Advertisement
Advertisement

އައިއެސް ޖަމާއަތުގެ ރާއްޖޭގެ ލީޑަރު ކަމަށް ތުހުމަތު ކުރާ އަމީން ހައިކޯޓުން މިނިވަންކޮށްފި

ޏ. ފުވައްމުލައް މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީން ޏ. ފުވައްމުލައް މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީން

އައިއެސް ޖަމާއަތުގެ ރާއްޖޭގެ ލީޑަރު ކަމަށް ދައުލަތުން ތުހުމަތު ކުރާ، ޏ. ފުވައްމުލައް މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީންގެ މައްޗަށް ދައުވާކޮށްފައިވަނީ މުއްދަތު ހަމަވި ފަހުން ކަމަށް ކަނޑައަޅައި, އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ހައިކޯޓުން މިއަދު ބާތިލްކުރުމުން އަމީން ބަންދުން މިނިވަންވެއްޖެއެވެ. 

Advertisement

އަމީންގެ މައްޗަށް ކުރާ ދައުވާތައް: އަމީންގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި އަދި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ.ހައި ކޯޓުން އެ ހުކުމްތައް ބާތިލްކޮށްފައިވަނީ ދައުވާކުރަން ކަނޑައެޅި މުއްދަތުގައި ދައުލަތުން (ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން) އަމީންގެ މައްޗަށް ދައުވާނުކުރުމުގެ ސަބަބުންނެވެ.

އަމީން އާއި ޓެރަރިޒަމް އާއި އޮތީ ކޮން ގުޅުމެއް؟ އަމީނަކީ 2007 ވަނަ އަހަރު ސަލްޓަންޕާކުގައި އައިއީޑީ ގޮއްވާލުމުގެ މާސްޓާމައިންޑު ކަމަށް ބެލެވޭ މީހާ އެވެ. ޓޫރިސްޓުންނަށް އަމާޒުކޮށްގެން ސަލްޓަން ޕާކުގައި ބޮން ގޮއްވާލިފަހުން އޭނާ ވަނީ ފިލަން ވެގެން ރާއްޖެއިން ފުރައިގެން ގޮސްފަ އެވެ. އޭނާ ހޯދަންވެގެން އިންޓަޕޯލް ރެޑް ނޯޓިސް ވެސް ނެރުނެވެ. އެފަހުން އަމީން ހައްޔަރު ކުރީ ދިވެހި ފުލުހުންނާއި ސްރީލަންކާގެ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ލަންކާގެ ކޮލޮމްބޯއިންނެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ނުރައްކާތެރި ޓެރަރިސްޓުންގެ ލިސްޓުގައި ވެސް އަމީން ވަނީ ހިމަނައިފައެވެ. އެއީ އައިއެސް އަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭތީއެވެ. އެގޮތުން ފައިސާގެ އެހީތެރިކަމާއި، މުދަލާއި، ޓެކްނޮލޮޖީގެ ދާއިރާއިންވެސް އައިއެސް އަށް އަމީން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ތުހުމަތު ކުރެއެވެ.

އަމީން ފަދަ ނުރައްކާތެރިކަމަށް ބުނާ ޓެރަރިސްޓަކު މިނިވަންވި ހަބަރާއި އެކު އާއްމުންގެ ރުޅި އާއި އެކު ޕްރޮސެކިއުޓާ ޖެނެރަލް ވަނީ އަމީންގެ މައްޗަށް ކުރި ދައުވާތައް ބާތިލު ކުރުމުން އެ މައްސަލަ ސްޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމާފައިވާ ކަމަށް ބުނެ ޓްވީޓްކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު