Advertisement
Advertisement

ފުވައްމުލަކު ޕެޓްރޯލް ޝެޑެއްގައި ނުރައްކާތެރި ހާދިސާއެއް ހިނގައިފި

ފުވައްމުލަކު ޕެޓްރޯލް ޝެޑެއްގައި ނުރައްކާތެރި ހާދިސާއެއް ހިނގައިފިއެވެ. 

Advertisement

ފުވައްމުލަކުގައި އިއްޔެ ހިނގި މިހާދިސާގައި ގެއްލުން ލިބިފައިވަނީ ފުވައްމުލަކު އަންހެނަކަށެެވެ. މިހާދިސާ ހިނގާދިޔަގޮތް ކިޔާދެމުން މިހާދިސާގައި އަނިޔާވި އަންހެންމީހާ "ރަށިކަބަރޮ" އަށް ބުނީ އާދައިގެމަތިން ޕެޓްރޯލް ޝެޑަށް ދިޔައީ ސައިކަލަށް ޕެޓްރޯލް އަޅަން ކަމަށެވެ. ގޮސް ޕެޓްރޯލް އަޅަން ފެށުމުން ސައިކަލް ތެދުކޮށްގެން ހުއްޓާ ކުއްލިއަކަށް މުޅި ގަޔަށް ޕެޓްރޯލް އެޅުނީ ކަމަށެވެ. ހަމަ އެއާއިއެކު މުޅި މޫނު އަދި ލައިގެން ހުރި ހެދުން އެއްކޮށްްހެން ތެމި ފޯވިއެވެ. މުޅި މޫނު، އަދި ލޮލުން ދިލަ ނަގަން ފެށިއެވެ. ހާދިސާ ހިނގައިދިޔަ ގޮތް ކިޔާދެމުން ބުނީ އެވަގުތު ލޯ ނުހުޅުވޭ ކަމަށާއި އެހީއަށް އެދި ގޮވި ކަމުގައިވީނަމަވެސް ޕެޓްރޯލް އަޅަން ހުރި ކުއްޖާ އެއްވެސް ކަމެއް ނުކުރެއެވެ. ނަމަވެސް އެވަގުތު އެތެރޭގައި ހުރި ކުއްޖާ އެތަނުން ފެން ހޮޅިއެއް ގެނެސް ފެން ޖެހިއެވެ. ހޮސްޕިޓަލަށް ވެސް ދިޔައީ އެވަގުތު އެސަރަހަށްދަށް އައި ރައްޓެއްސަކާއި އެކުގައި ކަަމަށް އޭނާ ބުންޏެވެ. މިހާދިސާގެ ސަބަބުން ލައިގެން ހުރި ހެދުން އަދި އައިނުވެސް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެގެން ދިޔައެވެ. އަދި މިކަމުގެ ސަބުން މިހާރުވެސް މޫނުމަތިންވެސް ދިލަ ނެގުން ރަނގަޅު ނުވާކަމަށްވެސް އޭނާ ބުންޏެވެ.

މިހާދިސާ ހިނގައި ދިޔަގޮތް މިހާރު ބަލާފައިވާ ކަމަށް ހޯކްސް އިން ވާހަކަ ދެއްކި ފަރާތުން ބުންޏެވެ. އެ ކަން ހިނގަން މެދުވެރިވި ސަބަބަކީ ތެޔޮ އަޅަން ބޭނުންކުރާ ގަން ގެ އެތެރޭގައި ހުންނަ އެއްޗެއް ހަލާކުވެގެން ކަމަށެވެ. މި މެޝިންތަކަކީ ގިނަ ދުވަސްވެފައި ހުރި މެޝިންތަކެއް ކަން ވެސް ފާހަނގަ ވެސް ކުރިއެވެ. އަދި މިހާރު ހުރިހާ މެޝިންތަކެއް ބަދަލު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށްވެސް އެފަރާތުން މަޢުލޫމާތު ދިނެވެ.

ތަނުގެ މުޢައްޒަފުންނަށް ފަޔާރ ޓްރެއިނިންގް ނުވަތަ ފަސްޓްއެއިޑް އެނގޭނެތޯ "ރަށިކަބަރޮ" އިން ސުވާލުކުރުމުން އޭނާ ބުނީ ނޭގޭނެ ކަމަށެވެ. އަދި އެފަދަ ތަމްރީނުތަކެއް އަދި ދީފައި ނުވާނެ ކަމަށެވެ. ނަމަވެސް ކުރިއައް އޮތްތަނުގައި އެފަދަ ތަމްރީނުތަކެއް ދިނުމަށް ތައްޔާރުވަމުން އަންނަކަމަށްވެސް އޭނާ ޚަބަރު ދިނެވެ.

އަލިފާން ހިފާ ޒާތުގެ ސާމާން ގަނެ ވިއްކާ ތަންތަނުގައި ތިބޭ މުޢައްޒަފުން ވާންޖެހޭނީ ފަސްޓްއެއިޑް އަދި ބޭސިކް ފަޔާރ ފައިޓިން ހަދާފައި ކަމަށް ގިނަ ބަޔަކު ދެކެއެވެ. މިއީ މިފަދަ ތަންތަނުގައި ޢަމަލު ކުރާގޮތެވެ.

ފުވައްމުލަކުގައި ސަރުކާރުން ހިނގާ އެފް އެސް އެމް ގެ މުޢައްޒަފަކު ބުނީ އެ ސްޓޭޝަނުގައި މަސައްކަތްކުރާ ހުރިހާ މުއައްޒަފުން ވެސް ތިބީ ފަޔާރ ފައިޓިން ހަދާފައި ކަމަށެވެ. ނަމަވެސް  ފަސްޓްއެއިޑް ޓްރެއިނިން އަދި ހަދާފައި ނެތް ނަމަވެސް ހުރިހާ ކުދިންނަށްވެސް އެފަދަ ހާލަތެއްގައި ކަން ކުރަންޖެހޭ ގޮތް ވާނީ ކިޔާދެވިފައި ކަމަށްވެސް އެފަރާތުން މި ނޫހަށް މަޢުލޫމާތު ދިނެވެ. އަދި ވަރަށް އަވަހަށް ފަސްޓްއެއިޑް ވެސް ހެދުމަށް ވަނީ ހަމަޖެހިފައި ކަމަށް ވެއެވެ.

ފުވައްމުލަކަކީ ވެސް މިހާރު ގިނަ އެއްގަމު ދަތުރުފަތުރު ކުރާ އުޅަނދު ހުރި ތަނަކަށް ވުމުގެ ސަބުން ކުރިއަށްވުރެ މިހާރު ޝެޑަށް ބާރު ބޮޑުވާ ވަގުތު ވެސް އަންނަ ކަން ފާހަގަ ކުރެވެއެވެ. ނަމަވެސް މިފަދަ ތަންތަނަކީ ބަރާބަރަށް ސާވިސް ދެވިގެން ސަލާމަތީ ގޮތުން އެޅެން ހުރި ފިޔަވަޅުތަށް އެޅިފައި ހުންނަ ތަނަކަށް ވާންޖެހެއެވެ. އެހެން ނޫނީ ކުރިއަށް އޮތްތަނުގައި މިއަށްވުރެ ހިތާމަވެރި ހާދިސާތަށް ހިނގުމަކީ އެކަށީގެންވާ ކަމެކެވެ.

މިހާދިސާގައި ގެއްލުން ލިބުނު ފަރާތުން މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްއަށް މައްސަލަ ހުށަހަޅާފައެވެ. އަދި މި މައްސަލަ ބަލާ ދަޢުވާ ކުރުމަށްވެސް އެދިފައެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު