Advertisement
Advertisement

ފުވައްމުލައް ހޮސްޕިޓަލްގެ އިހުމާލުތަކާއި ދެކޮޅަށް ހޮސްޕިޓަލް ދޮށަށް

މިއަދުގެ އެއްވުމުގެ ބައިވެރިން މިއަދުގެ އެއްވުމުގެ ބައިވެރިން

ފުވައްމުލައް ސިޓީގެ ހޮސްޕިޓަލުން މިފަހަކަށް އައިސް ބޮޑެތި އިހުމާލުތަކެއް ވަމުންދާތީ އެކަމާއި ދެކޮޅަށް އެރަށު ރައްޔިތުންތަކެއް ރެއާއި މިއަދު ހަވީރު ހޮސްޕިޓަލް ދޮށަށް އެއްވެ އަޑުއުފުލައިފިއެވެ. 

 ރައްޔިތުންގެ ބަޔަކު ހޮސްޕިޓަލް ދޮށަށް މި އެއްވީ އިއްޔެ ހަވީރު ފުވައްމުލަކު ހޮސްޕިޓަލުގެ އިހުމާލުން ކުޑަކުއްޖަކު ނިޔާވިކަމަށް އާއިލާއިން ތުހުމަތުކޮށްފައި ވަނިކޮށެވެ. އިއްޔެ ނިޔާވެފައިވަނީ އުމުރުން ހަ އަހަރުގެ ސަދާ ސައުދުﷲ އަހުމަދު އެވެ. 

ސަދާގެ މަރުގެ މައްސަލަ: ސަދާ ނިޔާވީ ބަނޑަށް ތަދުވެ، ހޮޑުލެވޭތީ ހެނދުނު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް އިއްޔެ ހަވީރުއެވެ. ސަދާ ސައުދުﷲ މަރުވާން މެދުވެރި ސަބަބެއް ހޮސްޕިޓަލުން މިހާތަނަށް ސާފުކޮށްދީފައެއް ނުވެ އެވެ. ނަމަވެސް މި ނޫހަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު އާއިލާއިން ތުހުމަތުކުރަނީ ސަދާގެ ގަޔަށް ހޮސްޕިޓަލުން ޖެހި އިންޖެކްޝަނަކަށް ފަހު ހަރަކާތްތައް ހުއްޓިގެން ނިޔާވީއެވެ. ސަދާގެ ބައްޕަ ސައުދު 'ހުރިހާ' ނޫހަށް މައުލޫމާތު ދެމުން ބުނެފައިވާ ގޮތުން ސަދާ އަކީ ޖީސިކްސް ޕީޑީ ޑިފިޝިއަންސީ ކުއްޖެކެވެ. (މިފަދަ ބަލިމީހުން ވަރަށް ގިނަ ބާވަތުގެ ބޭސްތަކާއި ކާއެއްޗެއްސަށް އެލާޖިކް ވާނެއެވެ. އަދި ސިއްހީ ފަރުވާދިނުމުގައި ހާއްސަ ގޮތެއް ބަހައްޓަންޖެހޭނެއެވެ.)

ސަދާގެ މަރާއި އެކު ރޭވެސް ފުވައްމުލަކު ހޮސްޕިޓަލް ދޮށަށް ބަޔަކު ވަނީ އެއްވެ ހޮސްޕިޓަލުގެ ހިދުމަތުގެ ފެންވަރާއި ދޭތެރޭ ހިތްހަމަނުޖެހޭ ކަމަށާއި ހޮސްޕިޓަލުގެ ވެރިން އިސްތިއުފާ ދިނުމަށް އެދި އަޑުއުފުލާފައެވެ. ހޮސްޕިޓަލް ދޮށަށް އެއްވީ ނިސްބަތުން މަދު ބަޔަކަށް ވިޔަސް ސޯޝަލްމީޑިއާގައި ފުވައްމުލަކުގެ ގިނަ ބަޔަކު ވަނީ ރަށުގެ ސިއްހީ ހިދުމަތުގެ ފެންވަރާއި މެދު ހިތްހަމަނުޖެހުމާއި ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

Advertisement

މުއައްސަސާތަކުން ބުނީ ކީކޭ؟

"ސިއްހީ ދާއިރާގެ އިތުބާރު ހިފެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކެއް ހުންނާނެ. އެހެންވެ އެ މައުލޫމާތުތައް (ސަދާގެ މަރުގެ މައްސަލަ އާއި ގުޅޭ) ހިއްސާ ކޮށްދިނުމަށް އަޅުގަނޑުމެން ވެސް ވާނީ ހޮސްޕިޓަލްގައި އެދިފައި. އެކަމަކު އެ މައުލޫމާތު އަދި ނުލިބޭ،" – ފުވައްމުލައް ސިޓީ މޭޔަރު އިސްމާއިލް ރަފީގު

"މަރުގެ އެހެން މައްސަލަތަކެކޭ އެއްފަދައިން މި މައްސަލަވެސް ހެލްތު މިނިސްޓްރީއިން މިހާރު ވަނީ ތަހުގީގުކުރަން ފަށާފައި. ތަހުގީގަށްފަހު ކަން ހިނގައި ދިޔަ ގޮތުގެ ރިޕޯޓެއް އެކުލަވާލާނެ، އިހުމާލެއް ފާހަގަކުރެވޭނެމަ އެކަން ތަހުގީގުކޮށް އެފަރާތަކަށް ފިޔަވަޅު އަޅަން ފޮނުވޭނެ" - ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާނު

"މައްސަލަ ތަހުގީގުކޮށް ނިމޭއިރު އެއްވެސް އިހުމާލެއްވެފައިވާކަން އެނގިއްޖެ ނަމަ އެފަރާތަކާމެދު ފިޔަވަޅު އަޅާނެ" – ހޮސްޕިޓަލް މެނޭޖަރ އަހުމަދު ލިރާރު

Advertisement
ކިޔުންތެރިންގެ ހިޔާލު