Advertisement

ފުވައްމުލައް ސިޓީ ހޮސްޕިޓަލުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ގޮވާލާ ވެހިކަލް ބުރެއް ބާއްވައިފި

ވެހިކަލް ބުރުގެ ތެރެއިން ވެހިކަލް ބުރުގެ ތެރެއިން

ފުވައްމުލައް ސިޓީގެ ހޮސްޕިޓަލުގެ ފެންވަރު ދަށްވެ ރައްޔިތުންގެ ފުރާނައަށް ނުރައްކާވާ ހިސާބަށް ކަންކަން ގޮސްފައިވާތީވެ، މިކަންކަން ހައްލުކުރުމަށް ގޮވާލާ ފުވައްމުލަކު ޒުވާނުން ހޮނިހިރު ދުވަހު ހަވީރު ވެހިކަލް ބުރެއް ބާއްވައިފިއެވެ. 

Advertisement

މި ވެހިކަލް ބުރުގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވެއެވެ. 

ވެހިކަލް ބުރު ހޮނިހިރު ދުވަހު ފެށުނީ ހަވީރު 4 ޖެހިއިރުއެވެ. ބަނދަރުން ފެށި މި ވެހިކަލް ބުރު ނިންމާލާފައިވަނީ 6 ޖެހި އިރުއެވެ. މި ބުރު ނިންމާލުމުގެ ގޮތުން ދާދިފަހުން ހޮސްޕިޓަލަށް ނިއާވި އުމުރުން 6 އަހަރުގެ ސާދާގެ ބައްޕަ ވަނީ ބުރުގެ ބައިވެރިންގެ އިތުރުން އެވަގުތު ބަނދަރު ސަރަހައްދުގައި ތިއްބެވި ރަށުގެ ރައްޔިތުންނާއި މުޚާތަބުކޮށް ވާހަކަވެސް ދައްކާފައެވެ. އެގޮތުން ސައުދު ބުނީ މި ބުރަކީ އެއްގޮތަކަށްވެސް ވަކި ކުލައަކަށް ނުވަތަ ވަކި ޕާޓީއެއް ވެގެން ހިންގިި ހަރަކާތެއް ނޫން ކަމަށެވެ. އަދިވެސް ތަކުރާރުކޮށް ސައުދު ވަނީ އެހާދިސާ ހިނގައިގެން ދިޔައީ ސީދާ ހޮސްޕިޓަލުގެ އިހުމާލުން ކަން ފާހަނގަ ކޮށްފައެވެ. ސައުދު އިތުރަށް އެވާހަކަ ދައްކަމުން ބުނީ ކުއްޖާ ހޮސްޕިޓަލަށް ދިޔައީ ހިނގާފައި ކަމަށެވެ. ގެންދިއުމަށްފަހު ބަލަންޖެހޭވަރަށް ނުބަލާ އިންޖެކްޝަނެއް ޖެހިތާ 3 މިނިޓް ނުވަނީސް ކުއްޖާގެ ފުރާނަ ދޫކޮށްދިއުމަކީ ހޮސްޕިޓަލުގެ އިހުމާލުން ހިނގާފައިވާ ކަމެއް ކަމަށެވެ. އަދި މިކަން ހިނގައި ދިޔަ ގޮތް ބަލާ ފިޔަވަޅު އަޅަން ގޮވާލައިފައި ވެއެވެ. އަދި އެދެނީ ހޮސްޕިޓަލުގެ ހިންގުން ހަރުދަނާ ކުރުމަށް ބާރު އެޅުމަށެވެ. އޭރުން ކުރިއަށް އޮތްތަނުގައި ފުވައްމުލަކު ހޮސްޕިޓަލަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ތަނަކަށް ވެދާނެއެވެ.

މި ހަރަކާތުގެ ބައެއް ބައިވެރިން މި ނޫހައް މަޢުލޫމާތު ދެމުން ބުނެފައިވަނީ، މި ހަރަކާތް ހިންގާތީ ބައެއް ސިޔާސީ ފަރާތްތަކުން މިކަން ހުއްޓުވަން މަސައްކަތް ކުރާ ކަމަށެވެ. އެގޮތުން ހޮނިހިރު ދުވަހުގެ ހަރަކާތަށް ގޮވާލާ ޕިކަޕުގައި ޖަހާފައިވާ އޯޑިއޯކޮޅު ނުޖެހުމަށްވެސް އެންގިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ނަމަވެސް މިކަމަކީ ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް ވެގެން ބާއްވާ ހަރަކާތެއް ކަމުގައި ނުދެކޭ ކަމަށް އިންތިޒާމު ކުރާ ފަރާތުން ބުނެއެވެ. 

އަންނަ ހުކުރުދުވަހު ވެސް މީގެ އިތުރު ބުރެއް ބޭއްވުމަށް ރާވަމުންދާކަމަށް މި ހަރަކާތް އިންތިޒާމު ކުރާ ފަރާތުން މަޢުލޫމާތު ދެއްވިއެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު