2021 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖުލައި މަހާއި ހަމަޔަށް ފުވައްމުލަކުން މާލެއަށް 31 ޗާޓަރ ފްލައިޓްވަނީ އަޅާފައި
2021 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖުލައި މަހާއި ހަމަޔަށް ފުވައްމުލަކުން މާލެއަށް 31 ޗާޓަރ ފްލައިޓްވަނީ އަޅާފައި ކަމަށް ފުވައްމުލަކު މެދު ދާއިރާގެ މަޖިލިސް މެމްބަރ ހުސެން މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ހުސެން މިހެން ވިދާޅުވީ 2022 ވަނަ އަހަރަށް ލަފާކުރެވޭ ބަޖެޓްގެ ބިލަށް ވާހަކަ ދައްކަވަމުން 2021 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 36 ވަނަ ޖަލްސާގައެވެ.
ހުސެން އިތުރަށް ވިދާޅުވެފައިވަނީ، ފުވައްމުލަކު ހޮސްޕިޓަލުގެ ޚިދުމަތަށް ރަނގަޅުކުރެވި، ސީޓީ ސްކޭން މެޝިން ބަހައްޓައިގެން ވަގުތުން ވަގުތަށް ހަދަންޖެހޭ ޓެސްޓުތަށް ހެދޭނަމަ ޗާޓަރ ކޮށްގެން ފްލައިޓްގައި މީހުން މާލެ ގެންނަންޖެހޭ ނިސްބަތް ކުޑަކުރެވިގެންދާނެ ކަމަށެވެ. މިނޫނަސް ނޯރމަލް ފްލައިޓްތަކުގައިވެސް މީހުން ޓެސްޓް ފަދަތަކެތި ހެދުމަށް މާލެ ފޮނުވާ ކަމަށްވެސް ހުސެން މުހައްމަދު ވިދާޅުވިއެވެ.
މިކަންތަށްފާހަނގަ ކުރުމަށްފަހު ހުސެން މުހައްމަދު ވަނީ މި އާސަންދަ ޚިދުމަތަކީ ވެސް އެމްޑީޕީއިން ފޯރުކޮށްދޭންފެށި ޚިދުމަތެއްކަމަށް ވިދާޅުވެފައެވެ. "ކުރިން ނަމަ މި 31 ޗާޓަރ ފްލައިޓްވެސް ނޭޅޭނެ ކަމަށާއި ކޮންމެވެސް މީހަކަށް އާދޭސް ކޮށްގެން އެކަންވެސް ނުވެ އޮންނާނީ ބަލިމީހާ އޮންނަންޖެހޭނީ އެހާލަތުގައި އޮތްތާނގައި" ހުސެން މުޙައްމަދު ވިދާޅުވިއެވެ.
މި ޖަލްސާގައި ހުސެން މުޙައްމަދު ވަނީ އެމްޑީޕީގެ ބައެއް ސިޔާސަތުތަކުގެ ވާހަކަ ޖަލްސާގައި ވަރަށް ތަފްސީލްކޮށް ދައްކާފައެވެ. އެގޮތުން އާސަންދަ، އިސް ރަށްވެހިންނަށްދޭ އިނާޔަތް، އަދި މިނޫނަސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ތަޢާރަފު ކުރެވިގެން ދިޔަ ބައެއް ކަންތަކުގެ ސަބަބުން ދިވެހި އެތަކެއް ރައްޔިތުންނަށް އޭގެ ފަސޭހަތަށް ލިބެމުންދާ ކަމަށް ވިދާޅުވެފައެވެ.
އިތުރަށް ހުސެން މުޙައްމަދު ވިދާޅުވީ މިހާތަނަށް ކުރެވުނު މަސައްކަތުން ސަރުކާރުގެ ޕޮލިސީ ލެވެލްގައި ފުވައްމުލަކު ހޮސްޕިޓަލަކީ ސަބްސްޕެޝަލީ ހޮސްޕިޓަލަކަށް ކަނޑައެޅުމުގެ ވިސްނުން ހުރި ކަމަށް ޤަބޫލް ނުކުރާ ކަން ހިތާމަޔާއި އެކު ފާހަނގަ ކުރައްވާފައެވެ. ނަމަވެސް މިކަމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދެކެވެ. ފުވައްމުލަކު ހޮސްޕިޓަލްގެ ޚިދުމަތްތަށް ތަރައްޤީ ކުރުމަށް 2022 ވަނަ އަހަރުގެ ބަޖެޓްގައި 10.6 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ. އުންމީދު ކުރަނީ ބަޖެޓްގައި ވާގޮތަށް ކަންކަން ނިމިގެން ދިއުން ކަމަށް ހުސެން މުޙައްމަދު ވަނީ ވިދާޅުވެފައެވެ.
ބަޖެޓްގެ ބަހުސްގައި އިތުރަށް ވާހަކަ ދައްކަވަމުން ރަށުގެ ގިރާ ސަރަހައްދުން މިހާރުވެސް 30 ވަރަކަށް ފޫޓް ވަނީ ރަށުން ވަކިވެގެން ގޮސްފައި ކަމަށާއި، އުންމީދަކީ މިކަމަށްވެސް ކުރިއަށް އޮތް އަހަރެއްހާ ދުވަހެއްގެ ތެރޭގައި ހައްލެއް ލިބިގެން ދިއުން ކަމުގައެވެ. މި މަސައްކަތް މިހާރުވަނީ ބަޔަކަށް އެވޯޑްވެސް ކުރެވިފައި ކަމަށާއި ފިނޭންސް މިނިސްޓްރީގެ ބަހެއް ލިބުނުހާ އަވަހަކަށް އެމަސައްކަތް ވެސް ބަޔަކާއި ހަވާލުކުރެވިގެންދާނެ ކަމަށްވެސް ހުސެން މުޙައްމަދު ވަނީ ފާހަނގަ ކުރައްވާފައެވެ.