ރާއްޖެއިން ބޭރު ޓީމަކަށް ކުޅެން ކިތައްމެ ކުަޑަ ފުރުސަތެއް ލިބުނަސް ބޭނުން ހިފާނަން - ޝަމާލް
އުމުރުން އެންމެ 22 އަހަރުގެ ފުވައްމުލަކަށް އުފަން ދަރިއެއް ކަމަށްވާ އަލީ ޝަމާލް މިހާރު ވަނީ ސީނިއާރ ގައުމީޓީމާއި އެކު ދުބާއީއަށް ފުރާފައެވެ.
މި ފުރުސަތަކީ ވަރަށް މަދުން ލިބޭ ފުރުސަތަކަށް ވެފައި މި ފުރުސަތު ޝަމާލް އަށް ލިބުމުން މިފުރުސަތު ލިބުނުގޮތް ކިޔާދިނެވެ.
ޝަމާލް އަކީ އަބަދުވެސް ފުޓުބޯޅައަށް ލޯބިކުރާ ކުއްޖަކަށްވިޔަސް އެންމެ ފުރަތަމަ ސްކޫލުގައި ކުޅެންފެށީ ކުރިކެޓްއެވެ. ކުރިކެޓް ކުޅުނަސް ފުޓުބޯޅަ ކުޅުން ހުއްޓައެއް ނުލައެވެ. 2011 ވަނަ އަހަރު އޭރު ޝަމާލްގެ އުމުރުން 12 އަހަރުގައި ދޫނޑިގަލޯނާއަށް ކުޅެން ފަށާފައެވެ. ނަމަވެސް ދޫނޑިގަލޯނާއަކީ ވަރަށް ވަރުގަދަކޮށް ތަށި ހޯދަން ނިކުންނަ ޓީމަކަށް ވެފައި އުމުރުން ހަގުވީމައި އެހާ ވަރުގަދަ މެޗުތަކަކުން ފުރުސަތެއް ނުލިބެއެވެ. ދެން އޭގެ ފަހުން މާޒިޔާގެ ޓީމް އެފަހަރު އެކުލަވާލަން ބޭއްވި ޓްރައިލްއެއްގައި ގޯލް ކީއްޕަރެއްގެ ގޮތުގައި ބައިވެރިވެފައިވެއެވެ. ދެން އޭގެ ފަހުން ފުރުސަތު ލިބުނީ މިނިވަން 50ގައި ކުޅުނު މުބާރާތުގައި ކަވާރ ކީއްޕަރަކަށް ކުޅުނެވެ. އޭގެ ފަހުން އީގަލްސް 2016 ފެށިގެން 3 އަހަރު ކުޅެފައިވެއެވެ. އެގޮތުން އީގަލްސްގައި އުޅެނިކޮށް އަންޑަރ 19 ގެ ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު ލިބި ކެޕްޓަން ބޭންޑް އެޅުމުގެ ފުރުސަތުވެސް ލިބިގެންދިޔައެވެ.
ޝަމާލް އަށް ސީނިއަރ ޤައުމީ ޓީމުން ފުރުސަތު ލިބުނު ގޮތް ކިޔައިދެމުން ބުނީ ޤައުމީ ޓީމުގެ ބައެއް ކުޅުންތެރިން ޕޮޒިޓިވް ވެގެން ނުދެވުނު މީހުން ބާކީ ކޮށްފައި އެމީހުންގެ ބަދަލުގައި ދާނެ އިތުރު ބަޔަކު ހޯދަން ޖެހުމުން ލިބުނު ފުރުސަތެއް ކަމަށެވެ. ނަމަވެސް މި ފުރުސަތުގެ ބޭނުންކޮށްގެން ގައުމަށާއި ރަށަށް ރީތި ނަން ހޯދައިދޭން މަސައްކަތް ކުރާނެ ކަމަށެވެ. އަދި ކުރިމަގުގައި ވެސް ފުޓުބޯޅަ ކުޅުމުން ކުރިއަށްދާން ބޭނުންވާ ކަމަށް ބުންޏެވެ.
ދުބާއީގައި 1 ހަފްތާ ކޭމްޕް ކޮށްފަ 29 ނުވަތަ 30 ވަނަ ދުވަހު ޗައިނާއަށް ފުރަނީ ވޯލްޑްކަޕް ކޮލިފައިން އާއި އޭޝިއަންކަޕް ކޮލިފައިން ގެ ބާކީ ހުރި މެޗުތަށް ކުޅުމަށެވެ. މި ދަތުރުގައި ޗައިނާ، ސީރިއާ އަދި ފިލިޕީންސް އާއި ބައްދަލުކުރާގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ. ހުރިހާ މެޗެއްވެސް ކުޅެން ހަމަޖެހިފައިވަނީ ޗައިނާގައެވެ. ސަބަބަކީ މިހާލަތުގައި އެންމެ ރައްކާތެރި ގޮތަކީ ޗައިނާގައި ހުރިހާ މެޗެއް ކުޅުން ކަމަށްވާތީއެވެ. މި ދަތުރުގައި ރާއްޖޭގެ ފުޓްބޯލް ލެޖެންޑް ކަމަށްވާ ޢަލީ އަޝްފާޤް ވެސް ބައިވެރިވެެއެވެ. ނަމަވެސް އަޝްފާޤް ވަނީ ކޮވިޑަށް ޕޮޒިޓިވްވެ މެޗްތަކުގައި ބައިވެރި ނުވެވޭނެކަން ހާމަކޮށްފައެވެ. މިއީ މުޅި ޓީމަށް ލިބިގެންދާނެ ވަރަށްބޮޑު ނިކަމެތިކަމަކަށް ނޫނީ ނުވާނެއެވެ.
އަލީ ޝަމާލް ބުނި ގޮތުގައި ސްކޮޑް ނެގި އިރު މިފުރުސަތު ލިބިދާނެކަމަށް އެއްވެސް ވަރަކަށް އުންމީދެއް ނުކުރާ ކަމަށެވެ. އެމްޕީއެލް އަށް ވަޒީފާއަށް ނިކުންނަން ފެށިތާ މަސްދުވަސް ނުވަނީސް ލިބުނު މި ފުރުސަތު ކިޔައިދެމުން ޝަމާލް ބުނީ، މިއީ ހަޔާތުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ދެކޭ ކަމަށެވެ. އެއްދުވަހު ނިދާފައި އޮއްވާ ގައުމީ ޓީމުގެ އެއސިސްޓަންޓް ކޯޗް ގުޅާފައި ހުރިތަނެއް ބެލުމަށްފަހު ފޯނު ބޭއްވުމަށްފަހު އިރުކޮޅެއްފަހުން އެފްއޭއެމް އިން ގުޅާފައި އަންނަން ބުނުމުން ވަރަށް އުފާވި ކަމަށެވެ.
މިހާތަނަށް ކުޅުނު 4 ފައިނަލްތަކުގެ ތެރެއިން 3 ތަށި ލިބިފައިވެއެވެ. ބަލިވީ ހަމައެކަނި 2018 ވަނަ އަހަރު ކުޅުނު ޔޫތް ފައިނަލްގައި އެކަނި ކަމަށް ޝަމާލް ބުންޏެވެ.
ފުޓުބޯޅަ ކުޅުމުގައި އެންމެ އެހީތެރިވެދޭ ފަރާތަކުގެ ތެރޭގައި ޝަމާލްގެ މަންމަގެ ފަރާތުންކަން ފާހަނގަ ކުރެއެވެ. ދެން އެންމެ ބޮޑު އެއްބާރުލުމެއް ލިބެނީ ކޯޗުގެ ފަރާތުން ކަމަށް ޝަމާލް ބުންޏެވެ.
ޝަމާލް ބުނީ މި ލިބުނު ފުރުސަތުގައި ދެން ބޭނުންވަނީ ގައުމީ ޓީމުގެ ފުރަތަމަ 11ގައި ދެމިހުރުން ކަމަށެވެ. އަދި ރާއްޖެއިން ބޭރުގެ ކުލަބަކުން ރަނގަޅު ފުރުސަތެއް ލިބިއްޖެނަމަ އެފުރުސަތުގެ ބޭނުން އުފަލާއި އެކު ހިފާނެ ކަމަށްވެސް ޝަމާލް ފާހަނގަ ކުރިއެވެ.
ދިވެހި ރާއްޖެއަކީ ހުނަރުވެރި ފުޓުބޯޅަ ކުޅުންތެރިން އުފެދޭ ގައުމެކެވެ. ނަމަވެސް އެ ހުރިހާ ކުދިންނަށް ހަމަހަމަ ފުރުސަތު އެކި ސަބަބުތަކާއި ހުރެ ލިބޭގޮތް ނުވެއެވެ. ބައެއް ސަބަބު ތަކުގެ ތެރޭގައި އުފަން ރަށުގައި ހުރެގެން މަތީ ފެންވަރުގައި ކުޅުމުގެ ފުރުސަތު ނުލިބޭކަން ފާހަނގަ ކުރެވެއެވެ. ހަމަ އެއާއި އެކު ކުޅެން ބޭނުންވާ ކޮންމެ ކުއްޖަކަށް މާލެ އައުމަކީވެސް ފަސޭހަކަމަކަށް ނުވެއެވެ. ދިވެހިރާއްޖޭގައި ފުޓުބޯޅަ ކުޅޭ ކުޅުންތެރިންގެ ތެރެއިން ރަނގަޅު މުސާރައެއް ލިބެނީ ވަރަށްވެސް މަދު ބަޔަކަށެވެ. އެހެންވީމަ ފުޓުބޯޅަ ކުޅޭ ގިނަ ކުދިން އެ ކުޅިވަރު ކުޅެނީ ހޮބީއެއްގެ ގޮތުންނޭވެސް ބުނެވިދާނެއެވެ. މިހެން ބުނަން މިޖެހުނީ ވަޒީފާ އަދާކުރަމުން ލިބޭ ހުސްވަގުތުގައި ކުޅޭ ކުޅިވަރަކަށް ވުމުންނެވެ. މިހިރީ ހައްތަހާވެސް އެފްއޭއެމްއިން ވިސްނާލުން ރަނގަޅު ކަންތަކެވެ.