Advertisement
Advertisement

ދިރިއުޅުން ބަދަލުކޮށްލި "ކީސާ"

އަހުމަދު މިސްބާހް މުނީރު

އެއްޝަހަރެއްގައި އުސްމާނޭ ކިޔާ ވަރަށް އަމިއްލަ އެދުން ބޮޑު އަދި ވަރަށް ދަހި މީހަކު ދިރިއުޅުނެވެ. އުސްމާނަކީ ލާރި ފައިސާގެ ބޭނުމުގައި ކޮންމެފަދަ ކަމެއްކުރުމަށްވެސް ޖެހިލުންނުވާ މީހެކެވެ. އުސްމާނުގެ ޚާދިމުންނަށް މުސާރައިގެގޮތުގައިވެސް ދެނީ ވަރަށް ކުޑަ، ކިރިޔާ ދިރި އުޅެވޭވަރުގެ މުސާރަ ކޮޅެކެވެ.

Advertisement

މިހެން އުޅެނިކޮށް އެއްދުވަހަކު އުސްމާނުގެ މުޅި ހަޔާތް ބަލަދުކޮއްލި ކަމަކާއި ދިމާވެއްޖެއެވެ.

އެއްދުވަހަކު ފަންސާސް ރަން ފައިސާފޮތި އަޅައިގެން އުސްމާނު ގެންގުޅުނު ކީސާއެއް ގެއްލިޖެއެވެ. ހޯދާހޯދާ މި ކީސާ ފެންނަގޮތެއް ނުވިއެވެ. އުސްމާނުގެ އަވައްޓެރިންނާއި ޚާދިމުންނާއި މިހެންގޮސް މުޅި އެއަވަށުގެ ހުރިހާ އެންމެން ނިކުމެ މަސައްކަތްކޮށްގެންވެސް އެ ކީސާ ފެންނަ ގޮތެއް ނުވިއެވެ.

ދުވަސްކޮޅެއް ފަހުން އުސްމާންގެ ޚާދިމަކަށް އުޅޭ އަލީގެ ދަރިފުޅު އައިޝާއަށް މިކީސާ ވަލުތެރެއިން ފެނިއްޖެއެވެ. ވަގުތުން އައިޝާ އެކީސާ ދިނީ އޭނާގެ ބައްޕައަށެވެ. އޭނާގެ ބައްޕަވެސް އުފަލުން އަވަހަށް ކީސާ ހިފައިގެން ގޮސް އޭނަގެ ސާހިބު އުސްމާނަށް ރައްދުކޮށްފައި ފައިސާފޮތިތައް ހަމަޔަށް ހުރިތޯ ބަލާށޭ ބުނެފިއެވެ.

އުސްމާން ވަރަށް އުފަލުން ދަބަސް ހުޅުވައިގެން ބެލިއިރު ފަންސާ ރަން ފައިސާފޮތި ހަމަޔަށް އޮތެވެ. އެހެންނަމަވެސް އުސްމާނުގެ އަމިއްލައެދުން ބޮޑުކަމުންނާއި ދަހިކަމުން މަކަރެއް ހަދައިގެން އަލީ އަތުންވެސް ފައިސާކޮޅެއް ހޯދާނީއޭ ހިތައި ބުނެފިއެވެ. މިކީސާގައި ހުރި ފައިސާފޮތިތައް ހަމައެއްނޫނެވެ. އަހަރެންގެ އަތުން ކީސާ ގެއްލުނުއިރު ހަތްދިހަ ފަސް ފައިސާފޮތި އޮންނާނެއެވެ. މިހާރު މިއޮތީ ފަންސާސް ފައިސާފޮއްޗެވެ. އަނެ ފަންސަވީސް ފައިސާފޮތި ކޮބާހެއްޔެވެ؟

މިއަޑު އިވިފައި އަލީ ވަރަށް ދެރަވެ ކަންބޮޑުވެއްޖެއެވެ. "ސާހިބާއެވެ، އަޅުގަނޑުމެންނަށް ކީސާ ފެނުނުއިރު އޮތީ 50 ފައިސާ ފޮއްޗެވެ. އަޅުގަނޑު ސާހިބާޔަށް މިކަން ޔަޤީންކޮށްއަރުވަމެވެ". އަލީ އޭނާގެ ސާހިބު އުސްމާނަށް ބުންޏެވެ.

އެހެންނަމަވެސް އުސްމާނު އަލީގެ ވާހަކަ ގަބޫލުކުރާކަށް އެއްބަހެއްނުވިއެވެ. އޭގެ ބަދަލުގައި އެފަކީރަށް ވަރަށް އެއްޗެހިގޮވައި، އެންމެފަހުން މައްސަލަ ކޯޓަށް ގެންދަން ނިންމައިފިއެވެ.

ޝަރީޢަތުގެ މަޖުލީހަށް އުސްމާނާއި، ޚާދިމު އަދި ޚާދިމުގެ ދިހަ އަހަރުގެ ދަރިފުޅު އައިޝާ ހާޒިރުކޮށްފިއެވެ. ފައިސާފޮތީގެ އަދަދާއި ގުޅޭގޮތުން، ޚާދިމުގެ ދަރިފުޅު އައިޝާއާއި ޤާޒީ ސުވާލުކުރިއެވެ. އެވަގުތު އައިޝާ އޭނާއަށް ކީސާ ފެނުނުއިރުވެސް އޮތީ 50 ފައިސާފޮތިކަމަށް ބުންޏެވެ. ޤާޒީ ހަމަ އެސުވާލު އަލީއާއި ކުރުމުން އަލީވެސް އޭނާގެ ދަރިފުޅު ބުނިގޮތަށް އޭނާގެ އަތަށް ކީސާ ލިބުނު އިރު އޮތީ 50 ފައިސާ ފޮތިކަމުގައި ބުންޏެވެ.

ޤާޒީ އުސްމާނާއި ސުވާލުކުރިއެވެ. "އުސްމާނު އަތުން ދަބަސް ގެއްލުނު އިރު ދަބަހުގައިއޮތީ ކިތައް ފައިސާފޮތި ހެއްޔެވެ. އުސްމާނު ވަރަށް ޖޯޝާއިއެކު ބުންޏެވެ. "އަޅުގަނޑު އަތުން ކީސާ ގެއްލުނުއިރު 75 ފައިސާފޮތި އޮންނާއެވެ. އެހެންނަމަވެސް މީނާ އޭގެއިން 25 ފައިސާ ފޮތި ނެގީއެވެ". އުސްމާނު އޭނާގެ ޚާދިމަށް އިޝާރާތްކޮށް ބުންޏެވެ. ޤާޒީ އަނެއްކާވެސް އުސްމާނާއި މުޚާތަބުކޮށް ޔަޤީނުންވެސް ދަބަސް ގެއްލުނު އިރު 75 ފައިސަފޮތި އޮންނާނެތޯ ސުވާލު ކުރިއެވެ. އުސްމާނު ޔަޤީން އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.

ޤާޒީ ވިދާޅުވިއެވެ. "ދެން އޮންނާނީ މައްސަލައިގެ ހުކުމް އިއްވުމެވެ". އަދި ހުކުމް އިއްވަން ފެށިއެވެ.

"ދެ ފަރާތުގެ ބަޔާންތަކަށް ރިޢާޔަތްކުރާއިރު ފާހަގަވާ ކަންތައްތަކަކީ، އުސްމާނުގެ އަތުން ގެއްލުނު ކީސާގައި 75 ފައިސާފޮތި އޮތްކަން. އުސްމާނުގެ ޚާދިމު އަލީގެ ދަރިފުޅު އައިޝާއަށާއަށް ފެނުނު ކީސާގައި އޮތީ 50 ފައިސާފޮތިކަން".

"ދެންފަހެ މިދެންނެވި ކަންތައްތަކުގެ މައްޗަށް ރިއާޔަތްކޮށް މިމައްސަލައިގެ ހުކުމް އިއްވަމެވެ. އަލީގެ ދަރިފުޅު އައިޝާއަށް ފެނުނު ކީސާއަކީ އުސްމާނުގެ ކީސާއެއް ނޫނެވެ. އެއީ ކޮންމެވެސް އެހެން ގޮތަކުން އަލީގެ ދަރިފުޅު އައިޝާއަށް ފެނުނު ކީސާއެކެވެ. އަލީ އާއި އޭނާގެ ދަރިފުޅު އައިޝާގެ ތެދުވެރިކަމާއި އަމާނާތްތެރިކަމަށްޓަކައި އެ ކީސާ އަލީއަށާއި އަލީގެ ދަރިފުޅު އައިޝާއަށް މިލްކުކޮށްދީފީމެވެ".



























ތަރުޖަމާ؛ އަހުމަދު މިސްބާހު މުނީރު

ކިޔުންތެރިންގެ ހިޔާލު