Advertisement
Advertisement

ކަރުތާފެނުގައި ކުރެވޭ މަސައްކަތްތަކުގެ ފޮނިިމީރުކަން

އުފެއްދުންތެރިކަމަކީ ދިވެހިންގެ ލޭނާރުގައި ޒަމާނުއްސުރެން މިއަދާއި ހަމަޔަށް ދައުރުވަމުންދާ ކަމެކެވެ. ދިވެހިންގެ ތެރޭގައި މަސްވެރިންނާއި ދަނޑުވެރިންނާއި ވަޑިންނާއި މޭސަނުން ގިނަކަމަކީ އަޅުގަނޑުމެން ދިވެހި ދަރިންނަށް ދެބަސް ނުވެވޭނެ ހަގީގަތެކެވެ. އެހެންކަމުން ދިވެހިން ކޮންމެ ކަނޑެއްގައި ފަތަން ދޫކޮށްލިކަމަށްވިޔަސް އެކަނޑެއްގައި ފަތާނެކަމަކީ ޝައްކެއް ނެތް ކަމެކެވެ. އެހެންނަމަވެސް އަޅުގަނޑުމެން ކޮންމެ ދިވެހި ދަރިޔަކު އަމިއްލަ ނަފްސާއި ކޮށްލަންޖެހޭ ސުވާލުތަކެއް އެބަހުއްޓެވެ.

Advertisement

އަޅުގަނޑުމެން މަސައްކަތް ކުރަމުންދަނީ އަޅުގަނޑުމެންނަށް ލިބޭ އާމްދަނީއިން އުފަލެއް ނުލިބި ކަރުތާފެނުގައި ކަނޑުގެ ބާނިތަކާއި އެއްވަރަށް އޮއިވަރު ދައުރުވާ ކޮޅަކަށް ދިއުމަށްތޯއެވެ؟ ނުވަތަ މަންޒިލެއް ހޯދުމަށްފަހު އެ މަންޒިލަށް ވާސިލުވުމަށް އެކަނޑުގެ ބިޔަ ރާޅުތަކާއި ދެކޮޅަށް އަޅުގަނޑުމެންނަށް ލިބިފައި ހުރި ހުނަރުތައް ބޭނުންކޮށްގެން ފަތާފައި ދިއުމަށްތޯއެވެ؟ އަދި އަމާން މަންޒިލަކަށް ވާސިލުވެވި ދަތުރު ކުރެވޭނެ ވަޞީލަތްތައް ލިބުމުން އެހެނިހެން މަންޒިލްތަކަށް ދިއުމަށްތޯއެވެ؟ ނުވަތަ ފެށި ދަތުރު ފަންފުލުންގޮސް ނެގި ރާޅާއި އެކު ދަތުރު ފެށި މަންޒިލަށް އަނބުރާ ދިއުމަށްތޯއެވެ؟

ދުނިޔޭގެ އުސޫލުތަކަށް ނަޒަރު ހިންގާލަމާތޯއެވެ. މަސައްކަތެއް ފަށާއިރު އެ މަސައްކަތުން މާބޮޑު މަންފާއެއް ނުލިބެއެވެ. އެހެން ނަމަވެސް މަސައްކަތް ކުރިއަރާ ދާ ވަރަކަށް އެކަމުން ލިބޭ މަންފާ އިތުރުވެ ދިރިއުޅުން ހަމަޖެހިދެއެވެ. ދެން މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް އިތުރު މަސައްކަތްތަކެއް ކުރެވެއެވެ. އެހެން ނަމަވެސް އެ ހަރުފަތްތަކަކީ ވޭނުން ފުރިގެންވާ ހަރުފަތްތަކެކެވެ. ބައެއްފަހަރު ކުރަމުން ދިޔަ މަސައްކަތް ހުއްޓާލުމަށް މީހާގެ ސިކުނޑިއަށް މަޖުބޫރުކުރުވައެވެ. ކުރިއަށް ފެންނަން އޮތް އަމާން ދުވަސްތަކުގެ އިޙުސާސް ނުކުރެވޭތީއެވެ. ބައެއް ބޭފުޅުން އެހިސާބުން ހުއްޓާލައެވެ. ބައެއް ބޭފުޅުން ހިތްވަރު ކޮށް ފަހި ދުވަސްތަކެއްގެ ފޮނި މީރުކަން ލިބިގަނެއެވެ. ބައެއްފަހަރު އެ ގައުމެއްގެ އިޤްތިޞާދުގެ ތެރޭގައެވެ. ބައެއް ފަހަރު ދުނިޔޭގެ ބާޒާރުގައެވެ.

ދިވެހިންގެ ތެރޭގައި ކުރެވޭ މަސައްކަތްތައްވެސް ދިރިއުޅުމުގެ ދަތުރުގައި ބަނޑުފުރާނަ މުއްތިކުރުމަށް އެކަނި ކުރެވޭ މަސައްކަތްތަކަށް ވާކަމީ މިއަދު ހިތާމަކުރަން ޖެހިފައިވާ ޙަޤީގަތެކެވެ. ރާއްޖޭގައި އުފައްދާ ތަކެތި އަދި އުފެއްދޭނެ ފަދަ ތަކެތި ވެސް އަޅުގަނޑުމެން ބޭރުން ގެންނަކަމީ ދިވެހި ކޮންމެ ދަރިއަކުމެ ޤަބޫލުކުރަން ޖެހިފައިވާ ކަމެކެވެ. އެއީ އަޅުގަނޑުމެންނަށް އެތަކެތި ނުއުފެއްދޭތީކީ ނޫނެވެ.

 ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮތް އާދަކާދައަކަށް ވާތީއެވެ. ދިވެހިންގެ އިޤްތިޞާދު ކުރިއެރުވޭނީ ދިވެހިންގެ މަސައްކަތްތެރިކަން އެހެން ހަރުފަތަކަށް ގެންގޮސްގެންނެވެ. އަދި ދިވެހިންގެ މަސައްކަތްތަކުގެ ސަބަބުން ދިވެހި ރާއްޖެއިން އުފެއްދޭނެ ފަދަތަކެތި ރާއްޖެއިން ބޭރުން ގެނައުން ހުއްޓުވިގެންނެވެ.

މިއަދުގެ ޖީލުން މާދަމާގެ ދަރިފަސްކޮޅަށް ފަހި ދިވެހިރާއްޖެއެއް ރައްދުކޮށްދޭން ބޭނުންނަމަ ކިތަންމެ ބިޔަ ރާޅެއް ބޯމަތީގައި އޮތަސް އެ ރާޅާއި ދެކޮޅަށް ފަތަން އެބަޖެހެއެވެ. މި މަންޒިލުން އެހެން މަންޒިލްތަކަށް އަޅުގަނޑުމެންގެ އުފެއްދުންތައް ރައްދު ކުރެވޭނެ ފަދަ ގޮތަކަށް އަޅުގަނޑުމެންގެ މަސައްކަތްތައް ބައްޓަންކުރަން އެބަޖެހެއެވެ.

ދިވެހިންގެ އުފެއްދުންތައް ދުނިޔޭގެ ބާޒާރަށް ގެންދިއުމަށް އެންމެ ބޭފުޅުންވެސް މަސައްކަތް ފަށަމާ ހިންގަވާށެވެ. ކަރުތާފެނުގައި ކުރެވޭ މަސައްކަތްތަކުގެ ފޮނިމީރުކަން އަޅުގަނޑުމެންނަށް ލިބޭނީ އޭރުންނެވެ. 

ކިޔުންތެރިންގެ ހިޔާލު