ބިކިނީ މައްސަލާގައި ގެސްޓްހައުސްތަކާއި ވާހަކަ ދައްކައިފިން - މޭޔަރ
އާއްމުން މޫދަށް އެރި އުޅޭ ސަރަހައްދުގައި ބިކިނީ ލައިގެން އުޅޭ މައްސަލާގައި ގެސްޓްހައުސްތަކާއި މިހާރު ވާނީ ވާހަކަ ދައްކާފައި ކަމަށް ސިޓީ ކައުންސިލްގެ މޭޔަރ އިސްމާއިލް ރަފީޤް ވިދާޅުވެއްޖެއެވެ.
މޭޔަރ އިސްމާޢިލް ރަފީޤް ވިދާޅުވީ މި މައްސަލާގައި ކައުންސިލުން ވަނީ ފުލުހުންނާއި ގުޅިގެން ގެސްޓް ހައުސް ހިންގާ ފަރާތްތަކާއި ބައްދަލުކޮށް ވާހަކަ ދައްކާފައި ކަމަށެވެ. އަދި މީގެ އިތުރުން އަރުއްފަންނު، ވެލިފަންނު އަދި މިނޫނަސް ގެސްޓުންނާއި އާއްމުން މޫދަށް އެރޭ ސަރަހައްދު ތަކުގައި ބިކިނީ މަނާކަން އަންގާ ބޯޑު ތަކެއް ހަރުކުރުމުގެ އަމަލީ މަސައްކަތްތަކެއް މިހާރު ކުރަމުންދާ ކަމަށް މޭޔަރ ވިދާޅުވިއެވެ. އަދި މި ބޯޑްތަށް މިހަފްތާގެ ބަންދުގެ ތެރޭގައި ހަރުކުރެވިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ. މޭޔަރ އިތުރަށް ފާހަނގަ ކުރެއްވި ގޮތުގައި ބިކިނީ ބީޗެއް ރަށުގައި ނެތުމަކީ ގެސްޓްހައުސްތަކުން ނުވަތަ އެހެން ފަރާތަކުންވެސް ސިޓީ ބަދުނާމުވާ ގޮތަށް އަމަލު ކުރަންވީ ސަބަބެއް ނޫން ކަމުގައެވެ. މޭޔަރ ވިދާޅުވީ އެންމެ ފުރަތަމަ ވިސްނީ ގެސްޓު ހައުސްތަކުގެ ވެރިންނާއި މަޝްވަރާ ކޮށްގެން ގެސްޓްހައުސް މެދުވެރިކޮށް ގެސްޓުންނަށް މައުލޫމާތު ދޭން ކަމަށެވެ.
ފޭސްބުކް އަދި ސޯޝަލް މީޑިއާގެ އެކި ވަސީލަތް ބަލާލީމަ މިއަދު މުޅިން ފެންނަނީ އެއް ވާހަކައެކެވެ. ފުވައްމުލަކުގެ ގިނަ ފަރާތްތަކަކުން މިކަމުގައި ކުއްވެރި ކުރަނީ ސިޓީ ކައުންސިލެވެ. ބައެއް ފަރާތްތަކުން މެޔަރ އިސްތިއުފާ އަށްވެސް ވަނީ ގޮވާލާފައެވެ. ބައެއް ފަރާތަކުން ވަނީ ކައުންސިލް ކާރިއަށް މުޒާހަރާ ކުރުމަށް ވެސް ގޮވާލާފައެވެ. ނަމަވެސް ބައެއް ފަރާތްތަކުން ފާހަނގަ ކުރަނީ މިކަމުގައި ޒިންމާ ނަގަން ޖެހޭނީ ހަމައެކަނި ސިޓީ ކައުންސިލް ނޫން ކަމަށްވެސް ބުނަމުން ދެއެވެ.