Advertisement
Advertisement

ސުނާމީ އެރި ދުވަހު އަޅުގަނޑުގެ ތަޖުރިބާ

މުހައްމަދު ޝަހީދު
ސުނާމީގެ ސަބަބުން ހަލާކުވެފައިވާ ގެއެއް ސުނާމީގެ ސަބަބުން ހަލާކުވެފައިވާ ގެއެއް

2004 ވަނަ އަހަރު އިންޑިއާ ކަނޑުގެ ސަރަހައްދުގައި އުފެދުނު ސުނާމީ ގެ އަސަރު ދިވެހިރާއްޖެއަށްވެސް ވަރަށް ބޮޑަށް ކޮށްފައިވެއެވެ. އިންޑޮނޭޝިއާގެ ބާލީ އަށް އައި ބިންހެލުމާއި އެކު އުފެދުނު ރާޅުބާނީގެ އަސަރު އެތައް ހާސް ކިލޯމީޓަރެއް ދުރުގައި އޮތް ދިވެހިރާއްޖެއަށް ވެސް ކޮށްފައިވެއެވެ. މި ހާދިސާގައި ދިވެހިރާއްޖެއިން ވެސް އެތަށް ބަޔަކު ވަނީ ދުނިޔެ ދޫކޮށްފައެވެ. 

Advertisement

އަޅުގަނޑުވެސް އުޅެމުން ދިޔައީ ރިސޯޓެއްގެ ބަޓްލަރަކަށް ކަމަށްވުމުން ގެސްޓުން ބަލާ ގާތްގަނޑަކަށް 09:30 އެހާކަންހާއިރު ނައްޓާލައިގެން މާލެ ދަތުރު ފެށީމެވެ. އާއްމު ގޮތެއްގައި ކަނޑު މަޑު ދުވަހެއްގެ ދަތުރުގެ ދިގުމިނަކީ ގާތްގަނޑަކަށް 35 މިނިޓްއެވެ. އެހެން ކަމުން އަޅުގަނޑުވެސް ސްޕީޑް ބޯޓް ގޮނޑީގައި އިށީނދެލައިގެން ފޯނާއި ކުޅެން ހުރެފައި ބޭރު ބަލާލީމެވެ. ފެނުނީ ވަރަށް އާދަޔާ ޚިލާފު މަންޒަރެކެވެ. ކޮންމެ ދުވަހަކު އެތަށްފަހަރު ދަތުރު ކުރާ ސަރަހައްދަކުން ދުވަހަކުވެސް ނުފެންނަ މަންޒަރެކެވެ. އެވަގުތު އަޅުގަނޑު ކައްޕި ގާތުގައި ވެގެން އުޅެނީ ކިހިނެތްތޯ އެހީމެވެ.

 "ކައްޕި، ހާދަ ބޮޑަކަށް ދިޔަވަރު ހިކިފަ އެހެރީ؟" އަރިމަތިން ފެންނަން އޮތް ފަރު އޮތީ އެއްކޮށް ހިއްކާލާފައެވެ. އެއާއި އެކު ކައްޕި ބުނީ ވެދާނެ މިއަދު ދިޔަވަރު މާ ދަށީ ކަމަށްވެސް. ދެންވެސް މާބޮޑު އެއްޗެކޭ ހީނުކޮށް ހުރެފައި ރިސޯޓަށް ގުޅަން ވެގެން އުޅެއުޅެ ގުޅޭ ގޮތެއް ނުވިއެވެ. ދެން ފޯނުގެ މައްސަލަ އަކަށް ވެދާނެތީ ރީސްޓާޓް ވެސް ކޮށްފީމެވެ. ނަމަވެސް އެއްވެސް ތަަނަކަށް ނުގުޅޭކަން ފާހަނގަވިއެވެ.

އަހަރެމެންގެ ސްޕީޑް ބޯޓް ގޮސް އެއާޕޯޓަށް ވަންނަން އައި ވަގުތު ހުރިހާ އުޅަނދެއް ކަހަލަ ގޮތަކަށް ނެރުން ބޭރުވާން އުޅޭ މަންޒަރު ވެސް ފެނުނެވެ. އެވަގުތު ފަޅުތެރޭގެ ދިޔަވަރު ހުރީ ވަރަށް އުސްކޮށް ގާތް ގަނޑަަކަށް ޖެޓީ މަތިން އަރަނީ އެވެ. ސްޕީޑް ބޯޓް ކައިރިކުރިވަގުތު އަޅުގަނޑު އަވަހަށް ފުންމާލައިފީމެވެ. ދެން އަވަހަށް އެއާޕޯޓް އެތެރެ ބަލާލިއިރު ފެންނަނީ އަންހެނުންނާއި ފިރިހެނުން ދެކޮޅަށް ދުވާ މަންޒަރެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަނީ ހާސްކަމެވެ. އެތަނުން މީހެއް ކާރީގައި އަހާލައިފިން، "ކިހިނެތް ވެގެން މި އުޅެނީ" ޖަވާބުގައި އޭނާ ބުނީ "ސުނާމީ އެއް އަރައިގެންނޭ މި އުޅެނީ" އެއްގޮތަކަށްވެސް އެބުނި ބަހުގެ މާނައެއް އެވަގުތު ނޭނގުނު އެވެ. އެހެން ބުނެފައި އޭނާ މާގިނަ ވާހަކަތަކެއް ނުދައްކާ ދިޔައީއެވެ. ފަހުން އެހެން މީހެއްގެ ފަރާތުން އެނގުނީ ބިންހެލުމަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހުރިހާ ރަށަކަށް ކަހަލަ ގޮތަކަށް ރާޅު އަރަން ފެށި ކަމެވެ. އަދި ފޯނުގެ ޚިދުމަތްވެސް ކެނޑިފައިވާ ކަމަށްވެސް އެމީހާ ބުންޏެވެ.

ދެން އަވަސްވެގަތީ އުފަން ރަށް ކަމަށްވާ ފުވައްމުލަކުގައި ދިރިއުޅޭ މައިންބަފައިންގެ ޚަބަރެއް ވޭތޯ ބެލުމަށެވެ. އެގޮތުން އެވަގުތު ގޭގައި ހުރި ލޭންޑް ލައިނަށް ގުޅަން ފެށީމެވެ. ތިން ހަތަރު ފަހަރަކު ގުޅުމުން ރިންގުވާން ފެށިއެވެ. ފޯނު ނެގުމުން ވަރަށް އުފާވި، އަދި އާއިލާގެ އެންމެންގެ ހާލުވެސް ރަނގަޅުކަން އެނގުނެވެ. ނަމަވެސް މާގިނަ ވަގުތަކު ފޯނުގައި ހުރެވޭ ގޮތެއް ނުވިއެވެ. 

ނަސީބު ކަން ދިމާކުރި ގޮތުން އެދުވަހު އެއާޕޯޓަށް ގެސްޓުން ބަލާ އަންނަން ޖެހުނީ ކުލީ ސްޕީޑް ބޯޓަކުންނެވެ. އެމީހުން އަޅުގަނޑު ބޭލުމަށްފަހު ބޭރަށް ދިޔަގޮތަށް ގެއްލުނީއެވެ. ދެން ރިސޯޓަށް ގުޅަން އުޅެ އުޅެ ނުގުޅުނެވެ. ހެންދުނުގެ ނާސްތާ ވެސް ނުކޮށް އައި ގޮތަށް ހުންނަން ޖެހުނީ އެއާޕޯޓްގައެވެ. އަނބުރާ ރިސޯޓަށް ދެވުނު އިރު ހަނދާންވާ ގޮތުގައި 17:30 ވެދާނެއެވެ. 

Advertisement
ކިޔުންތެރިންގެ ހިޔާލު