Advertisement
Advertisement

ގޯހީ ފައިސާދޭ މީހާތަ؟ ނޫނީ ފައިސާ ހޯދާ މީހާތަ؟

އިންތިޚާބުތަކާ ދިމާކޮށް ރިޝްވަތު ދިނުމަކީ އާންމު ކަމެއް އިންތިޚާބުތަކާ ދިމާކޮށް ރިޝްވަތު ދިނުމަކީ އާންމު ކަމެއް

ސިޔާސީ އެކި ފެންވަރުގެ އިންތިޙާބުތަކުގައި ކުރިމަތިލައްވާފައި ތިބޭ ކެންޑިޑޭޓުން އިންތިޙާބު ކާމިޔާބު ކުރުމަށްޓަކައި އެކިކަހަލަ އުކުޅު ބޭނުންކުރަމުންދެއެވެ. ސިޔާސީ ވާދަވެރިކަމުގައި އެންޓިކެމްޕެއިން ކުރުމަކީވެސް ބައެއް ކެންޑިޑޭޓުން ޤަބޫލްކުރާ އުކުޅެކެވެ.

Advertisement

އަޅުގަނޑުމެންގެ މުޖުތަމަޢުގައި ފާއިސާޔަށް ވޯޓު ވިއްކާ ވާހަކައަކީ އެންމެނަށްވެސް އެނގޭ ގާނޫނީ ކުށެކެވެ. އެހެނަސް މިކަމުން އަޅުގަނޑުމެންގެ މުޖުތަމަޢަށް ކުރާ ނޭދެވޭ އަސަރަކީ ގިނަބަޔަކަށް ނޭނގޭ އެގެންބޭނުންނުވާ ކަމެކެވެ. ހަގީގަތަކީ މި ވިއްކާލެވެނީ ހަމައެކަނި ވޯޓު އެކަންޏެއްނޫނެވެ. ވޯޓު ވިއްކުމަށް ހުށަހަޅާ ހިސާބުން އެމީހާގެ އަގު ވަރަށްބޮޑަށް އެހެންމީހުން ކުރިމަތީގައި ވެއްޓިގެންދެއެވެ. ވޯޓު ހޯދަންދާ ސިޔާސީ މީހަކީ ގިނަފަހަރަށް ކޮންމެ ކަމެއް ކޮށްގެން ވިޔަސް އިންތިޙާބު ކާމިޔާބު ކުރުމުގެ ނިޔަތުގައި މަސައްކަތްކުރާ މީހެކެވެ.

އިންތިޙާބެއް ކާމިޔާބުވުމަށް ފަހުގައި ރައްޔިތުންގެ މަންދޫބު ފޯނަށް ޖަވާބު ނުދޭ ވާހަކައަކީ އަޅުގަނޑުމެނަށް އާ ވާހަކައެއް ނޫނެވެ. އިންތިޙާބު ކާމިޔާބުކުރުމަށްޓަކައި މީހުން އެދޭ ފާއިސާ ދިނުމަށް ފަހު ސިޔާސީ މީހާ ޤަބޫލުކުރަނީ ރައްޔިތު މީހާޔަށް ކޮށްދޭންޖެހޭ ކަމެއްނަމަ އެކަމެއް ކޮށްދެވިފައިވާ ކަމުގައެވެ. އިތުރަށް ފޯނަށް ޖަވާބުދާރީވެ އިތުރަށް ސިޔާސީ މީހާގެ އަތުން ލާރިތަކެއް ޙަރަދުކުރުމަށް އެމީހާ ބޭނުމެއްނުވެއެވެ. މިހިސާބުން އަނެއްކާވެސް ރައްޔިތު މީހާ ކުރިން ހޮވި ސިޔާސީ މީހާ ކަމުނުގޮސް ސިޔާސީ މީހާއާއި ދެކޮޅަށް މަސައްކަތްކުރަން ފަށައެވެ. ސިޔާސީ ގޮތުން ހޮވޭ މީހާ ރަށުގެ ނުވަތަ އެމީހެއްގެ ދާއިރާގެ ތަރައްޤީއަށް ކިތަންމެ ބައިވަރު މަސައްކަތެއް ކުރިއަސް ފައިސާ ނުބަހައިފިނަމަ އެމީހަކީ އެއްވެސް މަސައްކަތެއް ކުރި ނޫނީ ކޮށްދޭނެ މީހެއް ކަމުގައި ރައްޔިތުމީހާ ބަލައިނުގަނެއެވެ. ވާނީވެސް އެހެންތާއެވެ. ހަކުރު ދެންޏާ ބޮޑުބޭބެއެވެ.

ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި ކެމްޕެއިން ދުވަސްވަރު ބަހާ ފައިސާޔަކީ އެމީހުންގެ ހައްޤެކެވެ. އެމީހުނަށް ލިބެންޖެހޭ އެއްޗެކެވެ. ސައްތައިން ސައްތަ މުސްލިމުން އުޅޭ މިކުޑަ ދިވެހިރާއްޖޭގައި ފައިސާގެ ކަންކަމުގައި ގިނަ ފަހަރަށް ހަރާމެއް ހަލާލެއް ނުބަލައެވެ. މިކަމުގެ ނޭދެވޭ އަސަރު އަޅުގަނޑުމެންނަށް ކުރަމުންދާކަން ޔަގީނެވެ. ގިނަ ފަހަރު އަމިއްލަ ކަންކަމުގައި ނަގާ ބޭންކު ލޯންތަކަކީ ސިޔާސީ މީހާ ދައްކަންޖެހޭ އެއްޗެއް ކަމުގައި ނޫނީ ނުވެއެވެ. ދަރިނަށް ދޭންޖެހޭ ޙަރަދު ހޯދުމަށް ސިޔާސީ މީހާ ކައިރިއަށްދާ މީހުން މަދުންވިޔަސް އަޅުގަނޑުމެންތެރޭގައި އުޅެއެވެ.

އަޅުގަނޑުމެންނަކީ ފެށުނީސުރެން ބަޔަކަށް ބަރޯސާ ނުވެ އަމިއްލަ މަސައްކަތުން ކައިބޮއި ހަދައިގެން އުޅޭ ބަޔަކު އުޅޭ ރާއްޖެއޭ ބުނަން މިހާރު ފަސްޖެހެއެވެ.

ދިރިއުޅުމުގެ ޙަރަދު އަމިއްލަޔަށް ހަމަޖައްސަން އަޅުގަނޑުމެން ދަސްކުރަން އެބަޖެހެއެވެ. ބޭކާރު ކަންކަމުގައި ކުރާ ޙަރަދުތަކާއި ޒަރޫރީ ބޭނުން ފުއްދުމަށް މީހުން އަތުން ހޯދާ ފައިސާ ހުއްޓާލަން ޖެހެއެވެ. ޤަޢުމެއް ތަރައްޤީ ވާނީ ޤައުމުގައި އުޅޭ ރައްޔިތުމީހާ ތަރައްޤީގެ ވިސްނުމުން ވިސްނައިގެންކަން އެއީ ޝައްކެއްއޮތް ކަމެއްނޫނެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު