Advertisement
Advertisement

ޗެމްޕިއަންސް ލީގު ފައިނަލް - މަންޗެސްޓާރ ސިޓީ އަދި ޗެލްސީގެ ކުރިމަތިލުމެއް

2020/2021 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި ‍މަންޗެސްޓާރ ސިޓީ އަދި ޗެލްސީ މިރޭ ކުޅޭނެއެވެ.

Advertisement

ދިވެހިރާއްޖެ ގަޑިން މިރޭ ދަންވަރު 00:00 ފެށޭ މި މެޗު ކުޅޭނީ ޕޯރޓޯގެ އެސްޓާޑިއޯ ޑޮ ޑްރަގާއޯ ސްޓޭޑިއަމްގައެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު އަބަދުވެސް ވެގެން ދަނީ ވަރަށް ފޯރިގަދަ މެޗަކަށެވެ. މި އަހަރު ‍ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކޮށްފައި ވަނީ އިނގިރޭސި ދެ ޓީމުކަމަށްވާ މަންޗެސްޓާރ ސިޓީ އަދި ޗެލްސީއެވެ. މި ދެ ޓީމުވެސް ފައިނަލަށް ދަތުރުކުރީ ފޯރިގަދަ މެޗުތަކެއް ކުޅުމަށް ފަހުގައެވެ. އެގޮތުން ސިޓީ ވަނީ މި އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރާނެ ކަމަށް ގިނަ ބަޔަކު ލަފާކުރި ޕީ.އެސް.ޖީ ސެމީ ފައިނަލުގައި ބަލިކޮށްފައެވެ


ސިޓީއިން ޕީ.އެސް.ޖީގެ މައްޗަށް ކުރި ހޯދީ 4-1 ގެ އެގްރިގޭޓް ސްކޯއަކުންނެވެ. ޗެމްޕިއަންސް ލީގު މިހާތަނަށް އެންމެ ގިނައިން ކާމިޔާބުކޮށްފައިވާ ރެއާލް މެޑްރިޑުވަނީ ސެމީ ފައިނަލުގައި ޗެލްސީ އަތް ދަށުވެ ކަޓާފައެވެ. ޗެލްސީ ރެއާލް މެޑްރިޑުގެ މައްޗަށް ޗެލްސީ ކުރި ހޯދީ 3-1 ގެ އެގްރިގޭޓް ސްކޯއަކުންނެވެ.


މިރޭގެ ފައިނަލް ވެގެން ދާނީ މި ދެ ޓީމުވެސް މި ސީޒަނުގައި ފައިނަލެއްގައި ކުޅޭ ދެވަނަ ފަހަރަށެވެ. އެގޮތުން ސިޓީވަނީ ކަރަބާއޯ ކަޕްގެ ފައިނަލުގައި ކުޅެ ކާމިޔާބުކޮށްފައެވެ. އަދި ސިޓީއިން ވަނީ މި އަހަރުގެ އިނގިރޭސި ޕްރެމިއާރ ލީގުވެސް ކާމިޔާބުކޮށްފައެވެ. އެހެންނަމަވެސް ޗެލްސީވަނީ އެފް.އޭ ކަޕްގެ ފައިނަލުގައި ކުޅެ ނާކާމިޔާބުވެފައެވެ.

މި މެޗު ވެގެން ދާނީ މި ދެ ޓީމު މި ސިޒަނުގައި ކުރިމަތިލާ ހަތަރުވަނަ ފަހަރަށެވެ. އެގޮތުން ކުރިން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ޗެލްސީވަނީ ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި އެފް.އޭ ކަޕުގެ ސެމީ ފައިނަލް މެޗުވެސް ހިމެނެއެވެ. ސިޓީއަށް ޗެލްސީ މައްޗަށް ކުރި ހޯދުނީ އެންމެ މެޗަކުންނެވެ.


ކާމިޔާބު ކޯޗު ގާރޑިއޯލާގެ އިރުޝާދުގެ ދަށުން ސިޓީ އަންނަނީ ގިނަ ކާމިޔާބީތަކެއް ހޯދަމުންނެވެ. އެގޮތުން ގާރޑިއޯލާގެ ކޯޗު ކަމުގެ ދަށުގައި ސިޓީއިންވަނީ އިނގިރޭސި ޕްރެމިއާރ ލީގު ތިން ފަހަރު ކާމިޔާބުކޮށްފައެވެ. އަފި ކަރަބާއޯ ކަޕް ހަތަރު ފަހަރު، އެފް.އޭ ކަޕު އެއް ފަހަރު އަދި ކޮމިއުނިޓީ ޝީލްޑު ދެ ފަހަރު ކާމިޔާބުކޮށްފައެވެ.

 ބާރސެލޯނާއާއި އެކު ކޯޗެއްގެ ގޮތުގައި ގާރޑިއޯލާ ވަނީ ޗެމްޕިއަންސް ލީގު ދެ ފަހަރަކު ކާމިޔާބުކޮށްފައެވެ. ނަމަވެސް މަންޗެސްޓާރ ސިޓީއާއު އެކު މިހާތަނަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވިފައެއް ނުވެއެވެ. އަދި މިއީ ފައިނަލަށް ވެސް ދަތުރުކުރި ފުރަތަމަ ފަހަރެވެ.


ޗެލްސީގެ ކޯޗު ތޮމަސް ޓުޗެލް ޓީމާއި ހަވާލުވީ މި ސީޒަނުގެ މެދުތެރެއިންނެވެ. ޓުޗެލްގެ ކޯޗުކަމުގައި ޗެލްސީއިންވަނީ ކުޅުން ރަނގަޅުކޮށް މި ސީޒަން ވަރުގަދަކޮށް ނިންމާލާފައެވެ. އެފް.އޭ ކަޕު އަދި ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކުރުމުގެ އިތުރުން ޗެލްސީއިން ވަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ކަށަވަރުކޮށްފައެވެ. ޓުޗެލްވަނީ މިދިޔަ ސީޒަނުގައު ޕީ.އެސް.ޖީއާއި އެކު ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅެފައެވެ. ނަމަވެސް ބަޔާން އާއި ކުޅެ ވަނީ ނާކާމިޔާބުވެފައެވެ. 


 

ކިޔުންތެރިންގެ ހިޔާލު