Advertisement
Advertisement

މަންޗެސްޓާރ ސިޓީ ބަލިކޮށް ޗެލްސީ ޗެންޕިއަންސް ލީގު ކާމިޔާބުކޮށްފި

ފޯރި ގަދަވެގެން ދާނެކަމަށް ކުރިންވެސް ގަބޫލުކުރެވުނު މި މެޗުގެ ނުރައްކާތެރި ފުރަތަމަ ހަމަލާ ފޮނުވާލީ ޗެލްސީއިންނެވެ.

Advertisement

 މެޗުގެ 13 ވަނަ މިނެޓުގައި ވާރނާ ފޮނުވާލި ހަމަލާ މަންޗެސްޓާރ ސިޓީގެ ކީޕަރު އެޑާސަން ވަނީ ފަސޭހަކަމާއެކު ދިފާޢުކޮށްފައެވެ. ޗެލްސީއިން ބޯޅަ ހިފަހައްޓައިގެން ނުރައްކާކުރަމުން ދިޔަކަމުގައި ވިޔަސް އެއްވެސް ހަމަލާއެއް ގޯލާ އަމާޒުކުރެވޭ ގޮތެއްނުވިއެވެ.

ޗެލަސީގެ ޑިފެންސުގައި މުހިންމު ދައުރެއް އަދާކުރާ ބުރެޒިލްގެ ޑިފެންޑަރު ތިއާގޯ ސިލްވާ ވަނީ ލިބުނު އަނިޔާއަކާއި ގުޅިގެން މެޗުގެ 39 ވަނަ މިނެޓުގައި ބަދަލުކޮށްފައެވެ.

މެޗުގެ ފެނިގެން ދިޔަ ހަމައެކަނި ލަނޑު މެޗުގެ ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައި ކާމިޔާބުކުރީ ޗެލްސީއިންނެވެ. މި ލަނޑު ޗެލަސީއަށް ކާމިޔާބުކޮށް ދިނީ ކައި ހަވާރޓްސްއެވެ. މިއީ އޭނާ ޗެމްޕިއަންސް ލީގުގައި ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ ނަތީޖާއަށް އިތުރު ބަދަލެއް ނައައިސްއެވެ.

ދެވަނަ ހާފު ފެށިގެން ސިޓީއިން މެޗު އެއްވަރު ކުރުމަށް ކުރިއަށް ޖެހި ޗެލްސީގެ ގޯލަށް ނުރައްކާ ކުރަމުންދިޔައެވެ. ނަމަވެސް ސިޓީއިން ކުރަމުންދިޔަ މަސައްކަތުގެ ހުރަހަކަށް ވެގެން ދިޔައީ ޗެލްސީގެ ވަރުގަދަ ޑިފެންސެވެ. މެޗުގައި ސިޓީއަށް އިތުރު ހިތްދަތިކަމެއް ކުރިމަތިވީ އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ ކެވިން ޑެބުރެއިނާ އަނިޔާގެ ސަބަބުން ބަދަލު ކުރަން ޖެހުމުންނެވެ.

މެޗުގެ 73 ވަނަ މިނެޓުގައި ޗެލްސީގެ ލީޑު ފުޅާކުރުމަށް ޕުލިސިޗްއަށް ރަނުގެ ފުރުސަތެއް ލިބިގެން ދިޔައެވެ. ނަމަވެސް ސިޓީގެ ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު އުނދަގޫ ފުރުސަތުގައި ޕުލިސިޗް ފޮނުވާލި ބޯޅަ ދިޔައީ ދަޑި ކައިރިން ބޭރަށެވެ.

ޗެލަސީގެ ޑިފެންސް ފޫ އަޅުވައިލުމަށް ސިޓީއިން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވާ ގޮތެއްނުވިއެވެ. މިޔާއި އެކު 20/21 ގެ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ޗެލްސީއިން ހޯދީއެވެ. މި އީ ޗެލްސީގެ ތާރީޚުގައި ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ދެވަނަ ފަހަރެވެ. އަދި ސިޓީ އެމީހުންގެ ފުރަތަމަ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށް ކުރާ މަސައްކަތް އިތުރު އަހަރަކަށް ދެމިގެން ދިޔައީއެވެ.

ކިޔުންތެރިންގެ ހިޔާލު