ފުވައްމުލަކުގައި އަޅާ މަލްޓި ޕާޕަސް އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްގެ ކުރެހުން ދައްކާލައިފި
ފުވައްމުލަކުގައި އެޅުމަށް ނިންމާފައިވާ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް ހުންނާނެ ގޮތާއި ފްލޯ ޕްލޭންގެ ކުރެހުން ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހުލޫފް ދައްކާލައިފިއެވެ.
މި ކުރެހުންތައް ދައްކާލަމުން މިނިސްޓަރު ހާމަ ކުރެއްވި ގޮތުގައި މި ސްޕޯޓްސް ކޮމްޕްލެކްސް ގާއިމްކުރަން މިހާރު ވަނީ ޓެންޑަރ ބޯޑަށް ވަނީ ފޮނުވިފައެވެ. ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރާ މި ކޮމްޕްލެކްސްގައި ހޭންޑްބޯލް، ނެޓްބޯލް، ވޮލީބޯލް އަދި ބާސްކެޓްބޯޅައިގެ ބައިނަލްއަގްވާމީ މުބާރާތްތައް ވެސް ކުޅެވޭނެ ކަމަށް މަހްލޫފް ވިދާޅުވިއެވެ.
މިއީ ފުވައްމުލަކު ކުޅިވަރު އާއިލާ އެންމެ ބޮޑަށް ބަލަމުންދާ ޕްރޮޖެކްޓެވެ. ފުވައްމުލައް
ސިޓީ ކައުންސިލާއި ޔޫތް މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ
މި މަޝްރޫއުގެ މާ ގިނަ މައުލޫމާތުތަކެއް މިހާތަނަށް ހާމަކޮށްފައި ނުވިޔަސް
އެނގިފައިވާ ގޮތުގައި މި ސްޕޯރޓްސް ކޮމްޕްލެކްސް ތަރައްގީކޮށް ނިމިގެން ދާއިރު
އެއް ފުރާޅެއްގެ ދަށުގައި ގިނަ ކުޅިވަރުތައް ކުޅުމުގެ ފުރުސަތު ފުވައްމުލަކު
ރައްޔިތުންނަށް ލިބިގެންދާނެއެވެ.
މިނިސްޓަރުގެ މިފޮޓޯތައް މީސްމީޑިއާގައި ހިއްސާކުރަމުން ފުވައްމުލަކު ގިނަ އަދަދެއްގެ ރައްޔިތުން ވަނީ މި ކޮމްލެކްސްގެ މަސައްކަތް ނިމި ހުޅުވޭނެ ދުވަހެއްގެ އިންތިޒާރުގައި ތިބި ކަމަށް ބުނެފައެވެ.