ފުވައްމުލަކުގެ ޖުމްލަ އާބާދީ 13،320

ފުވައްމުލަކުގެ ޖުމްލަ އާބާދީ މިހާރު 13،320 އަރައިފި ކަމަށް ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.
މިހާތަނަށް ފޭސްބުކް ވެރިފައިވެފައިވާ ހަމައެކަނި ކައުންސިލް ފޭސްބުކް ޕޭޖް މެދުވެރިކޮށް ހިއްސާކޮށްފައިވާ ލިއުމުގައިވާގޮތުން ފުވައްމުލަކުގެ ޖުމްލަ އާބާދީގެތެރެއިން ގިނައީ ފިރިހެނުންނެވެ. އެގޮތުން 6779 ފިރިހެނުން ރެޖިސްޓަރ ވެފައިވާއިރު އަންހެނުންގެ ޖުމްލަ އަކީ 6541 އެވެ.
ފުވައްމުލަކުގެ އަވަށްތަކުގެ އާބާދީއަށް ބަލާއިރު އެންމެ އާބާދީ ބޮޑުކަމަށް ދައްކަނީ ދޫނޑިގަމުގައެވެ. އެއަވަށުގައި 2181 މީހުން ރަޖިސްޓަރ ވެފައިވެއެވެ. ދެވަނައަށް އެންމެ މީހުން ގިނައީ މިސްކިތްމަގުގައެވެ. އެއަވަށުގައި 2061 މީހުން ރަޖިސްޓަރ ވެފައިވާއިރު 3 ވަނައަށް އެންމެ އާބާދީ ބޮޑު ކަމަށް ފެންނަނީ ހޯދަޑު އަވަށުގައެވެ. މިއަވަށުގައި 1837 މީހުން ރަޖިސްޓަރ ކޮށްފައިވެއެވެ.
ފުވައްމުލަކުގެ އާބާދީ 13،320 އަށް އެރި ކަމުގައިވީނަމަވެސް މިހާރުވެސް ރަށުން ބޭރުގައި 4000 ވަރަކަށް މީހުން ދިރިއުޅޭނެ ކަމަށް ގިނަ ބަޔަކު ދެކެއެވެ. ސަބަބަކީ ފުވައްމުލަކުގެ ގިނަ ބަޔަކު ވަޒީފާ އަދާކުރަނީ ރިސޯޓު ތަކުގައި އާއި މާލެ ސަރަހައްދުގައެވެ. އަދިވެސް ތަފާތު އެކި ސަބަބުތަކާއި ހުރެ ދިރިއުޅުން މާލެއަށް ބަދަލުވެފައިވާ އެތަށް އާއިލާއެެއް މިހާރުވެސް މާލޭގައި ދިރިއުޅެއެވެ.
ފުވައްމުލަކުގެ ގިނަ ރައްޔިތުން ދިރިއުޅެން ބޭނުންވަނީ ފުވައްމުލަކުގައެވެ. ސަބަބަކީ ފުވައްމުލަކަކީ އެހެން ރަށްރަށާއި ޚިލާފަށް ގުދުރަތީ ރީތި އެތަށް ކަމެއް އެކުލެވިގެންވާ ރަށެކެވެ. ނަމަވެސް ފުވައްމުލަކުގައި ޒަމާނުއްސުރެ ހުރި ބޮޑެތި މައްސަލަތަކަށް އަދިވެސް އެދެވިގެންވާ ހެޔޮ ބަދަލެއް ނާދެއެވެ. އެގޮތުން މިހާރުވެސް ދޭތެރެ ދޭތެރެއިން ފުވައްމުލަކު ހޮސްޕިޓަލުގައި ހިނގާފައިވާ ބައެއް ކަންކަމަކީ ހޮސްޕިޓަލުގެ އިހުމާލުން ހިނގާފައިވާ ކަންކަމުގައި ގިނަ ބަޔަކު ތުހުމަތު ކުރެއެވެ. ދާދިފަހުން ފުވައްމުލަކުގެ މެނޭޖަރު ކަމުގައި މިސަރުކާރުން ހަމަޖެއްސި އަހުމަދު ސައީދުގެ ބަދަލުގައި ފުވައްމުލައް ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރ ލިރާރް ވަނީ ހަމަޖައްސަވާފައެވެ.
ފުވައްމުލަކު ރައްޔިތުން އެދެނީ ވީހާވެސް އަވަހަކަށް ފުވައްމުލަކުގެ ރައްޔިތުން ފުވައްމުލަކުގައި ދިރިއުޅޭނެ ދުވަހެކެވެ.