އެމްޑީޕީ އެތެރޭގެ އިންތިހާބު: އިންތި ފުވައްމުލަކުގައި

އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބުގަައި ވާދަކުރާ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އާއި ކެމްޕޭނު ޓީމުން ފުވައްމުލަކުގައި ކެމްޕޭނު ކުރަމުން އެބަދެއެވެ.
އިންތި އާއި ކެމްޕޭނު ޓީމު ފުވައްމުލަކަށް އައީ ހުކުރު ދުވަހު ހަވީރު އެވެ. އަދި ހުކުރު ދުވަހުގެ ރޭ ވަނީ އެމްޑީޕީ ފުވައްމުލަކު މައި ހަރުގޭގައި ޕާރޓީގެ މެމްބަރުންނާ ބައްދަލުކޮށް މެމްބަރުންގެ ހިޔާލާއި ކަންބޮޑުވުންތައް އަޑުއަހައިފައެވެ. ހޮނިހިރު ދުވަހު އޮތީ ދޮރުން ދޮރުަށް ހިނގައި ޕާރޓީގެ މެމްބަރުންނާއި ބައްދަލުކުރުމެވެ.
އިންތިގެ ކެމްޕޭނުގެ ތަރުޖަމާނު މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވީ ކެމްޕޭނު ޓީމުގެ ބައްދަލުވުމެއް ހޮނިހިރު ދުވަހުގެ ރޭގަނޑު އުތުރު ދާއިރާގެ ހޯދަޑު އަވަށުގައި އޮންނާނެ ކަމަށެވެ. އަދި އެ ދާއިރާގައި އާދީއްތަ ދުވަހު ދޮރުން ދޮރަށް ހިނގާނެ ކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަން އަކީ ކާކު؟
އެމްޑީޕީގެ ޗެއާޕާސަންއަކީ ޕާޓީގެ އެތެރޭގައި ހިންގުމުގެ އެންމެހާ ކަންކަން އިންތިޒާމުކޮށް ރާވާ ބަލަހައްޓާ ފަރާތެވެ. އެއީ ޕާޓީ ދުވަހުން ދުވަހަށް ހިންގުމުގެ އެންމެ އިސް ފަރާތެވެ.
މީގެ އިތުރުން އެމްޑީޕީގެ ކޮންގްރެސްއާއި ގައުމީ މަޖިލިސް އަދި ގައުމީ ހިންގާ ކޮމިޓީގެ ރިޔާސަތު ބެލެހެއްޓުން އަދި ދާއިރާތަކުގެ ހިންގާ ކޮމިޓީގެ އިންތިހާބުތައް އިންތިޒާމުކޮށް ހިންގުން އަދި ޕާޓީގެ އިދާރީ ކަންކަމުގެ އެންމެހާ މަސްއޫލިއްޔަތުތައް އުފުލަން ޖެހޭ ފަރާތަކީ ޗެއާޕާސަން އެވެ.