ދިވެހި ފިރިހެނުންގެ ހިތްތައް ކުދިކުދިކޮށްލި ކައިވެނި

ޒާރާ
ފޮޓޯ: ސޯޝަލް މީޑިއާއިން ޒާރާ ފޮޓޯ: ސޯޝަލް މީޑިއާއިން

އެއްދުވަހެއްގެ މެންދުރު ވަގުތެވެ. ދަތުރުވަރިއެއްގައި ބ. ކަމަދޫއަށް އަޅުގަނޑު ދިޔައީމެވެ. އަޅުގަނޑު ކަމަދޫއަށް ދިޔައީ ރަސްމީ ބޭނުމެއްގައި ކަމުން ގޮސް ވަދެވުނީ ބ. ކަމަދޫ ކައުންސިލް އިދާރާއަށެވެ. ކައުންސިލް އިދާރާގައި ދަންނަ މޫނު ގިނަ ނަމަވެސް ލޮލުގައި އަޅައިގަތީ މަޑުމޮޅި ރީތި ހިނިތުންވުމަކުން މޫނުމަތީގައި ސާދާ އުޖާލާކަމެއް ހުރި ދިވެހި ނޫކަށިފުރައިގެ ރީތި އަންހެން ކުއްޖެކެވެ. އުމުރެއް ނޭނގެއެވެ. އެނގޭ ކަމަކީ، އެފަރި ހިނިތުންވުމާ މޫނުމަތިން ފެންނަން ހުރި ހިތްގައިމުކަމުން މުޅި އޮފީސްތެރެއަށް ވެސް އުފާވެރިކަން ގެނުވާކަމެވެ. މިހިސާބުން ކުރުކޮށްލާނަމެވެ. ނާޒުކު ފަރިޗާލު އެ ފަންމިންޏެއް ފަދަ ރީތި ކުއްޖާދެކެ އަޅުގަނޑު ލޯބިވީ ކަމަށް ހީވެދާނެތީއެވެ. ކަންވީ އެހެންނެއް ނޫނެވެ. މީސްމީހުންނަށް ތަޢުރީފުކުރުމަކީ އަޅުގަނޑަށް ލިބިފައިވާ ހުނަރެކެވެ.



އެފަހުން މާގިނަދުވަހެއް ނުވެ އައީ ބޮޑު އީދެވެ. ބ. ކަމަދޫއަކީ ބޮޑު އީދު ވަރަށް ކުލަގަދަކޮށް ފާހަގަކުރާ ރަށެއްކަމާއި މެދު އެއްވެސް މީހަކު ޝައްކެއް ނުކުރާނެއެވެ. އަޅުގަނޑަށް އޭރު ފެނުނު މަޑުމައިތިރި ކަމަނާ ފެނުނީ އީދު ސްޓޭޖާއި ރަށުތެރެ ފަތަހަކޮށް މުޅި މީސްމީޑިއާ ކުޑަކަކުލަށް ތިރިކޮށްލިތަނެވެ. އެފަރި ހަރަކާތްތަކުން އެތައްބައެއްގެ ލޯބި ހޯދާ އެތަށް ދިވެހި ޒުވާނުންގެ ހުވަފެނުގެ ރާނީއަށް ވާން ސައުވީސް ގަޑިއިރު ވެސް ނުނަގައެވެ. ހަމަ ހަޤީޤަތުގައިވެސް އެކުއްޖާގެ ލާމަސީލު ރީތިކަމާ އެއްވަރަށް ނެށުންތަކުގައި ހަށިގަނޑަށް ގެނުވި ބަނޑިތަކުންނާއި ދޫކޮށްލި ކަތި ނަޒަރުތަކުން އެތަށް ދިވެހި ފިރިހެނުންގެ ހިތްތަކަށް އަސަރުތަކެއް ކޮށްފިއެވެ. ހަމަ ކުދި ތީރުތަކަކުން ހިތްތަކުގައި އެތަށް ލޯވަޅެއް އަޅާލިކަމަށް ބުނެއެވެ. 

ނަން ހާމަކުރަން ބޭނުން ނޫން ފަރާތަކުން މަޢުލޫމާތު ދިން ގޮތުގައި އެކުއްޖާއަށް ފޯނު އޮންކޮށްލާ ފޯނަށް ޖަވާބު ނުދެވޭ ވަރަށް މީސްމީހުން ގުޅައެވެ. ޒާތްޒާތުގެ ފޮޓޯވެސް ފޮނުވައެވެ. ލޯބިވެސް ހުށަހަޅައެވެ. ހަމަ ކުއްލިޔަކަށް މުޅި މީހާގެ ދިރިއުޅުން ބަދަލުވީ ލިބުނު ކުއްލި މަޝްހޫރު ކަމަކުން އެކަންޏެއް ނޫނެވެ. ހަޤީޤަތުގައިވެސް 'ކަމަދޫ ޒާރާ' ރީތީއެވެ. މަގޭ ލޮލަށް ލޮނުމިރުސް އެޅިފަހޭ ބުންޏަސް ހެވެ އެވެ. ރީތިއްޔާ ރީތި ވާހަކަ ބުނާނަމެވެ. ހެޔޮ ހިތަކުން ތަޢުރީފު ކުރުމަކީ ރީތި ސިފައެއް ކަމުގައި ދެކެމެވެ.



އެތަށް ބައެއްގެ ލޯބި ލިބުނުއިރު، އެތައް ބައެއްގެ ހަނގާކުރުމުގެ ޝިކާރަޔަކަށް ޒާރާ ވިއެވެ. އެކަކަށްވެސް ޒާރާގެ ހިތް އަތުލައިގަނެވޭ ވަރުވިހެނެއް ހިޔެއް ނުވެއެވެ. އެފަދަ މަޢުލޫމާތެއް އަޅުގަނޑަށް ލިބިފައިވެސް ނެތެވެ. ބަރިބަރިއަށް ޒާރާއަށް 'ޕްރޮޕޯސަލް'ތައް އައިސް އައިސް ހުއްޓާ، ކުއްލިއަކަށް އަޑު އިވުނީ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ސަން ސިޔާމް އާއި ޒާރާ ކައިވެނިކުރަން އުޅޭ އަޑެވެ. 

މީސްމީޑިއާ ކެކިއަރަން ފެށީ "މަމިދަނީ ބުލީޗްބޯން" "މަމިދަނީ ކަނޑަށް ފުންމާލަން، މަހޯދަން ކަލޭމެން ނޫޅޭ" މިފަދަ އެތަށް ހާސް ޕޯސްޓުތަކެވެ. "ތެޔޮ ނާށި ކާޅު ގެންދިޔައީ" ކަމަށް ވެސް ކިޔައި އުޅުނެވެ. މުޅި ދިވެހި މީސްމީޑިއާއާއި ނޫސްތަކުގެ ފަލަ ސުރުހީގައި އޮތީ އެއް ވާހަކައެކެވެ. ސަން ސިޔާމް އާއި ޒާރާއެވެ.



ބައެއްގެ ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުން ދެން ފެށުނީ ދިވެހިންގެ ތެރެއިން ބައެއް މީހުންގެ ދަށުދަރަޖައިގެ ޕޯސްޓުތަކެވެ. ސިޔާމްއަކީ މުސްކުޅިއެއް ކަމަށެވެ. އެއީ ފައިސާއަށްޓަކައި ކުރާ ކައިވެންޏެއް ކަމަށް ވެސް ބުނެއެވެ. ހަޤީޤަތް އަޅުގަނޑަކަށް ނޭނގެއެވެ. އެނގޭ މިންވަރު ބުނެދޭނަމެވެ. 1990 ވަނަ އަހަރުން ފެށިގެން ވިޔަފާރިވެރިޔާ ސިޔާމްއަކީ ކާމިޔާބުކަންމަތީ ވިޔަފާރީގައި ދެމިހުންނެވި ކާމިޔާބު މަހުޖަނެކެވެ. އެތައް ވިޔަފާރިއެއްގެ ބާނީއެވެ. ސިޔާސީ ގޮތުންވެސް ބާރުގަދަ ބޭފުޅެކެވެ. އެތައް ހާސް މުވައްޒަފުންގެ މުސާރަވެރިއެކެވެ. ސިޔާމުގެ ވިސްނުމާ ފިކުރު ހުރި މިންވަރަށް ސިޔާމަށް ޖެއްސުމާ ފުރައްސާރަ ކުރާ މީހުންގެ ވިސްނުން ތަރައްޤީވެފައި ހުރިނަމަ ތިމީހުން ވެސް ހުކުރަށް ދާން ސަވާރުވާނީ ހުދުކުލައިގެ އަހަކަށެވެ. ސިޔާމުއަކީ ތޫނުފިލި ވިސްނުންތެރިއެކެވެ. ވިޔަފާރި 'ޖީނިއަސް' އެކެވެ. އަދި ފެންނަ ފެނުމަށްވެސް 'ސްމާޓް' ފިރިހެނެކެވެ. ކޮންމެއަކަސް މިކައިވެނި ހަމަޖެހުނީ ކިހިނެތްކަން އަޅުގަނޑަށް ނޭނގެއެވެ. އެނގޭ ކަމަކީ އުފާވެރި ދިރިއުޅުމެއް އަންހެނަކަށް ހޯދައިދެވޭނެ ހުރިހާ ގޮތަކުން ސިޔާމުއަށް ޒާރާއަށް ހިދުމަތް ކޮށްދެވޭނެކަމެވެ.



ސަން ސިޔާމް އަށް ތަޢުރީފުގެ ބަހެއް ބުނުމުން އަޅުގަނޑު ރޮލާ ކާލާނީއެއް ނޫނެވެ. ސިޔާމަކަށް އަޅުގަނޑު ނޭނގޭނެއެެވެ. ނަމަވެސް އަސްދެކެ ވާ ލޯތްބެއްގެ ސަބަބުން ސިޔާމު ދަރިންތަކެއް ފަދައިން ގެންގުޅޭ އަސްތައް ބަލާލަން ސިޔާމް ވޯލްޑަށް ދިޔައީމެވެ. ފައިސާ ނެތުމުން އެރިސޯޓުގައި އުޅޭ ރައްޓެއްސެއް ގާތު ރޮއެ އާދޭސްކޮށްގެން ހޯދި ޓުއާއެކެވެ. އަޅުގަނޑަށް ފެނުނީ ސިޔާމް ގެންގުޅޭ ޖަނަވާރުތަކަށް އަޅާލާވަރެވެ. ކުޑަމިނުން އެތާނގައި އުޅޭ ވަގު ބުޅަލަކަށް އަނިޔާއެއް ކުރާ މީހާގެ އަދަބަކީވެސް ވަޒީފާއިން ކަނޑާލުމެވެ. ޖަނަވާރުތައް ދެކެވެސް އެހާ ލޯބިވެއެވެ. މިބުނީ ސިޔާމުގެ ބެލުމުގެ ދަށުގައި ހުރި ޖަނަވާރުތަކަށް ކުރާ ހޭދައާއި އަޅާލާ މިންވަރެވެ. ދެން ޒާރާއަށް އަޅާލާނެ ވަރާއި ލޯބިދޭނެ ވަރު އަންދާޒާ ކޮށްލާށެވެ.



'ޖޭ' ވާ މީހުން ވާންވީއެވެ. ޖެއްސުމާ ފުރައްސާރަ ކުރުމަކީ މޮޅުކަމެއް ކަމަށް ދެކޭ ނަމަ އެކަން ކުރަންވީއެވެ. ހަޤީޤަތަކީ އަރާ އަރަފޯދިގެން ޒާރާގެ ހިތް އަތުލަން ކެރުނު 'ޕްރިންސް' އަކީ ސިޔާމް ކަމެވެ. 'ޕްރިންސެސް' އެއް ފަދައިން ތާޖުއަޅުވައި، ބަޔަކު ފިއްކަނޑައިގެން ދާހާ ކުލަގަދަ ކައިވެނި ހަފުލާއެއް ބާއްވައި، ދިވެހިރާއްޖޭގެ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ދިވެހި ދެމަފިރިން ކައިވެނީގެ އުފަލުގައި ރަށުތެރޭގައި ހުދު އަހަށް ސަވާރުވެގެން ދުއްވާ، މުޅިން ތަފާތު ފަންތިއަކަށް ކައިވެނިކުރިކަމެވެ. ދެން ހަޖޫޖަހަޖަހާ ތިބެލާށެވެ. ޒާރާ ދެން އަތަކު ނުޖެހޭނެއެވެ. ބުލީޗް ބުޔަސް، ކަނޑަށް ފުންމާލިޔަސް ދެން ވާނެކަމެއް ނެތެވެ. 'ދޭވްދާސް' ހެދުން ދޫކޮށްލާ ކަރުނަ ފޮހެލާށެވެ.



ކޮންމެޔަކަސް ދިވެހި އެތަށް ޒުވާނުން އިޝްޤީބަލީގައި އެނދުހުރަސް ބަލި އެޅުވި ޒާރާއަކީ މިހާރު ސިޔާމުގެ ހައްޤެކެވެ. އެއީ ވަރަށް ގުޅޭ ޖޯޑެއްކަމަށް އަޅުގަނޑަށް ޤަބޫލުކުރެވުނީ އިންސާނުންގެ ވިސްނުމާ ފިކުރު ހުންނަގޮތާމެދު އަޅުގަނޑު މެދުކެނޑުމެއްނެތި ދިރާސާތައް ބަލައި ފޮތްތައް ކިޔާތީއެވެ. އެރޮގުން މާހިރެއްކަމަށް ދައުވާ ނުކުރަމަވެ. އަޅުގަނޑުގެ ކޮށި ވިސްނުމުން ޤަބޫލު ކުރެވުނު ގޮތެވެ. 

ތިޔަބުނާ ސިއްރު ޑީލް ތަކެއް ކައިވެނީގެ ފަހަތުގައި އޮތޭ، ނެތޭ، ތޯތޯ އޭ ބުނެ، އެގަހު ކޭލެއް މިގަހު ކޭލެއް ވަކިނުވާ ނުކަށަވަރު ވާހަކަތަކަށް ރައްދެއް ނުދޭނަމެވެ. ތިމާޔާ ބެހޭ ކަންކަމާ ބެހިފައި، ނުބެހޭކަންކަމާ ނުބެހި އުޅުނީމަ ދިރިއުޅުން މާއުފާވެރިވާނެއެވެ. ޒާރާއާއި ސިޔާމުގެ ކައިވެނީގައި ބަރަކާތް ލެއްވުން އެދި ދުޢާކުރަމުން ނިންމާލަމެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު