ފުވައްމުލަކުގައި މިނީ ބަހުގެ ޚިދުމަތް ދޭން ފަށަނީ!

ފުވައްމުލަކުގައި މިނީ ބަހުގެ ޚިދުމަތް ދޭންފަށަން ތައްޔާރުވެއްޖެއެވެ.
އެހެންނަމަވެސް ކަންބޮޑުވުންތަކެއް ހުރިކަމަށް ބައެއް ރައްޔިތުން ފާހަނގަ ކުރެއެވެ. އެގޮތުން ސޯޝަލް މީޑިއާގައި ވާހަކަ ދައްކާ ބައެއް ފަރާތްތަކުން ބުނާގޮތުގައި ވާރޭ ވެހޭ ނަމަ ހިޔާވާނެ ބަސް ހުއްޓިތަކެއް ނެތެވެ.
ބަހުގެ ޚިދުމަތް ދޭން ތައްޔާރުވުމުގެ ގޮތުން ޓެސްޓް ދަތުރުތަށްވެސް ވަނީ ބާއްވާފައެވެ. އަދި ބަސް ހުއްޓި ބޯޑްތައްވެސް ވަނީ ޖަހަން ފަށާފައެވެ. އެހެންނަމަވެސް އެސަރަހައްދުގައި އިށީނދެލައިގެން ތިބެވޭނެ އިންތިޒާމެއްވެސް ހަމަޖެހިފައި ނުވެއެވެ.
މިކަމާއި ގުޅޭގޮތުން ސިޓީ ކައުންސިލްގެ މޭޔަރ، ޢިސްމާއިލް ރަފީޤް ވިދާޅުވީ މިވަގުތު ޖަހާފައި ހުރި ބަސްހުއްޓި ބޯޑް ތަކަކީ ވަގުތީ އެއްޗިހި ކަމަށާއި ރައްޔިތުންގެ ޚިޔާލާއި އެއްގޮތަށް ޖަހާފައި ހުރި ތަންތަނަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމުގައެވެ.
އަދި ހަމަ އެއާއިއެކު އެސަރަހައްދު ތަކުގައި ފަސޭހަކަމާއި އެކު ތިބެވޭނެ އިންތިޒާމުވެސް އެމްޓީސީސީއިން ހަމަޖެއްސުމުގެ މަސައްކަތްވެސް ކުރިއަށް ދާކަމަށް ވެސް މަޢުލޫމާތު ދެއްވިއެވެ. މިވަގުތު ހިލޭ ދަތުރުތަށް ކުރި ކަމުގައިވި ނަމަވެސް ފުވައްމުލަކު ހަދަމުންދާ އެތެރޭގެ މަގުތަށް ނިމުނުހާ އަވަހަކަށް އަގުތަށް ފައިނަލްވެ، އިތުރު މަގުތަކުގައި ބަސް ހުއްޓި ބޯޑު ވެސް ހަރުކުރެވިގެންދާނެ ކަމަށްވެސް މޭޔަރ ފާހަނގަ ކުރެއްވިއެވެ.
މީގެ ކުރީ ސަރުކާރު ތަކުންވެސް ފުވައްމުލަކުގައި ބަސް ދަތުރުތަށް ފެށިއެވެ. ނަމަވެސް މާގިނަ ދުވަހަކު އެކަން ކުރެވޭގޮތެއް ނުވެއެވެ. ނަމަވެސް މިސަރުކާރުން އެހެން ސަރުކާރުތަކާ ޚިލާފަށް ގެނެސްފައިވަނީ މިނީ ބަސްތަކެކެވެ. އެހެންކަމުން އެތެރޭގެ މަގުތަކުގައިވެސް ދަތުރު ކުރަން ފަސޭހަ ވެގެންދާނެއެވެ. މިކަމުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބައެއް ރައްޔިތުން އުންމީދު ކުރެއެވެ.