ޑޮލަރު ދޭނެ ކަމަށް ބުނެ ފައިސާ ހޯދުމަށްފަހު ފިލައިފި

ޑޮލަރު ދޭނެ ކަމަށް ބުނެ ފައިސާ ހޯދުމަށްފަހު ފިލައިފިއެވެ.
1،200 ޔޫއެސް ޑޮލަރަށް ވާ ފައިސާ ހުސެއިން ނައުޝް ހުސެއިން ކިޔާ މީހެއްގެ އެކައުންޓަށް ޓްރާންސްފާ ކުރި ފަހުން އެއްވެސް މެސެޖަކަށް ރިޕްލައިވެސް ނުކޮށް ކުރިން ފޮނުވާފައި ހުރި މެސެޖްތަށްވެސް ވަނީ ޑިލީޓް ކޮށްފައެވެ. ހުރިހާ މުޢާމަލާތެއް ހިންގާފައިވަނީ ވައިބާ އެޕް މެދުވެރިކޮށެވެ.
ވައިބާރ މެދުވެރިކޮށް ދެކެވިފައިވާ ސްކްރީންޝޮޓްތަކެއް މިނޫހާއި ހަވާލުކުރަމުން އާއިލާ މީހަކު ބުނީ މި ރުފިޔާއަކީ އޭނަގެ ދައްތަގެ ފިރިމީހާ އިންޑިއާގައި ގިނަ ދުވަސްތަކެއްވެ، އަތްމަތި ދަތިވުމުން ބުރަ މަސައްކަތުން ހޯދާފައި ރައްކާކޮށްފައި ހުރި ފައިސާ ކަމަށެވެ. 16.95 ގެ ރޭޓުގައި ޑޮލަރު ދޭނެ ކަމަށް ބުނުމުން އެއަށްވާ ފައިސާ ކަމަށްވާ 20340 (ވިހި ހާސް ތިންސަތޭކަ ސާޅީސް) ރުފިޔާ ހުސެއިން ނައުޝް ހުސެއިން ގެ ނަމުގައި ހުޅުވާފައިވާ ކަމަށް ބުނާ އެކައުންޓަށް ޖަމާކުރަން ބުނުމުން ފޮނުވުމަށް ފަހު އޭނާގެ ޚަބަރެއް ނުވިއެވެ.
މި މައްސަލަ މިހާރު ވަނީ ކަމާއި ބެހޭ ފަރާތްތަކަށް ހުށަހަޅާފައެވެ. އެގޮތުން ޕޮލިސް ސާވިސް އަދި ބެންކް އޮފް މޯލްޑިވްސް އަށް ވެސް ވަނީ ހުށަހަޅާފައެވެ. ފައިސާ ހޯދި ފަރާތުން ވާހަކަ ދައްކާފައިވަނީ 9787910 ގެ ނަމްބަރަށް ވައިބާ އެކްޓިވޭޓް ކޮށްފައިވާ ނަމްބަރަކުންނެވެ.
މިބާވަތުގެ ކަންކަމަކީ ވަރަށް ގިނައިން މިފަހަކަށް އައިސް ހިނގަމުންދާ ކަންކަމެކެވެ. މިކަމަށް ޚާއްސަކޮށް ވައިބަރ ގުރޫޕްތަށް ހަދާ ވަރަށް ގިނަ ބަޔަކު ދަނީ ނަހަމަ ގޮތުގައި މީހުން އަތުން ޑޮލަރު ނުވަތަ ރުފިޔާ ހޯދުމަށްފަހު ފިލާފައެވެ.
މިފަދަ ބައެއް މީހުން ދަނީ ވައިބާ ޕްރޮފައިލް ފޮޓޯގައި އެހެން މީހުންގެ ފޮޓޯ އަދި އެފޮޓޯގައި ފެންނަ މީހާގެ ނަން ވެސް ބޭނުން ކުރަމުންނެވެ. ވީމާ ގިނަ ފަހަރު ހީވެފައި އޮންނަނީ މި ވާހަކަ ދެކެވެނީ ހަމަ އަސްލު މީހަކާހެންނެވެ.
ދޭތެރެ ދޭތެރެއިން ބެންކް އަދި ޕޮލިސް ސާވިސް އިން ވެސް ދަނީ މިފަދަ ކަންކަމަށް ރައްޔިތުން ސަމާލު ވުމަށް މެސެޖް އަދި އެހެނިހެން ސޯޝަލް މީޑިއާ މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދެމުންނެވެ.