Advertisement

ޖިންސީ ގޯނާގެ ތުހުމަތުގައި ޖީހާންގެ ފިރިމީހާގެ މައްޗަށް ދައުވާ ކޮށްފި

ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ކެންޔާގެ އަންހެނަކާ ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި، ދައުވާ ކޮށްފައިވަނީ ރައްޔިތުންގެ މަޖިލިހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މުހައްމަދު ފިރިކަލުންގެ މައްޗަށެވެ. 

Advertisement

ޖީހާންގެ ފިރިކަލުން އަބްދުﷲ ޝާން، ނޫރަންގެ ލ. ގަމުގެ، މައްޗަށް ތިން ކުށަކަށް ތުހުމަތުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ޖިންސީ ގޯނާކުރުމުގެ ދައުވާ ވެސް ހިމެނެ އެވެ. ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ އަނިޔާކުރިކަމަށް ތުހުމަތުގައި ޝާން ހިމެނޭހެން ތިން މީހެއްގެ މައްސަލަ ތަހުގީގުކުރުމަށްފަހު މައްޗަށް ދައުވާކުރުމަށް ފުލުހުން ދައުވާ ކުރަން ފޮނުވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރީ ކޮޅުއެވެ.

ޝާންގެ މައްޗަށް ކޮށްފައިވަނީ ޖިންސީ ގޯނާ ކުރިމުގެ ދައުވާއާއި، ގައިގައި އަތްލުމުގެ ކުށާއި އެވަގުތު އަނިޔާއެއް ދީފާނެކަމުގެ ބިރު ދެއްކުމުގެ ކުށުގެ ދައުވާ އެވެ.

ހުޅުމާލެ ކައިރީގައި އަޅާފައިއޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 27 ވަނަ ދުވަހުގެ ފަތިހުކަމަށް ފުލުހުން ވިދާޅުވެއެވެ. މި މައްސަލައާއި ގުޅިގެން ކުށުގެ ވެށިން 39 އަހަރުގެ ދިވެހި 2 ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަކަމަށާއި، ނަމަވެސް އެ 2 މީހުން ބަންދުގައި ބަހައްޓަން ޖެހޭ އެކަށީގެންވާ ސަބަބެއް ނެތުމުން ދޫކޮށްލާފައިވާކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

މިމައްސަލާގައި ޝާންއަށް ދައުވާ ކޮށްފައިވާއިރު، މިމައްސަލާގައި ހިމެނޭ އަނެއް ދެމީހުންގެ މައްޗަށް ދައުވާކުރެވޭ ވަރުގެ ހެކި ނެތުމުން އެ ދެ މީހުންގެ މައްސަލަ އަނބުރާ ވަނީ ފޮނުވާލައިފައެވެ.

ފުލުހުން ވިދާޅުވީ މިމައްސަލާގައި ހައްޔަރުކުރި މީހުން ދޫކޮށްލާފައިވަނީ މިފަދަ އެހެން މައްސަލަތަކުގައިވެސް ޢަމަލުކުރާގޮތަށް އެވަގުތަށް ލިބިފައިހުރި ހެކިތަކާއި ބެލިބެލުމުން އެމީހުން ދޫކޮށްލައިގެން މައްސަލައިގެ ތަހުގީގަށް އިތުރަށް ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ޤަބޫލުކުރެވިގެންކަމަށެވެ. މި މައްސަލައިގެ ތަޙްޤީޤަށް ހެކި ނަގާފައިވާކަމަށާއި 11 މީހެއްގެ ބަޔާން ނަގާފައިވާކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު