Advertisement
Advertisement

ކުރީގެ ރައީސް ޔާމިންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ދަމަހައްޓައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން، ގއ ވޮޑަމުއްލާ ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑާ ކުރި މައްސަލާގައި ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ހުކުމް އިސްތިއުނާފު ކުރުމުން ހައި ކޯޓުން އެ ހުކުމް ދަމަހައްޓައިފިއެވެ.

Advertisement

މި މައްސަލާގައި ހުކުމް ކުރުމަށް މިއަދު ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުން ވިދާޅުވީ، މި މައްސަލާގައި ދަށު ކޯޓުން އިއްވި ހުކުމަށް ބަދަލު ގެންނަން ޖެހޭ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށެވެ.

ގއ ވޮޑަމުއްލާ ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑާ ކޮށްފައިވާ ކަން ސާބިތުވެ، ދިވެހިރާއްޖޭގެ 5 ވަނަ ރައީސްގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ 5 އަހަރު ދުވަހަށް ޖަލަށް ލުމަށާއި، 5 މިލިއަން ޑޮލަރުން (77 މިލިއަން ރުފިޔާ) ޖޫރިމަނާ ކުރުމަށެވެ.

ނޮވެމްބަރު 28، 2019 ވަނަ ދުވަހު އިއްވި އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރުމަށް ނޮވެމްބަރު 30، 2019 ވަނަ ދުވަހު ވަނީ ހުށަހަޅާފައެވެ. ޑިސެމްބަރު 18، 2019 ވަނަ ދުވަހު އިސްތިއުނާފުގެ މައްސަލަ ހައި ކޯޓުން ބަލައިގެންފައި ވާއިރު، ރައީސް ޔާމީންގެ ވަކީލުން ވަނީ އެމަނިކުފާނު ކަފާލާތުގެ ދަށުން ދޫކޮށްލުމަށާއި ހުކުމް ތަންފީޒު ކުރުން ލަސްކޮށް ދިނުމަށް އެދި ވެސް ހައި ކޯޓަށް ހުށަހަޅާފައެވެ. މި މައްސަލައިގެ ޖުމްލަ 7 އަޑުއެހުމެއް ހައި ކޯޓުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު