އެމްޑީޕީގެ އެތެރޭގެ އިންތިހާބު – ވަރުގަދަ ކެންޑިޑޭޓުންތަކެއް

ވާދަވެރި އިންތިހާބެއް ނިމި އެއިންތިހާބުގެ ހޫނު ރޯޅިތައް ފިލައި ނުދަނީސް މިއޮތީ އަނެއްކާ އިންތިހާބެކެވެ. ދިވެހިރާއްޖޭގެ މެންބަރުން އެންމެ ގިނަ އަދި ޑިމޮކްރަޓިކް އުސޫލުން ހިންގާ އެމްޑީޕީގެ އެތެރޭގެ އިންތިހާބު ރަސްމީކޮށް އިއުލާން ނުކުރަނީސް އެޕާޓީގެ މެންބަރުން ނުކުމެ ވާދަވެރިކޮށް ކެމްޕޭނު ފަށައިފިއެވެ. ކުރިން ތިބި މީހުން ބާވެއްޖެ ކަމަށާއި އާ މީހުންނަށް ފުރުސަތުދޭންވެއްޖެ ކަމަށް ބުނެ އެތައް ބަޔަކު އެކި މަގާމުތަކަށް ކުރިމަތިލާނެ ކަމަށް ވަނީ އިއުލާނުކޮށްފައެވެ. އަދި ތިމާމެން ނަތީޖާ ނެރެދީފައިވާ ކަމަށް ބުނެ މިހާރު ތިއްބެވި ބައެއް ފަރާތްތަކުން ވެސް ވަނީ އާ ދައުރަކަށް ކުރިމަތިލާފައެވެ. މި ރިޕޯޓުގައި އަލިއަޅުވާލަނީ މެއި 29 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ފުވައްމުލައް ސިޓީގެ އެކި ދާއިރާތަކަށް ވާދަކުރާނެ ކަމަށް އިއުލާނުކޮށްފައިވާ ބައެއް ބޭފުޅުންގެ އުސްއަލިތަކަށެވެ.
ފުވައްމުލައް ސިޓީ ރައީސް
ކުރީގެ ދެކުނު ޕްރޮވިންސްގައި ހިމެނެނީ އައްޑޫ އާއި ފުވައްމުލަކެވެ. ނަމަވެސް މިހާރު މި ދެ އަތޮޅުވެސް ސިޓީއަށް ދަރަޖަ ކުރެވިފައި ވުމާއި އެކު ކޮންމެ ސިޓީ އަކުން އިންތިހާބު ކުރާނީ އެ ސިޓީއެއްގެ ސިޓީ ރައީސެވެ. ފުވައްމުލައް ސިޓީ ރައީސްގެ މަގާމަށް ކުރިމަތިލާނެ ކަމަށް މިހާތަނަށް އިއުލާންކޮށްފައިވާ އެމްޑީޕީގެ ވަރުގަދަ ފަރާތްތަކާއި އެކު މި މަގާމުގެ ވާދަވެރިކަން ވަނީ ބޮޑުވެފައެވެ.
މުހައްމަދު ނިޒާމް ހަސަން: އެންމެ ފަހުން ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި މޭޔަރު ކަމަށް ވާދަކޮށް ނާކާމިޔާބުވި ނަމަވެސް މުހައްމަދު ނިޒާމް ހަސަންގެ ސިޔާސީ ހަޔާތަށް ނިމުމެއް ނައެވެ. އެއަށްވުރެ ބާރަށް ތެދުވެ ލޯކަލް ކައުންސިލް އިންތިހާބުގެ ފުވައްމުލައް ސެންޓްރަލް ކެމްފޭނުގައި ބައިވެރިވެ އެވަނީ ނަތީޖާ ދައްކާދީފައެވެ. ނިޒާމަކީ ވަރުގަދަ ސިޔާސީ އެނެލިސްޓެކެވެ. ސިޔާސީ ކެމްޕޭނުތައް ރާވާ ހިންގުމުގެ ތަޖުރިބާކާރެކެވެ. މިމަގާމަށް މިހާރުވެސް ނިޒާމު ދަނީ ވަރުގަދަ ކެމްޕޭނެއް ކުރަމުންނެވެ.
ނިޒާމް އެމްޑީޕގެ ދެ ރައީސުންނާއި އެކު ޕާޓީގެ ހަރަކާތެއްގައި
ހަސަން ވާސިފު ހުސައިން ނުވަތަ މަޝްހޫރު ނަމުން ނަމަ ވަޓިކާ އަކީ ފުވައްމުލަކު ދެކުނު ދާއިރާގެ ފުނާޑު އަވަށަށް ނިސްބަތްވާ ޒުވާން ވިޔަފާރިވެރިއެކެވެ. އެމްޑީޕީގެ ހަރަކަތްތަކުން ފެންނަ ވަޓިކާގެ ކެމްޕޭނުވެސް ކުރިއަށް ދަނީ ވަރުގަދަކޮށެވެ. އަދި މިއީ މިމަގާމަށް އެންމެ ވަރުގަދަ ފައިޓެއް ދޭނެ ކެންޑިޑޭޓެވެ.
ވާސިފު އަދި މޯޑު
މުހައްމަދު އިބްރާހިމް ދީދީ (މޮޑީ) އަކީ ފުވައްމުލަކު މީހުންނަށް އާ ނަމެއް ނޫނެވެ. ސިޔާސީ ގޮތުން ދޭންޖެހޭ އިތުރު ތައާރަފެއްވެސް ނެތެވެ. މޮޑީ ވަނީ ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެންބަރުކަން ގިނަ ދުވަސްތަކެއް ވަންދެން ފުރުއްވާފައެވެ. ރާއްޖެއަށް އިސްލާހީ ހަރަކާތްތައް ގެނެވި އެމްޑީޕީ ވުޖޫދުވެ ބާރުވެރި ސިޔާސީ ޕާޓީއަކަށް ހެދުމުގައި މޮޑީގެ ބައިވެރިވުން ބޮޑެވެ.
މޮޑީގެ ކެމްޕޭނު ޕޯސްޓަރެއް
މިބޭފުޅުންގެ އިތުރުންވެސް މިމަގާމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތައް ހިމެނެއެވެ. އޭގެ ތެރޭގައި ޏ އަތޮޅު ތައުލީމީ މަރުކަރުގެ ޕްރިންސިޕަލްގެ މަގާމު އަދާކޮށްފައިވާ އަބްދުﷲ ރަޝީދު ކުރިމަތިލުމާއި ދޭތެރޭ ވިސްނާކަމަށް ފޭސްބުކްގައި ލިޔެފައިވެއެވެ. ނަމަވެސް މިނޫހަށް މުއުތަބަރު ފަރާތަކުން މައުލޫމާތު ދިން ގޮތުގައި އަބްދުﷲ ރަޝީދު މިހާރު ނިންމާފައިވަނީ މި އިންތިހާބުގައި ވާދަނުކުރުމަށެވެ.
ފުވައްމުލައް ސިޓީ ނާއިބު ރައީސް
އަލީ އިއްޒަތު ނުވަތަ މަޝްހޫރު ނަމުން ނަމަ އިސްސިސް އޭ ބުނުމުން އެއީ ކާކުކަން ނޭގޭ މީހަކު ފުވައްމުލަގައި ހުންނާނެހެން ހީއެއް ނުވެއެވެ. މެދު ދާއިރާގެ މިސްކިތްމަގަށް ނިސްބަތްވާ އިސްސިސް އަކީ ފުވައްމުަލަކުގައި މަޝްހޫރު އަދި ސޯޝަލް މީޑިއާގައި ނުފޫޒް ގަދަ އިންފްލުއެންޒަރއެކެވެ. އެއަށް ވުރެ ބޮޑަށް އެއީ އެމްޑީޕީގެ ހަރަކާތްތެރި ވަރުގަދަ އެކްޓިވިސްޓެކެވެ.
އިސްސިސް ރައީސް ސޯލިހު އާއި އެކު ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި
ޕްރޮވިންސް ނާއިބު ރައީސް ކަމަށް ވާދަކުރާނެ ކަމަށް ދެން އިއުލާންކޮށްފައިވާ މުހައްމަދު ސުޖާއު އަކީ ފުވައްމުލައް ސިޓީ ދެކުނު ދާއިރާގެ ދޫޑިގަން އަވަށަށް ނިސްބަތްވާ އެމްޑީޕީގެ ވަރުގަދަ އެކްޓިވިސްޓެކެވެ. އެމްޑީޕީގެ ހަރަކާތްތައް ދެކުނު ދާއިރާގައި ހިންގުމުގައި ޝުޖާއުގެ ބައިވެރިވުން ބޮޑެވެ.
ޝުޖާއު
ފުވައްމުލައް ސިޓީގެ އެކި ދާއިރާތަކަށް ބަލާއިރު އެންމެ ވާދަވެރިކޮށް ދަނީ ފުވައްމުލަކު މެދު ދާއިރާއެވެ. އެންމެ ގިނަ ބަޔަކު ވާދަ ކުރަނީވެސް މިދާއިރާގެ މަގާމުތަކަށެވެ.
ފުވައްމުލައް ސިޓީ މެދު ދާއިރާ ރައީސް
އަހުމަދު މުހައްމަދު އޭ ބުނުމުން ކާކުކަން ނޭގިދާނެއެވެ. ނަމަވެސް ހިމާލިޔާ ތުއްތޫ ނުވަތަ ސަޒާން ތުއްތޫ އޭ ބުނުމުން ނޭގޭ އެމްޑީޕީގެ މީހަކު ފުވައްމުލަކުގައި ނުހުންނާނެއެވެ. ތުއްތޫ އަކީ ފުވައްމުލަކުގައި އެމްޑީޕީގެ ހަރަކާތްތައް ފެށިގެން އައި އިރުގެ ލެޖެންޑެކެވެ. ތުއްތޫ އާއި ވާދަކުރަން ނުކުންނަ ހުރިހާ ކެންޑިޑޭޓުންނަށްވެސް ދިމާވާނެ އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ ފުވައްމުލަކުގައި އޮންނާނެ ތުއްތޫގެ ވަރުގަދަ ސިޔާސީ ނެޓްވޯކެވެ. އެމްޑީޕީ ފެށިގެން މިއަދާއި ހަމައަށް އެންމެ އިސް ސަފުގައި ހަރަކާތްތެރިވާ ތުއްތޫ އަށް މެދު ދާއިރާގެ ސިޔާސީ މައިދާނުގައި ހެދިފައިވާ ނެޓްވޯކުގެ ވަރުގަދަކަން ޓެސްޓުކޮށްލަން މިއީ ރަނގަޅު ފުރުސަތެކެވެ.
ތުއްތޫގެ ކެމްޕޭނު ޕޯސްޓަރެއް
ހުޝާމް މުހައްމަދު ނުވަތަ މަޝްހޫރު ނަމުން ނަމަ މަޑޭ އަކީ ފުވައްމުލަކުގެ މެދު ދާއިރާގެ އެމްޑީޕީގެ ކެމްޕޭނުތައް ލީޑުކޮށް ކުރުމުގައި އިސްވެ ހަރަކާތްތެރިވާ ޒުވާން ލީޑަރެކެވެ. އަބަދުވެސް ކުރާ މަސައްކަތްތަކަށް ސަތޭކަ ޕަސެންޓު ދީގެން އިހްލާސްތެރިކަމާއި އެކު މަސައްކަތްކުރާ މީހެއްގެ ގޮތުގައި ފާހަގަވެފައިވާ ހުޝާމްގެ ކެމްޕޭނުވެސް ކުރިއަށް ގެންދަނީ ވަރަށް ވަރުގަދަކޮށެވެ.
ހުޝާމްގެ ކެމްޕޭނު ޕޯސްޓަރެއް
ޒަހުރާ މޫސާ އަކީ މިފަހަރު އިއުލާންކޮށްފައިވާ މީހުންގެ ތެރެއިން ފުވައްމުލަކުު ދާއިރާއެއްގެ ރައީސް ކަމަށް ވާދަކުރާ ހަމައެކަނި އަންހެން ކެންޑިޑޭޓެވެ. ޒަހުރާ އަކީ އެމްޑީޕީ އަންހެނުންގެ ރޫހުގައި މަސައްކަތް ކުރާ އެޕާޓީގެ ނަގާލެވޭ ވަރުގަދަ އެކްޓިވިސްޓެކެވެ.
ޒަހުރާގެ ކެމްޕޭނު ޕޯސްޓަރެއް
ތައްޔިބު ޙަލީލް: ގިނަ ބައެއްގެ ނަޒަރުގައި މިއީ އިންތިހާބުގައި ވާދަކުރާ އެންމެ ސަޕްރައިޒިން ކެންޑިޑޭޓެވެ. ހަގީގަތުގައިވެސް ތައްޔިބު ޙަލީލަކީ މިފަހަރުގެ އިންތިހާބުގައި ވާދަކުރާ އެންމެ ޒުވާން އުއްމީދީ ކެންޑިޑޭތެވެ. ފެށުނީއްސުރެ އެމްޑީޕީގެ ހަރާކާތްތަކުން ފެނި ކެމްޕޭނުގައި އިސްކޮށް ހަރަކާތްތެރިވާ މިޒުވާނާ ވާދަކުރަނީ ރައީސް ނަޝީދު އިސްވެ އަލުން ފުރޮޅާލަން މަސައްކަތްކުރާ ބަރުލަމާނީ ވެރިކަމުގެ ނިޒާމު ގެނައުމަށް ތާއިދުކޮށް އެެއަޒުމުގައެވެ.
ތައްޔިބުގެ ކެމްޕޭނު ޕޯސްޓަރެއް
ފުވައްމުލައް ސިޓީ މެދު ދާއިރާ ނާއިބު ރައީސް
އާއިޝަތު އަލީ އަކީ ފުވައްމުލައް ސިޓީ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުކަން ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި އަދި މިފަހުން ބޭއްވުނު އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ފުވައްމުލައް ސިޓީ މެދު ދެކުނު ދާއިރާއަށް ވާދަކޮށް ނާކާމިޔާބުވި ކެންޑިޑޭޓެކެވެ. ނަމަވެސް އެ އިންތިހާބުން ބަލިވިކަމުގެ ރަސްމީ ނަތިޖާ ނުލިބެނީސް އާއިޝަތު މިވަނީ އާ އަޒުމަކާއި އެކު އެހެން އިންތިހާބަކަށް ނުކުމެފައެވެ.
އަލީ ސައީދަކީ ފުވައްމުލައް ސިޓީ މާލެގަން ރަށު ކައުންސިލަރުކަން ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި އަދި މިފަހުން ބޭއްވުނު ފުވައްމުލައް ސިޓީ ކައުންސިލް އިންތިހާބުގައި މެދު ދެކުނު ދާއިރާއަށް ވާދަކުރައްވައި ނާކާމިޔާބުވި ކެންޑިޑޭޓެކެވެ.
އަލީ ސައީދު އަދި އާއިޝަތު އަލީ
މެދު ދާއިރާ ނާއިބު ރައީސްގެ މަގާމަށް ވާދަކުރާ އަލީ ސައީދާއި އާއިޝަތު އަލީ އަކީ އެކުގައި ފުވައްމުލައް ސިޓީ މެދު ދެކުނު ދާއިރާ އަށް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންނެވެ. ދެބޭފުޅުންނަށްވެސް ކުރިމަތިވީ ނާކާމިޔާބީ އާއި އެވެ. ނަމަވެސް އެއިންތިހާބުން ބަލިވިކަމުގެ ރަސްމީ ނަތިޖާ ނުލިބެނީސް އާއިޝަތު އަލީ އާއި އަލީ ސައީދު މިވަނީ ކެރިގެން އާ އިންތިހާބަކަށް ނުކުމެފައެވެ. އެމްޑީޕީ މީހުން ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް ކިޔަނީ ކީއްވެކަން އެނގިއްޖެ ނޫން ހެއްޔެވެ؟
މުހައްމަދު އަލީ ނުވަތަ މަޝްހޫރު ނަމުން ނަމަ މޮއްޑާ އަކީ މެދު ދާއިރާގެ ނާއިބު ރައީސްގެ މަގާމުގައި މިހާރުވެސް ހުންނެވި ބޭފުޅާއެވެ. އެމްޑީޕީ ނިކަމެތިވި ދުވަހު ޕާޓީ އާއި އެކު ހުންނެވި މޮއްޑާ ވެސް ވަނީ އިތުރު ދައުރަކަށް ކުރިމަތިލާނެ ކަމަށް އިއުލާންކޮށް ކެމްޕޭނު ފަށާފައެވެ.
މެދު ދާއިރާގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މިހާރުވެސް އެމަގާމުގައި ހުންނެވި މާދަޑު ކައުންސިލްގެ ރައީސް ކަމާއި އަތޮޅު ކައުންސިލްގެ މެމްބަރުކަން ކުރެއްވި އަހުމަދު މުޖުތަބާ (މުޖޭ) ވަނީ ކުރިމަތިލާފައެވެ.
މީގެ އިތުރުންވެސް މެދު ދާއިރާގެ އެކި މަގާމުތަކަށް ވަރުގަދަ ކެންޑިޑޭޓުންތަކެއް ނުކުންނާނެ ކަމަށް ލަފާކުރެވެއެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގެ ހިންގުމުގެ ތަޖުރިބާކާރެއް ކަމުގައިވާ ފުވައްމުލަކު މާދަޑު ބޮޑޮރާގެ، ނަސްރު އަލީ ވަނީ މެދު ދާއިރާ ރައީސްގެ މަގާމަށް ވާދަކުރުމާއި ދޭތެރޭ ވިސްނަމުންދާ ކަމަށް ހާމަކޮށްފައެވެ. ނަސްރު އަކީ ކުރިމަތިލައިފިނަމަ އެ މަގާމަށް އެންމެ ބޮޑަށް ވާދަކުރާނެ އެއް ކެންޑިޑޭޓެވެ.
ފުވައްމުލައް ސިޓީ އުތުރު ދާއިރާ ރައީސް
އިބްރާހިމް ސައީދު: މިހާރު ވެސް ދާއިރާ ރައީސް ކަމުގައި ހުންނެވި އިބްރާހިމް ސައީދަކީ ސިޔާސީ ގޮތުން ފުންނާބުއުސް، ވިސްނުންތޫނު ސިޔާސީ މުފައްކިރެކެވެ. ސައީދުގެ ދައުރުގައި ބޭއްވުނު ގިނަ އިންތިހާބުތަކެއް އެދާއިރާ އިން ކާމިޔާބުކޮށްފައިވުމަކީ މިބުނި ބަހަށް ބާރުދޭ ހެކިތަކެވެ. އެގޮތުން 2017ވަނަ އަހަރުގެ ކައުންސިލް އިންތިހާބާއި، 2018ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި 2019ވަނަ އަހަރު ބޭއްވުނު މަޖިލިސް އިންތިހާބުގެ އިތުރުން 2021ވަނަ މި ބޭއްވުނު ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އުތުރު ދާއިރާގެ ސައީދުގެ ފަޅިތައް އިންތިހާބު އެމްޑީޕީ އަށް ކާމިޔާބުކޮށްދިނުމުގައި ސައީދުގެ ދައުރު ވަރަށް ބޮޑެވެ.
އުތުރު ދާއިރާގެ ރައީސްކަމަށް ވާދަކުރާ ސައީދު އަދި ހީނާ އެމްޕީ ދޮންބެ އާއި އެކު
އަބްދުﷲ އިބްރާހިމް (ހީނާ): ދިގުވާނޑު އަވަށަށް ނިސްބަތްވާ އެމްޑީޕީގެ ހަރަކާތްތެރި އެކްޓިވިސްޓު އަބްދުﷲ އިބްރާހިމް (ހީނާ) ވެސް ވަނީ ކިޔޭނެ ގޮވޭނެ ކަމަށް ބުނެ ދާއިރާ ރައީސްގެ މަގާމަށް ކުރިމަތިލާނެ ކަމަށް އިއުލާންކޮށްފައެވެެ.
ހަސަން މުތީއު: ދިގުވާނޑު ރަށު ކައުންސިލަރުގެ މަގާމު ގިނަ ދުވަސްތަކެއް ވަންދެން އަދާކުރި ހަސަން މުތީއު ވެސް މިފަހަރު ނުކުންނަނީ ވަރުގަދަ ސިޔާސީ ޓެސްޓަކަށެވެ. އިބްރާހިމް ސައީދާއި އެކު މިމަގާމަށް އެންމެ ބޮޑަށް ވާދަކުރާނެ ހަސަން މުތީއު އަކީ މިދާއިރާގައި ނުފޫޒުގަދަ އަދި އެމްޑީޕީ މެންބަރުންގެ މެދުގައި މަގްބޫލު މީހެކެވެ.
ހަސަން މުތީއު
އަބްދުﷲ މުހައްމަދު އުތުރު ދާއިރާގެ އެމްޑީޕީގެ އެންމެ ތާއީދު ބޮޑު އަދި މެންބަރުން ގިނަ ހޯދަޑު އަވަށަށް ނިސްބަތްވާ އަބްދުﷲ މުހައްމަދު ހިޔަލީގެ، ވެސް މި ވަނީ އުތުރު ދާއިރާގެ ރައީސް ކަމަށް ކުރިމަތިލާން އިއުލާންކޮށް ކެމްޕޭނު ފަށާފައެވެ.
ފުވައްމުލައް ސިޓީ އުތުރު ދާއިރާ ނައިބު ރައީސް
އަންވަރު އިބްރާހިމް އަކީ އުތުރު ދާއިރާގެ ހޯދަޑު އަވަށުގެ ވަރުގަދަ އެކްޓިވިސްޓެކެވެ. އެންމެ ފަހުން ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި އުތުރު ދާއިރާގެ އިރު އުތުރު ދާއިރާ ގޮނޑިއަށް ވާދަކޮށް ނާކާމިޔާބުވި ނަމަވެސް އަންވަރު މިވަނީ އާ ހިއްވަރަކާއި އެކު އަލުން ނުކުމެފައެވެ.
މުހައްމަދު އަބްދުއްރަހްމާނު ނުވަތަ މަޝްހޫރު ނަމުން ނަމަ ދަޑިމައިގޭ އައްޅޯ ވެސް މިވަނީ އުތުރު ދާއިރާގެ ނާއިބު ރައީސް ކަމަށް ވާދަކުރަން ނިންމާފައެވެ. އައްޅޯ އަކީ ފެށުނީއްސުރެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވަމުން އަންނަ މީހެކެވެ.
ފުވައްމުލައް ސިޓީ ދެކުނު ދާއިރާ ރައީސް
އިލްޔާސް މުހައްމަދު އަކީ ފުވައްމުލަކު ދެކުނު ދާއިރާގެ ސިޔާސީ މައިދާނުގައި ވިދުމާއި އެއްވަރަކަށް ނުފޫޒުވެސް ގަދަ ކެންޑިޑޭޓެކެވެ. ސްޓްރެޖިކް ކޮމިއުނިކޭޝަންގެ ތަޖުރިބާކާރެއް ކަމަށްވާ އިލްޔާސް އަކީ ފަތުރުވެރިކަމުގެ ދާއިރާގެ މަތީ މަގާމުތައް އަދާކޮށްފައިވާ އެދާއިރާގެވެސް ތަޖުރިބާކާރެކެވެ.
ސައުދުﷲ އަހުމަދު: މިހާރުވެސް އެމަގާމުގައި ހުންނެވި ވިޔަފާރިވެރިޔާ ސައުދުﷲ ވެސް ވާދަކުރެއެވެ. ސައުދަކީ އޭނާގެ ބަހުން ނަމަ އަބަދުވެސް ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކުރާ މީހެކެވެ. އިންތިހާބުތަކުގައި ނިންމުންތައް ނިންމަނީ އެދާއިރާގެ މެންބަރުން އެދުނު ގޮތަށް ކަމަށް ނަމަ ދާއިރާގެ މެންބަރުން އެކަމާއި ދެކޭ ގޮތް މިއިންތިހާބުން އެނގިގެންދާނެއެވެ. އެހެންކަމުން މިއީ ވެސް ފުވައްމުލަކުގެ ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކަށް ވަރަށް ޝައުގުވެރި ދާއިރާއެކެވެ.
ސައުދުﷲ އަދި އިލްޔާސް ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރުންނާއި އެކު
ފުވައްމުލައް ސިޓީ ދެކުނު ދާއިރާ ނާއިބު ރައީސް
ދެކުނު ދާއިރާގެ ނާއިބު ރައީސް ކަމަށް އަދި ރަސްމީކޮށް އެއްވެސް މީހަކު ކުރިމަތިލާފައިވާކަން އެނގޭކަށް ނެތެވެ. ނަމަވެސް އަޑު އަރާފައިވާ ގޮތުގައި މި މަގާމުގެ ވާދަވެރިކަމާއި ފޯރިވެސް ގަދައެވެ. އެގޮތުން ދެކުނު ދާއިރާގެ ފުނާޑު އަވަށަށް ނިސްބަތްވާ ހުސައިން ތައުފީގު (އެންދީގެ ހުސައިން) އާއި އަބްދުﷲ މުފީދު މިމަގާމަށް ވާދަކުރާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން ވެސް ކުރިމަތިލާނެ ކަމަށް އަޑު އަރާފައިވާ އެހެން ބައެއް ފަރާތްތައް އެބަތިބިއެވެ.
އިންތިހާބުގެ ފޯރި މިހާރުވެސް ގަދައެވެ. ވަފާތެރިންނާއި ބޭވަފާތެރިންގެ ވާހަކަ އެބަދެކެވެއެވެ. ނަތީޖާ ނެރެދިން މީހުންނާއި ނަތީޖާ ނުނެރެވުނު މީހުންގެ ޓްރެކް ރެކޯޑުގެ ވާހަކަވެސް އެބަދެކެވެއެވެ. އިންތިހާބުގައި ވޯޓު ދިނުމުގައި ޕާޓީގެ މެންބަރުން އެމީހަކު ޕާޓީއަށް ކޮށްދިން ހިދުމަތްތަކާއި، އާންމު މެންބަރުންނާއި ބާއްވާ ގުޅުމާއި، މީހާގެ ގާބިލް ކަމަށް ބަލާނެއެވެ. އަދި އެމަގާމަށް ހޮވާ މީހާގެ ޕްލޭނާއި އޭނާ އާންމު މެންބަރުންނަށް ކޮށްދޭނެ ކަންކަމަށް ބަލާނެއެވެ.
މިއިންތިހާބަކީ ގިނަ ގޮތްގޮތުން މުހިއްމު އަދި ޝައުގުވެރި އިންތިހާބެކެވެ. މިއީ ސިޔާސީ ޕާޓީއެއްގެ އެތެރޭގެ އިންތިހާބަކުން ރާއްޖޭގެ ސިޔާސީ ކުރިމަގު ފުރޮޅައިލެވިދާނެ އިންތިހާބެކެވެ. ފުވައްމުލައް ސިޓީއިން އިންތިހާބުކުރެވޭ ހަތަރު ރައީސުން އެމްޑީޕީގެ ގައުމީ މަޖިލިސްގައި ކުރިއަށް ދާނެ ގޮތާއި ނިންމާނެ ނިންމުންތައް ހުރިހާ ގޮތަކުންވެސް މުހިންމެވެ. ހަމައެކަނި ވެރިކަން ކުރާ ނިޒާމާއި ގުޅޭ ގޮތުންނެއް ނޫނެވެ. އެމްޑީޕީ އިން ސިޔާސީ ގޮތުން ކުރިއަށް ދާނެ ގޮތުގެ މިސްރާބާއި ޕާޓީގެ އެންމެ ބާރުވެރި ލީޑަރާއި އަދި ކުރިއަށް އޮތް އިންތިހާބުތަކުގައި އެޕާޓީ އިން ކުރިއަށް ދާނެ ގޮތްތައް ކަނޑައެޅިގެންދާނީ މިއިންތިހާބަށް ފަހު އެމްޑީޕީގެ ގައުމީ މަޖިލިސް ރުކުވާލެވޭ ގޮތަކުންނެވެ.