ޝަހީދުންގެ ދުވަސް

މިއަދަކީ ޝައުބާން މަހުގެ އެއްވަނަ ދުވަހުއެވެ. ހިޖުރައިން 965 ވަނަ އަހަރުން ފެށިގެން ޝައުބާން މަހުގެ އެއްވަނަ ދުވަސް ދިވެހިން ފާހަނގަ ކުރަމުން އަންނަނީ ހިތްވަރުގަދަ އަބްތާލުންތަކެއްގެ ޒިކުރާ އާ ކުރަމުންނެވެ. ޝަހީދުންގެ ދުވަހުގެ ނަމުގައެވެ.
އާދޭހެވެ. ކޮންމެ ޝައުބާން މަހެއްގެ އެއްވަނަ ދުވަސް ހާއްސަވެގެން މިދަނީ ޝަހީދުންގެ ދުވަހުގެ ގޮތުގައެވެ. ދިވެހި ގައުމުގެ މިނިވަންކަން ދިފާއުކޮށް ޝަހީދުވެވަޑައިގެންނެވި، އެންމެހައި ޝަހީދުންގެ ހަނދާންތައް އައު ކުރާ ދުވަހެއްގެ ގޮތުގައެވެ.
ޝަހީދުންގެ ދުވަސް ހާއްސަ ގޮތެއްގައި ނިސްބަތްވެވަޑައިގަންނަވަނީ އަލިރަސްގެފާނަށެވެ. އެއީ ދިވެހި ގައުމުގެ މިނިވަންކަމުގައި ޕޯޗްގީޒުންނާ ހަނގުރާމަކޮށް ފުރާނައިން ގުރުބާންވެވަޑައިގެންނެވި އައްސުލްތާނު ނުވަތަ އަލީ ހަވަނަ، ސިރީ އައުދަ ސިޔާކަ ކައްތިރި ބަވަނަ މަހާރަދުންނެވެ.
އެހެންކަމުން ދިވެހި ގައުމުގެ ހައްގުގައި އަލިރަސްގެފާނު ކުރެއްވި މަތިވެރި ޖިހާދުގެ ހަނދާންތައް މިއަދު އައު ކޮށްލުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
އަލިރަސްގެފާނުގެ ޖިހާދު:
ހިޖުރައިން 965 ވަނަ އަހަރު ދިވެހިރާއްޖެ ހިފައި ރާއްޖޭގެ ވެރިކަން ކުރަން ޕޯޗްގީޒުންގެ ބޮޑު ލަޝްކަރެއް އައެވެ. ގައުމުގެ މިނިވަންކަމުގެ ދިފާއުގައި ޕޯޗްގީޒުންނާއި ކުރިމަތިލާން ނިކުމެވަޑައިގަތީ އޭރުގެ ރަދުން އަލިރަސްގެފާނެވެ. އެކުގައި ނިކުމެ ހަނގުރާމައިގެ މައިދާނަށް ވަޑައިގަތީ މަދު ބަތަލުންތަކެކެވެ. ޕޯޗްގީޒުންގެ ބިޔަ ލަޝްކަރާއި އަޅާބަލާއިރު ދިވެހި ލަޝްކަރުގެ މީހުންނާއި ހަތިޔާރުގެ އަދަދު ނުހަނު މަދެވެ.
ނަމަވެސް ގައުމުގެ މިނިވަންކަމުގެ ދިފާއުގައި ފަހަތަށް ޖެހިވަޑައިގަތުމެއް ނެތި ހިތްވަރާއި އެކު ދުޝްމަނުންނާއި ހަނގުރާމަ ކުރައްވައި އަލިރަސްގެފާނު ޝަހީދުވެވަޑައިގަތީ ހިޖުރައިން 965 ވަނަ އަހަރުގެ ޝައުބާން މަހުގެ އެއްވަނަ ދުވަހު އެވެ.
ޕޯޗުގީޒުންނާއި ދެކޮޅަށް ޖިހާދުކުރައްވަނިކޮށް އަލިރަސްގެފާނު ޝަހީދުވެވަޑައިގެންނެވި ދުވަހަށް ނިސްބަތްކޮށް މިދުވަސް ފާހަނގަކުރި ނަމަވެސް މިދުވަހަކީ ދިވެހި ގައުމުގެ މިނިވަންކަމުގެ ދިފާޢުގައި ޝަހީދުވެވަޑައިގެންނެވި ހުރިހާ ގައުމީ ބަޠަލުންގެ ޒިކުރާ އާކުރަމުން އަންނަ ދުވަހެވެ.
މާތްالله އަޅުގަނޑުމެންގެ ހިތްވަރު ގަދަ ޝަހީދުންގެ ފުރާނަފުޅަށް ހެޔޮ ރަޙްމަތް ލައްވާށި!