މި ދައުރުގައި ކުރެވުނު ބައެއް މަސައްކަތްތައް މިނިސްޓަރު އަސްލަމްގެ ހިސާބުތަކުން
ހދ.ނައިވާދޫ ފެނުގެ ނިޒާމްގެ މަސައްކަތް ނިންމައި، އެ ޚިދުމަތް ފައްޓަވާދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވަނީ މި ސަރުކާރުން މިހާތަނަށް 18.44 ބިލިއަން ރުފިޔާގެ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢު ކުރިއަށްގެންދަމުންދާ ކަމަށް ވިދާޅުވެފައެވެ.
ހދ. ނައިވާދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި މި ރަސްމިއްޔާތުގައި މިނިސްޓަރ އަސްލަމް ވިދާޅުވި ގޮތުގައި މި ސަރުކާރުން މިހާތަނަށް ވެސް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުރުގެ ވާހަކަ ތާރީހުގައި ލިޔާނީ ބާރަށް ތަރައްޤީ ކުރިޔަށްދިޔަ ޒަމާނެއްގެ ގޮތުގައި ކަމަށެވެ.
ހދ.ނައިވާދޫ ފެނުގެ ނިޒާމްގެ ހިދުމަތް ރައީސް ސޯލިހު ފައްޓަވައި ދެއްވަނީ
ތިރީގައި މިވަނީ މި ސަރުކާރުން ކޮށްފައިވާ އަދި ކުރަމުންދާ ކަމަށް މިނިސްޓަރ އަސްލަމް ދެއްވި ތަފާސްހިސާބުތަކެވެ.
ރަށްރަށުގެ ބަނދަރު ހެދުމަށް: ހޭދަވި މިންވަރު 3.6 ބިލިއަން ރުފިޔާ
މިވަގުތު ސަރުކާރުން ކުރިއަށްގެންދާ ޢުމްރާނީ ތަރައްޤީގެ މަސައްކަތްތަކަށް އަލިއަޅުއްވާލަމުން މިނިސްޓަރު އަސްލަމް ވިދާޅުވި ގޮތުގައި ރަށްރަށުގައި ބަނދަރު ހެދުމުގެ 44 މަޝްރޫއެއް މި ސަރުކާރުން ފަށާ ނިންމާފައިވާކަމަށާއި، އަދި ބަނދަރު ހެދުމުގެ 37 މަޝްރޫއެއް މިހާރުވެސް ކުރިއަށްގެންދާ ކަމަށެވެ.
މަގުހެދުމުގެ މަސައްކަތްތައް: ހޭދަވި މިންވަރު 3.7 ބިލިއަން ރުފިޔާ
މަގުހެދުމުގެ މަޝްރޫޢު ތަކުގެ ތަފްސީލް ދެއްވަމުން މިނިސްޓަރ ވިދާޅުވީ މިހާރުވެސް ފަސް ރަށެއްގެ މަގުހެދުމުގެ މަސައްކަތް ނިންމާފައިވާކަމަށެވެ. 21 ރަށެއްގެ މަގުހެދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ.
ރަށްރަށުގެ ބިން ހިއްކުން: 4.8 ބިލިއަން ރުފިޔާ
ރާއްޖޭގެ ބައެއް ރަށް ތަކަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށް ކުރެވުނު މަސައްކަތްތަކާއި ގުޅޭ ގޮތުން މިނިސްޓަރ އަސްލަމް ވިދާޅުވީ މިހާރުވެސް 7 ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތް މިވަގުތުވެސް ކުރިއަށްދާ ކަމަށާއި، 7 ރަށެއްގެ ބިން ހިއްކާ މިހާރު ނިންމާފައިވާނެ ކަމަށެވެ.
އެއަރޕޯޓް އެޅުމަށް: ހޭދަވި މިންވަރު 840 މިލިއަން ރުފިޔާ
ވައިގެ ދަތުރުފަތުރާއި ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ މިހާރުވެސް ދަތުރުފަތުރު ނިޒާމަށް ޙައްލު ހޯދައިދިނުމުގެ ގޮތުން އެއް އެއަރޕޯޓްގެ މަސައްކަތް ނިންމާފައިވާ ކަމަށެވެ. އަދި ތިން އެއަރޕޯޓެއްގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށެވެ.
ފެނާއި ނަރުދަމާގެ ގާއިމްކުރުމަށް: ހޭދަވި މިންވަރު 5.8 ބިލިއަން ރުފިޔާ
މި ސަރުކާރުން އެންމެ އިސްކަންދޭ އަދި އެންމެ ބޮޑު ހަރަދެއް ކުރާ ފެނާއި ނަރުދަމާގެ ގިނަ މަސައްކަތްތަކެއް ނިންމާފައިވާކަން މިނިސްޓަރ ހާމަކުރެއްވިއެވެ. އެގޮތުން 130 ރަށެއްގެ ފެނާއި ނަރުދާމާގެ މަސައްކަތް އެކި މަރުޙަލާގައި ކުރިއަށްދާ ކަމަށާއި، 11 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.
މީގެ އިތުރުން ކުރިއަށް
އޮތް ދުވަސްތަކުގައި ގިނަ ޕްރޮޖެކްޓްތަކެއްގެ އަމަލީ މަސައްކަތް ފަށާނެ ކަމުގެ
އިޝާރާތެއް މިނިސްޓަރ އަސްލަމް ވަނީ ދެއްވާފައެވެ. އެގޮތުން ގިނަ މަޝްރޫއުތަކެއް
މިވަގުތުވެސް ޓެންޑަރ މަރުޙަލާގައި ވާކަމަށް މި ސަރުކާރުގެ އެންމެ ގިނަ މަޝްރޫއުތައް
ހިންގަވާ ވުޒާރާ ކަމަށްވާ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް
އިންފްރާސްރަކްޗަރގެ މިނިސްޓަރު ކަމުގައި ހުންނެވި އަސްލަމް ފާހަގަކުރެއްވިއެވެ.