އަތޮޅު ކައުންސިލް އުވާލަން ހުށަހެޅި އިސްލާޙު ފާސްކޮށްފި
ރައްޔިތުންގެ މަޖްލިސްގެ ޖަލްސާ ކުރިއަށް ދަނީ:
ސަރުކާރުގެ ފަރާތުން މި ދެ އިސްލާހް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު އެވެ. އެއީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު، އެމެމްބަރަކު ނިސްބަތްވާ ޕާޓީން ވަކިކޮށްފި ޙާލަތެއްގައި ގޮނޑިއާމެދު ގޮތެއް ނިންމުމަށް އެ ދާއިރާގެ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ހުށަހެޅުއްވި އިޞްލާޙަކާއި، އަތޮޅު ކައުންސިލް އުވާލުމާ ގުޅޭގޮތުން ހުށަހެޅުއްވި އިޞްލާޙެކެވެ.
މިހާރު ޤާނޫނު އަސާސީގައިވާ ގޮތުން، މަޖިލީހުގެ މެންބަރަކު އޭނާ ނިސްބަތްވާ ޕާޓީން ވަކިކުރާ ޙާލަތެއްގައި، އެ މެންބަރެއްގެ ގޮނޑި ގެއްލޭނެއެވެ. ނަމަވެސް، ހުށަހެޅުނު އިޞްލާހުގައިވާ ފެންނަ ނުފެންނަ ވޯޓުގެ މާއްދާ އުނިކުރަން މެންބަރުން ނިންމީ، އޭގެ ސަބަބުން ދެ ފަހަރަށް އިންތިޚާބު ބާއްވަން ޖެހި ޚަރަދުތައް ބޮޑުވާނެތީއެވެ. އަދި ގިނަ މެންބަރުން ވިދާޅުވީ، ރައްޔިތުން، މެންބަރުން އިންތިޚާބު ކުރަނީ ވަކި ޕާޓީއަކަށް އިތުބާރު ކޮށްގެން ކަމަށްވާއިރު، ޕާޓީން ވަކިކުރާ ޙާލަތުގައި ގޮނޑީގައި ދެމިހުރުމުގެ ބަދަލުގައި އަލުން އިންތިޚާބު ބޭއްވުން ރަނގަޅު ކަމަށެވެ.
މިގޮތުން، ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީގައި މި މައްސަލަ ދިރާސާ ކުރުމުގެ ތެރޭގައި ވަނީ، ޤާނޫނު އަސާސީއަށް ހުށަހެޅި އިޞްލާޙުގައި ހިމެނޭ މެންބަރުންގެ ގޮނޑި ގެއްލުމާ ގުޅޭ މާއްދާ އުވާލަން ފާސްކޮށްފައެވެ.
އަތޮޅު ކައުންސިލް އުވާލުމަށް ހުށަހެޅުނު އިޞްލާޙަށް ގިނަ މެންބަރުންގެ ތާޢީދު ލިބުނެވެ. މުޅި މަޖިލީހުގެ ކޮމިޓީން ނިންމީ ވެސް މި އިޞްލާޙު ފާސް ކުރުމަށެވެ. ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން، ޤާނޫނު އަސާސީ އިޞްލާހުކޮށް އަތޮޅު ކައުންސިލް އުވާލުމަށް މަޖިލީހުން ފާސްކުރީ 75 މެންބަރުންގެ ވޯޓުންނެވެ. މި ބަދަލާއެކު ދިވެހިރާއްޖޭގެ އިދާރީ އޮނިގަނޑަށް މުހިންމު ބަދަލެއް އަންނާނެއެވެ.


