Advertisement
Advertisement

ޖެނުއަރީގައި ހުޅުވާލާ ފްލެޓްތަކަށް ކުރިން ޝަރުތު ހަމަވި މީހުން ވެސް ކުރިމަތިލާން ޖެހޭ: މިނިސްޓްރީ

އައިޝަތު
ހުޅުމާލެ ފްލެޓް ހުޅުމާލެ ފްލެޓް

ހުޅުމާލޭގައި ޢިމާރާތްކުރި 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓާއިއެކު ގިނަ ބަޔަކު ޝަރުޠު ހަމަވާ ކަމަށް ކަނޑައަޅައި ލިސްޓެއް ވެސް އޮތީ އާއްމުކޮށްފަ އެވެ. އެ ސްކީމަށް 15،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ.

Advertisement

ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލުކުރަން މި ސަރުކާރުން ކަނޑައެޅި "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން މާލެ ސަރަޙައްދުން 7،500 ހައުސިން ޔުނިޓް ދޫކުރަން ވަނީ ނިންމަވައިފަ އެވެ. އެ މަޝްރޫޢަށް އަންނަ ޖެނުއަރީ 4 ގައި ކުރިމަތިލާން ހުޅުވާލާނެ އެވެ.

އެ މަޝްރޫޢާއި ގުޅޭ ގޮތުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އަހުމަދު ނާޒިމް މުޙައްމަދު ވިދާޅުވެފައި ވަނީ އެންމެ ފަހުން އެކުލަވާލި ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި ޝަރުޠު ހަމަވާ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުން ވެސް ޖެހޭނީ އަލުން ހުޅުވާލާ ފްލެޓަށް ކުރިމަތިލާން ކަމަށެވެ.

ނާޒިމް ވިދާޅުވި ގޮތުގައި އެގޮތަށް ނިންމީ މި ސްކީމުގައި ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ޝަރުތުތަކާއި ޕޮއިންޓު ދޭ އުޞޫލު ވެސް ކުރިން ފްލެޓް ދޫކުރި އުސޫލާ ތަފާތުވާތީ ކަމަށެވެ.

ހައުސިން މިނިސްޓްރީން ވިދާޅުފައިވާ ގޮތުގައި މި ސަރުކާރުން ޝަރުޠުތައް ކަނޑައަޅާފައި ވަނީ އެންމެ ޙައްގުވެރިންނަށް ފްލެޓް ކަށަވަރުވާނެ ކަން ޔަޤީންކުރެވޭ ގޮތަށެވެ.

މި ސަރުކާރުން އާންމުކުރި ފްލެޓު ދޫކުރުމުގެ އުސޫލުގައިވާ ގޮތުން އެކަމަށް ކުރިމަތިލުމުގެ އަސާސީ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ތިން ކަމެކެވެ. އެއީ އުމުރުން 18 އަހަރުވުމާއި ދިވެހި ރައްޔިތަކަށް ވުމުގެ އިތުރުން މާލޭގައި މެދުނުކެނޑި ދިރިއުޅެމުންދާތާ 15 އަހަރުވެފައިވުމެވެ. އެ އުސޫލުގައި ވަނީ 15 އަހަރު މެދުނުކެނޑި ދިރިއުޅުނު ކަމަށް ނިންމާނެ ހާލަތްތަކެއް ވެސް ބަޔާންކޮށްފަ އެވެ.

ޕޮއިންޓު ދިނުމުގެ އުސޫލުގައިވާ ގޮތުން އެކި ކަންކަމަށް ރިޢާޔަތްކުރާ ގޮތަށް އެންމެ ގިނައިން ވެސް ލިބޭނީ 150 ޕޮއިންޓެވެ.


ކިޔުންތެރިންގެ ހިޔާލު