42 އުމްރާވެރިން ނިޔާވެއްޖެ
އިންޑިއާގެ އުމްރާވެރިން ދަތުރުކުރި ބަސް އެކްސިޑެންޓުވެ އަލިފާން ރޯވުމުގެ ސަބަބުން އަނދާފައި
މި ހާދިޘާ ހިނގާފައިވަނީ ރޭގެ ދަންވަރު މައްކާއިން މަދީނާއަށް ދަތުރުކުރަމުން ދިޔަ ބަހަކާއި ޑީސަލް ޓޭންކަރަކާ ޖެހިގެންނެވެ. އިންޑިއާގެ މީޑިއާތަކުން ބުނެފައިވަނީ މި އެކްސިޑެންޓުގައި ނިޔާވި އެންމެންނަކީ ވެސް އިންޑިއާގެ ހައިދަރްއާބާދަށް ނިސްބަތްވާ މީހުންކަމަށެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ރޭ މެންދަމުން އަލިވެ ރާއްޖޭ ގަޑިން 1:00 ހާއިރު، މަދީނާގެ ބޭރުގައި އޮންނަ މުފްރީހަތު ވިލެޖް ކައިރީގަ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި މި އެކްސިޑެންޓު ހިނގާފައިވަނީ މައްކާގައި ޢުމްރާގެ އަޅުކަން އަދާކުރުމަށް ފަހު މަދީނާއަށް ދިޔަ މަގުމަތީގައެވެ. މި އެކްސިޑެންޓުގައި ބަހުގައި އެއްކޮށް އަލިފާން ރޯވެ އެންމެ މީހަކު ފިޔަވައި އެންމެން ވަނީ ނިޔާވެފައެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު ވިދާޅުވި ގޮތުގައި މި ހާދިޘާއާ ގުޅިގެން، އިންޑިއާގެ އޮފިޝަލުން ސައުދީގެ ކަމާއިބެހޭ ފަރާތްތަކާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.


