ފުވައްމުލަކު ބަނދަރު ބޭރު ތޮށީގައި އަޅާފައި އޮތް ދޯންޏަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ
މިއަދު ހަވީރު ފުވައްމުލަކު ބަނދަރު ބޭރު ތޮށީގައި އަޅާފައި އޮތް ޑައިވިންގް ދޯންޏަކަށް ރާޅު އެރުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
މި ޑައިވިންގ ދޯންޏަކީ ފުވައްމުލަކުގައި ފުޅާ ދާއިރާއެއްގައި ގެސްޓުން ގޮވައިގެން ޑައިވް ކުރަންދާ "ޑައިވް ޕޮއިންޓް ފުވައްމުލައް" ގައި ބޭނުންކުރާ ދޯންޏެކެވެ.
މި ހާދިސާގައި ލިބުނު ގެއްލުންތަށް ޑައިވްޕޮއިންޓް ފުވައްމުލަކުގެ މެނޭޖަރ މުހައްމަދު ސަޢީދު ވަނީ ފޭސްބުކްގައި ޝެއާރ ކޮށްފައެވެ. މިހާދިސާ ހިނގިކަން އެނގުނީ ދޯންޏަށް ދިއުމުން ކަމަށާއި ބެލެވޭގޮތުގައި ބޮޑެތި ރާޅު ޖެހުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށް ސައީދު ބުންޏެވެ. ލިބިފައިވާ ގެއްލުންތަކަށް ބަލާއިރު ދޯނީގެ ބައެއް ދޮރުފަތްތަށް ބިންދައިގެން ގޮސްފައިވާތަން ފޮޓޯއިން ފެންނަން އެބަހުއްޓެވެ.
ސަޢީދު އިތުރަށް ބުނީ ބޭރު ތޮށީގައި އަޅަންޖެހެނީ ބަނދަރުގައި ޖާގަ ނެތުމުގެ ސަބަބުންނެވެ. ފަހަކަށް އައިސް ފުވައްމުލަކުގައި ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ބޮޑެތި އުނދަގޫތަކާއި ކުރިމަތިވެފައިވެއެވެ. މިހާރު މި ބޭނުންކުރާ ބަނދަރަކީ މައުމޫނު އަބްދުލް ޤައްޔޫމްގެ ވެރިކަމުގައި ހަދާފައި އޮތް ބަނދަރެކެވެ. އޭގެ ފަހުން މި ބަނދަރު އެއްވެސް ވަރަކަށް ބޮޑު ނުކުރެއެވެ. ނަމަވެސް ދޭތެރެ ދޭތެރެއިން ކުދި ކުދި މަރާމާތު ކުރެއެވެ.
މިހާރު މިވަނީ ބަނދަރު ބޭނުން ކުރާ މިންވަރު ބޮޑުތަނުން ބޮޑުވެފައެވެ. ކުރިއާ އަޅާ ބަލާއިރު ފުވައްމުލަކުގައި އުމްރާނީ ތަރައްޤީ އަށް ބޮޑެތި ޕްރޮޖެކްޓްތަށް ހިންގަމުން އަންނާތީ އަބަދުވެސް ބޮޑެތި ކޮޅުވެއްޓި ފަދަ ތަކެތި ބަނދަރަށް ވަނދެއެވެ. އަދިި ހަމައެއާއި އެކު ބޭނުން ނުކުރާ ގިނަ ދޯނި ފަހަރުވެސް ބަނދަރުގައި ހުރިކަން ފާހަނގަވެއެވެ. އެކަމުގެ ސަބަބުންވެސް ޖާގައިގެ މައްސަލަ ބޮޑުވާނެކަން ކަށަވަރެވެ.
ފުވައްމުލަކު ބަނދަރު ބޮޑު ކުރުމުގެ ވާހަކަ ދެކެވޭތާ މިހާރު އަހަރުތަކެއް ވެއްޖެއެވެ. ކޮންމެ ގޮތެއްވިޔަސް ބަނދަރުގެ ޖާގަ ތަނަވަސް ކުރަން އެބަ ޖެހެއެވެ. އެގޮތުން ބަލާއިރު މިހާރު ބޭނުންކުރަމުންދާ ބަނދަރު ބޮޑުކުރުންތޯ ނޫނީ ރަށުގެ އެހެން ދިމާލެއްގައި އިތުރު ބަނދަރެއް ހެދުންތޯ ރަނގަޅީ، މިވެސް ކުރަން ރަނގަޅު ބަހުސެއްކަމަށް ބައެއް ރައްޔިތުން ދެކެއެވެ. ސަބަބަކީ މިހާރު ބޭނުންކުރާ ބަނދަރުގެ ޖާގަ ހުރިގޮތުން ބޮޑުކުރަން އެހާ ޖާގަ ލިބެން ހަމައެކަނި އޮތްގޮތަކީ ރަށުތެރެއައް ބޮޑުކުރުން ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.