Advertisement

ހޯމްސްޓޭއާއި ދޭތެރޭ ދެކެނީ ކިހިނެއް؟

އެންމެ ބާރަށް ދެކެވުނު އެއްވާހަކަޔަކީ ހޯމްސްޓޭގެ ވާހަކަ ކަމަށް ވާނެއެވެ. ކުޑަކޮށް އަޑު މަޑުވެލާފައި މިދުވަސްކޮޅު އޮތަކަސް އެވާހަކަ އަޑުގަދަކޮށް އެބަ ދެކެވެއެވެ. މިކަމުގެ ސަބަބުން އަޅުގަނޑުމެންގެ ދީން އަޅުގަނޑުމެން އަތުން ގެއްލިގެން ހިނގައިދާނެކަމަށް ބާރުލާފައި އެއްބަޔަކު ބުނާއިރު އަނެއްބަޔަކު އެކަމާއި ދެކޮޅަށް ވާހަކަ ދައްކާ އަޑު އެބައިވެއެވެ. މިލިޔުމުގައި މިބަލާލަނީ އަޅުގަނޑު މިކަމުގައި ދެކޭގޮތް ވީހާވެސް ތަފުސީލުކޮށް ގެނެސް ދެވޭތޯއެވެ.

Advertisement

ހޯމްސްޓޭ އަކީ ގެއްގެ ކޮޓަރިއެއް ނުވަތަ ކޮޓަރިތަކެއް ރަށުން ބޭރުން އަންނަ މެހެމާނަކަށް ނުވަތަ މެހެމާނުންތަކަކަށް ކުއްޔަށްދީގެން އެކޮޓަރިން ނުވަތަ އެކޮޓަރިތަކުން ނަފާ ހޯދުމޭ ބުނެވިދާނެއެވެ. މިސާލެއް ނަގާނަމަ އަޅުގަނޑުމެން ބޭސް ފަރުވާއަށް އެންމެ ގިނައިން ދަތުރުކުރާ ޓްރިވެންޑްރަމް ނަގާނަމެވެ. އަޅުގަނޑުމެން ގޮސް 2 ގޮތަކަށް ޓްރިވެންޑްރަމްގައި ހޭދަކުރަމުއެވެ. ފުރަތަމަ ގޮތަކީ ހޮޓަލެއް ނޫނީ ގެސްޓް ހައުސްއަކުން ކޮޓަރި ކުއްޔަށް ހިފާގެން ތިބޭ ތިބުމެވެ. މިހެން ތިބޭއިރު ބައެއް މީހުން އެހޮޓަލުން ނޫނީ އެ ގެސްޓްހައުސް އަކުން ކާބޮއެ ހަދައެވެ. ނަމަވެސް އަނެއްބައި މީހުން ރަށުތެރޭ ކޮންމެވެސް އެހެން ތަނަކުން ކާބޮއެ ހަދައެވެ. ދެވަނަ ގޮތަކީ އެރަށަށް ގޮސް ކޮންމެވެސް އެރަށު މީހެއްގެ ގެއިން ކޮޓަރި ކުއްޔަށް ހިފާގެން ތިބޭ ތިބުމެވެ. މިހެންތިބޭއިރު އެގޭގައި ތިބެނީ ހަމަ އެކަނި ކޮޓަރި ކުއްޔަށް ހިފާގެން ތިބޭ މީހުން އެކަނި ނޫނެވެ. އެގޭގެ ވެރިފަރާތްވެސް ދިރިއުޅެނީ ހަމަ އެގޭގައެވެ. ދެބައި މީހުން އެއްކޮށެވެ. މިގޮތަށް ތިބޭއިރު ބައެއް މީހުން އެގެއިން ކާބޮއެ ހަދާއިރު އަނެއް ބަޔަކު އެގޭގެ ބަދަލުގައި ރަށުތެރޭ ކޮންމެވެސް ތަނަކުން ކާބޮއެ ހަދާނެއެވެ. މިދެގޮތުން ކުރެ ފަހުން މިބުނި ގޮތަކީ އެއީ ހޯމްސްޓޭގެ މިސާލެކެވެ.

ހޯމްސްޓޭގެ ސަބަބުން ޒަމާނުއްސުރެ އަޅުގަނޑުމެންގެ މެދުގައި އޮތް ދީނީ ވަހުދަތާއި ރީތި ސަގާފަތް ނެތިގޮސް އަޅުގަނޑުމެން އެހެން ދީނަކަށް މިރާއްޖޭގެ ފަސްގަނޑުން ޖާގަ ދޭނެ ދުވަސް އައިސްފާނެކަމަށް މިކަމާއި ދެކޮޅަށް ވަކާލާތުކުރާ މީހުން އެދަނީ ބުނަމުންނެވެ. އެއީ ފަތުރުވެރިންގެ ގޮތުގައި ކާފަރުން އައިސް އަޅުގަނޑުމެންގެ ގޭގައި ތިބުމަށް ފުރުސަތު ދީފިނަމަ އެގޮތަށް މަގު ފަހިވާނެކަމަށް އެމީހުން ގަބޫލުކުރާތީއެވެ. ސަބަބެއް ކަމަށް އެމީހުން ބުނަމުން ގެންދަނީ ގޭތެރެއިން އަޅުގަނޑުމެން ބަލަން ބޭނުން ނުވާ ދީނާ ޚިލާފު އެތައް މަންޒަރުތަކެއް ފެންނާން ފުރުސަތު ލިބޭނެތީއެވެ. އަޑުއަހަން ބޭނުން ނުވާ އެތައް އަޑުތަކެއް ގޭތެރެއިން އިވޭނެކަމުގެ ފުރުސަތު އޮންނާނެތީއެވެ. އަދި ރަށުތެރޭގައި އެމީހުން އުޅޭ އުޅުމުގައިވެސް އަޅުގަނޑުމެނަށް ފެންނަން ނުޖެހޭ އެތައް މަންޒަރެއް މުޅި މުޖުތަޢުތެރެއިން ފެންނާނެކަމުގެ ފުރުސަތު އޮތީތީއެވެ. އަޅުގަނޑުމެން ބުއިން ޙަރާމް ތަކެތި ގެނެސް މުޅި މުޖުތަމަޢު އެއިގެ އަވާގައި ޖައްސަފާނެތީއެވެ. މީގެ ސަބަބުން އަޅުގަނޑުމެންގެ ޢަޤީދާ ބަލިކަށިވެ ދީނުން ބޭރުވެދާނެ ކަމަށް ބެލެވޭތީއެވެ. އަދިވެސް އެތައް ޙުއްޖައްތަކެއް އެމީހުން ދައްކައެވެ.

އަޅުގަނޑުގެ ނަޒަރުގައި އަޅުގަނޑުމެންގެ ޢަޤީދާ ބަލިކަށިވާންޖެހޭ އެއްވެސް ސަބަބެއް ހޯމްސްޓޭގެ ސަބަބުން ނެތެވެ. ހޯމްސްޓޭގެ މިސާލުގައި އަޅުގަނޑު ދެންނެވި މިސާލަށް ބަލަމާ ހިނގާށެވެ. ޓްރިވެންޑްރަމަށް ގޮސް އަޅުގަނޑުމެން ތިބެނީ ހުރިހާ ފަހަރަކު މުސްލިމުންގެ ގޭގައި އެމީހުންނާއި އެއްކޮށެއް ނޫނެވެ. ކާފަރުންގެ ގޭގައި ވެސް ތިބެމެއެވެ. ބައެއް ފަހަރު މަސްދުވަސް ވަންދެންވެސް އެބަ ތިބެމެއެވެ. އެމީހުން ކައްކާ އެއްޗެހި އެމީހުންނާއި އެއްސުފުރާ މަތިން މަސް ދުވަސް ވަންދެން ކާބޮއެ ހަދަމުއެވެ. އެމީހުންގެ ގޭގައި އެމީހުން އަޅުކަންކުރަން ގެންގުޅޭ އެއްޗެހިވެސް ފެނިދެނިވެއެވެ. އަޅުކަންކުރާތަންވެސް ފެނެއެވެ. އެމީހުން ގޭގައި އެމީހުން ރާބޯތަންވެސް ފެނެއެވެ. ދެން އެހިސާބުން އެބުނާ ގޮތަށް އަޅުގަނޑުމެންގެ ޢަޤީދާ ބަލަކަށި ވާންވީތޯއެވެ؟ ނޫނެކެވެ! އަޅުގަނޑުމެން އެބުރި މާލެ އަންނައިރު އަޅުގަނޑުމެންގެ ޢަޤީދާ ބަލިކަށްޓެއް ނުވެއެވެ. މިހެންކަމުން އަޅުގަނޑުމެންގެ ގެއަށް އެމީހުން އައިސް ދުވަސްތައް ހޭދަމުކުރުން އަޅުގަނޑުމެންގެ ޢަޤީދާ ބަލިކަށިވާންވީ ސަބަބެއް ނުވިސްނެއެވެ.

ދެންއޮތީ ރަށުތެރޭގަޔާއި އަތިރިމަތީ އޮރިޔާމުން އުޅޭނެ ކަމުގެ ބޮޑު ވާހަކައެވެ. ތަހުޒީބީ ކޮންމެ މީހަކުވެސް އަމިއްލަ ގައުމު ނޫން އެހެން ގައުމަކަށް ދަތުރު ކުރާނަމަ އެގައުމެއްގެ ގާނޫނުތަކާއި އެގައުމެއްގެ އާދަކާދަތައް ބަލާ އެއަށް ކޮންމެވެސް ވަރަކަށް އަހުލުވެރިވެ އެޅުއެވެ. އަދި އެގައުމަކަށް ގޮސް އުޅެނީ އެއިމުގެ ތެރޭގައިވެ. މިސާލެއް ނަގަމާ ހިނގާށެވެ. މިހާރަކަށް އައިސް އަޅުގަނޑުމެން ވަރަށް ގިނައިން މެދުއިރުމަތީ ގައުމުތަކަށް ދަތުރު ކުރަމު ނޫންތޯއެވެ؟ މިހެން ގޮސް ތިބޭއިރު ބުރުގާ ނާޅާ ދިވެހީންވެސް ބުރުގާ އަޅަންޖެހޭ ތަންތަނުގައި ބުރުގާ އަޅަނީ ނޫންތޯއެވެ؟. އެއީ އެހެންވެއެވެ. ކަންމިހެން އޮތްއިރު, ޒަމާނުއްސުރެ މިރާއްޖެ އަންނަ ފަތުރުވެރިންވެސް މިކަން ކުރަނީ މިބީދައިންނެވެ. އެމީހުން އައިސް އުޅޭ އުޅުމުގައި ރާއްޖޭގެ ގާނޫނުތަކާއި ރާއްޖޭގެ ސަގާފަތާއި އާދަކާދަތަކަށް ބޯލަބައެވެ. މީގެ މިސާލަކީ ރިސޯޓުތަކުގައި އެމީހުން އުޅޭއިރު ޢާންމު ތަންތަނުގައި އޮރިޔާމުން ނޫޅޭތީއެވެ. ނަމަވެސް އަތަރިމަތީ ބިކިނީގައި އުޅެއެވެ. އެއީ ގާނޫނުން މަނާކަމަކަށް ނުވާތީ އެވެ. ރާބޯން ގާނޫނުން ހުއްދަ އޮތީތީވެ ރާބޮއެ އުޅެއެވެ. ކޮންމެ ފަތުރުވެރިޔަކު އައިސް ރިސޯޓަށް ފޭބުމުން އުޅެންވާ ގޮތާއި އުޅެގެން ނުވާގޮތްތައް އެފަތުރުވެރިޔަކަށް ކިޔާދެއެވެ. މިއާއި ޚިލާފަށް މީހަކު އުޅެފިއްޔާ އެކަމެއް ހުއްޓުވާނެއެވެ. އެކަމަކަށް ފިޔަވަޅުވެސް އަޅައެވެ. ކަމާއި ބެހޭ ފަރާތްތަކަށް އަންގާގެން ފިޔަވަޅު އަޅަންޖެހޭ ފަދަ ކަމެއްކުރާނަމަ އެކަންވެސް ކުރެއެވެ. މިއީ މިހާތަނަށްވެސް ރާއްޖޭގެ ރިސޯޓުތަކުގައި ޢަމުލުކުރަމުން އައި ގޮތެވެ.

އަނެއް ކަމަކީ ހޯމްސްޓޭއަށް އަޅުގަނޑުމެން ރަށްތަކަށް ޒިޔާރަތްކުރާނީ ހަމަ އެކަނި ކާފަރުންތޯއެވެ. މުސްލިމުން ދަތުރު ނުކުރާނީތޯއެވެ؟ ނޫނީ ދިވެހީން އައިސް ނުތިބޭނީތޯއެވެ؟ މުސްލިމުންވެސް އައިސް އުޅޭނީ ހަމަ އެވިދާޅުވާ ގޮތަށް ރޯބަރަހަނާ ޙާލު ރަށުތެރޭ "ސަލާމް ޖަހަމުން" ބާވައެވެ؟ މިކަމުގައި އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތް އޮތީ ތިމާގެ ކޮނޑުގައެވެ. ތިމާ ތިމާގެ ގެއަށް ފަތުރުވެރިޔަކު ގެންނަ ނަމަ، އޮތީ ތިމާގެ މަސްއޫލިއްޔަތު އަދާކުރުމެވެ. މިގޮތުން އުޅެންޖެހޭ ގޮތް ރަނގަޅަށް އެމީހަކަށް އޮޅުން ފިލުވައި ދީފިނަމަ އެމީހެއްގެ ފަރާތުން އެއްވެސް ނޭދެވޭ ކަމެއް ފެނިދާނެކަމަށް ގަބޫލުނުކުރެވެއެވެ. މޫދަށް ދާނަމަ ހެދުން އަޅަންވީ ގޮތާއި، ރަށުތެރޭ އުޅޭއިރު ހެދުން އަޅަންވީ ގޮތާއި މިނޫނަސް އެކަށީގެންވާ ފުރިހަމަ މަޢުލޫމާތު އެފަތުރުވެރިޔަކަށް ދިނުމުން އެހުރިހާ ކަމެއް މެދުވެރި ނުވާނެކަން ކަށަވަރެވެ.

މިގޮތަށް ކަންތައް ކޮށްފިނަމަ ރަށުތެރޭގަޔާއި ގޮނޑުދޮށްތަކުގައިޔާއި އެނޫންވެސް ތަންތާގައި ލާ ހޫރެމުން، އެކި ގޮތްތަށް އެމީހުން ނޫޅޭނެއެވެ. ރާއްޖޭގެ ސަގާފަތާއި އާދަކާދަތަކަށް ހަމަ ޔަގީނުންވެސް އެއިރުން އެމީހުން އިހުތިރާމް ކުރާނެއެވެ.

ދިވެހިރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާތާ މިހާރު 50 އަހަރުވެސް ވީއެވެ. ލައްކަ ގިނަ ފަތުރުވެރިން އައިސް ގޮސްފިއެވެ. އެހެންކަމުން އެދާއިރާގައި މަސައްކަތްކުރި އަދި މިހާރުވެސް ކުރަމުންދާ މީހުނަށް ލައްކަ މަންޒަރުތަކެއް ފެނި ލައްކަ ގިނަ އަޑުތަކެއް އިވި ލައްކަ ގިނަ ވަސްވެސް ދުވާފައި ހުންނާނެތާއެވެ. އެހެންކަމުން އެބުނާގޮތް ވެފައި ތިބީ ކިހާ ދިވެހީންނެއް ބާވައޭ ހިތައް އަރައެވެ!






















ނޯޓް:- އަޅުގަނޑަކީ މިކަންކޮށްގެން ނަފާ ހޯދާ މީހެއް ނޫނެވެ! ނޫނީ މިކަން ކޮށްގެން ނަފާ ހޯދުމުގެ ވިސްނުން ހުރި މީހެއްވެސް ނުމެ ނޫންމެއެވެ! ނަމަވެސް މިއީ މިކަންކުރާ މީހަކަށާއި މުޅި މުޖުތަމަޢަށްވެސް މިކަމުން މަންފާވާނެ ކަމަކަށް ވީތީވެ އަޅުގަނޑުގެ ޚިޔާލު ހާމަކޮށްލީއެވެ!

ކިޔުންތެރިންގެ ހިޔާލު