Advertisement
Advertisement

ފިސްޑާގެ ހަށިހެޔޮ, ދުޅަހެޔޮ ފުވައްމުލައް ސިޓީގައި

ފުވައްމުލައް ސިޓީގެ ޖަމިއްޔާއެއް ކަމުގައިވާ ފުވައްމުލައް ސިޓީ ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮމެންޓް އެސޯސިއޭޝަން (ފިސްޑާ) އިން އިސްނަގައިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ސަދަން އޭރިއާ ކޮމާންޑުގެ އެހީތެރިކަމާއިއެކު އެސިޓީގައި ކަސްރަތު ޕްރޮގްރާމެއް ފަށައިފިއެވެ.



Advertisement

'ހަށިހެޔޮ ދުޅަހެޔޮ'ގެ ނަމުގައި 1 މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިޕްރޮގްރާމް ފަށައިފައިވަނީ މިމަހުގެ 7 ވަނަ ދުވަހުގައެވެ. ފުވައްމުލައް ސިޓީގައި ދިރިއުޅެމުން އަންނަ ދެޖިންސުގެ ޒުވާނުންނަށް ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލެވުނު މިޕްރޮގްރާމުގައި ފުރަތަމަ 70 ސްލޮޓް ހުޅުވާލެވުނު ކަމުގައިވީ ނަމަވެސް ޕްރޮގްރާމަށް ލިބުނު ފުރިހަމަ ތަރުހީބުގެ ސަބަބުން އެއަދަދު އިތުރުކޮށް މިހާރު ޕްރޮގްރާމުގައި 120 ބައިވެރިއަކުވާ ކަމަށް ފިސްޑާއިން ވަނީ މައުލޫމާތު ދެއްވާފައެވެ.



"އަޅުގަނޑުމެން އަސްލު ފުރަތަމަ ހުޅުވާލީ 70 ޖާގަ، އެއީ ދެ ދަންފަޅިއަކަށް ކުރިއަށް ގެންދާގޮތަށް. އެހެން ނަމަވެސް ރަޖިސްޓަރވާން ހުޅުވާލިތާ ފުރަތަމަ ގަޑިއިރު ތެރޭ އެކަނިވެސް 70 ސްލޮޓް އެއްކޮށް ފުރުނު. ވަރަށް ބޮޑު އަދި އަވަސް ތަރުހީބެއް ލިބިގެންދިޔައީ." ޕްރޮގްރާމަށް ލިބުނު ތަރުހީބާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ފިސްޑާގެ ޖެނެރަލް ސެކްރެޓަރީ ފާތިމަތު ޝުކުރީ (ފާތުން) ވިދާޅުވިއެވެ.

ފާތުން އިތުރަށް ވިދާޅުވި ގޮތުގައި މިހާރު ޕްރޮގްރާމު ފެށި ނަމަވެސް މީހުން ބައިވެރިވުމަށް އެދި ގުޅަމުން އަންނަ ކަމަށެވެ. އަދި ފުރުސަތެއް ދެވެން އޮތް ނަމަ އެފުރުސަތު މިހާރުވެސް ދެމުން އަންނަ ކަމަށްވެސް ފާތުންވަނީ ވިދާޅުވެފައެވެ.



ފުވައްމުލައް ސިޓީގެ 18 އަހަރާއި 50 އަހަރާއި ދެމެދުގެ މީހުންނަށް ކުރިއަށް ގެންދާ މިޕްރޮގްރާމުގެ މަގުސަދަކީ ފުވައްމުލައް ސިޓީގައި ހަށިހެޔޮ ދުޅަހެޔޮ މުޖުތަމައެއް ބިނާކޮށް ކަސްރަތު ކުރުމުގެ ރޫހު ދެޖިންސުގެ އެކި އުމުރުގެ މީހުންގެ މެދުގައި އާލާކޮށް ދުޅަހެޔޮކަން އިތުރު ކުރުން ކަމަށްވެސް ފިސްޑާއިންވަނީ ހާމަކޮށްފައެވެ.



"ފުވައްމުލައް ސިޓީއަކީ ޒަމާނުއްސުރެ ސްކޫލް އެތުލެޓިކްސްގައި ރަން ވަނަތަކެއް ހޯދުމުގައި މަޝްހޫރު އަދި ކަސްރަތަށް ވަރަށް ލޯބިކުރާ ރައްޔިތެއް ދިރިއުޅޭ ރަށެއް. ކަސްރަތުގެ ތެރެއިން ރަށުގެ އެއްބައިވަންތަކަމާއި އެކުވެރިކަން އާލާކުރުމަކީވެސް އަޅުގަނޑުމެން މިކަމުގެ ތެރެއިން ހާސިލުކުރަން ބޭނުން ކަމެއް." ފާތުން ވިދާޅުވިއެވެ.



އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ފަރާތުން ކަސްރަތު ސެޝަންތައް ނަގައިދެމުން އަންނަ މިޕްރޮގްރާމުގައި ކަސްރަތު ކުރުމާއި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމާއި ހުރި ގުޅުން އަދި އެކަމުން ލިބިދޭ އެކިކަހަލަ ފައިދާތައް ބައިވެރިންނަށް ކިޔަވައިދެވޭނެއެވެ. މީގެ އިތުރުން ހަށިހެޔޮ ދުޅަހެޔޮކޮށް ހުރުމަށްޓަކައި ހަށިގަނޑަށް ބޭނުންވާ ފައިދާހުރި ކާނާގެ އިތުރުން ހަށިހެޔޮ ދުޅަހެޔޮކޮށް ހުރުމަށްޓަކައި ކުރެވޭނެ ކަސްރަތުތަކާއި އެކަމާއި ގުޅޭ އެހެނިހެން މައުލޫމާތު ފޯރުކޮށްދެވޭނެއެވެ.



ފުވައްމުލައް ސިޓީގެ އިޖުތިމާއީ ގިނަ ހަރަކާތްތަކާއި ކުޅިވަރު މުބާރާތްތަކުން ފެންނަ ފިސްޑާއިން މިފަހަރުގެ ކަސްރަތު ޕްރޮގްރާމު ކުރިއަށްގެންދަނީ ޒޫމްޑީލްސް، އައިބޭ، ލޭއައުޓް، ކަނދުވަލި ގަރާޖް، ޕޭންޓްރީ ޝޮޕް, ވައިޓް ކޯލާ އަދި ހީލިންގ ޕޮއިންޓްގެ އެހީތެރިކަމާއިއެކުއެވެ. 

Advertisement
ކިޔުންތެރިންގެ ހިޔާލު