ފުވައްމުލަކުގެ ކުޅިވަރުގެ ތާރީޚަށް އަލިއަޅުވާލުމެއް

އަލީ ޝިޔާޒް
ފޮޓޯ: މިއީ 1980 ވަނަ އަހަރުގެ ތެރޭގައި ފުވައްމުލައް ރަސްމީ ބޯޅަދަނޑު. ފޮޓޯ: މިއީ 1980 ވަނަ އަހަރުގެ ތެރޭގައި ފުވައްމުލައް ރަސްމީ ބޯޅަދަނޑު.

ކުރީގެ ފުވައްމުލަކުގައި ކުޅިވަރުގެ މައިދާން އެހާ ފުޅާވެފައެއް ނުވެއެވެ. އާންމުކޮށް ކުޅެވެމުން އައި ކުޅިވަރުތަކުގެ ތެރޭގައި ދާޑެފެހުން، ފަންކުޅުން، ސުވާކުޅުން، ބައްޑި، އަލަކުޅުން އަދި މަރައިބަޑިބަޑި ހިމެނެއެވެ. މި ކުޅިވަރުތަކަކީ ޚާއްޞަކޮށް ޢީދު ދުވަސްވަރު ކުޅެވޭ ކުޅިވަރުތަކެވެ. މީގެ އިތުރުން، މާހިބުން ދުއްވުމަކީ އޭރު ވަރަށް މުހިންމު ކުޅިވަރެއްގެ ގޮތުގައި ބެލެވުނެވެ.





ފުވައްމުލަކުގައި ކުޅިވަރުގެ ދާއިރާއަށް އައު ބަދަލުތަކެއް އައިސް، ރައްޔިތުންގެ ޝައުޤުވެރިކަން އިތުރުވަން ފެށީ 1951 ވަނަ އަހަރު އަލްއުސްތާޛު މުޙައްމަދު އިބްރާހީމް ލުޠުފީ ރަށަށް ވަޑައިގަތުމާ ގުޅިގެންނެވެ. މި ދުވަސްވަރު ބޮޑުބެރު ޖެހުމާއި، ބަށި ކުޅުމާއި، ޕިންގ ޕޮންގ (ޓޭބަލް ޓެނިސް) ފަދަ ކުޅިވަރުތައް ތަޢާރަފުވެ، ކުޅެން ފެށުނެވެ.





ހަމަ މި ދުވަސްވަރު ފުވައްމުލަކުގައި ފުޓްބޯޅަ ކުޅެން ފެށުނެވެ. އޭގެ ކުރިން، ރަށުގައި ހަތަރު މަދަރުސާ ހުރި ދުވަސްވަރު، މަދަރުސާ ދަރިވަރުން ފުއްޕާ ހަމަކަށް ވައި ޖަހައި، ބޭރުގައި ފޮތި އޮޅައިގެން ބޯޅަ ކުޅެއެވެ. އެ ދުވަސްވަރު ބޯޅަ ދަނޑެއް ނެތުމުން، ކުޑަކުދިން ބޯޅަ ކުޅެނީ މިސްކިތްފަންނު މަގު، ދަޑިމަގު ފަންނު ނުވަތަ މިނޫންވެސް މިފަދަ ހުސްތަންތަނުގައެވެ.





ރަށުގައި ފުރަތަމަ ރަސްމީ ފުޓްބޯޅަ މެޗު ކުޅުނީ 1952 ވަނަ އަހަރުގެ ޖޫން މަހުގެ 8 ވަނަ ދުވަހުގެ ހަވީރު 4:30 ގައެވެ. މި މެޗު ކުޅުނީ ފުނާޑުއަރިއާއި މާދަޑުއަރިން އެކުލަވާލެވުނު ދެ ޓީމުގެ މެދުގައެވެ. މެޗު ނިމުނީ އެއްވަރުވެގެންނެވެ. މީގެ ފަހުން، ބޭރު އަތޮޅުތަކުގެ ޓީމުތަކާއެކު ފުޓްބޯޅައާއި ބަށި މުބާރާތްތައް ބޭއްވި، ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދުނެވެ. މީގެ އިތުރުން، އައްޑު އަތޮޅުގެ އެކި ރަށްރަށާ ދެކޮޅަށް އެކި މުބާރާތްތަކުގައި ވާދަކުރެވުނެވެ.



ރަށުގެ ފުރަތަމަ ކުޅިވަރު ކުލަބު، "ވައިލެޓް ކުލަބު" އުފެއްދެވީ މުޙައްމަދު އިބްރާހިމް ލުތުފީއެވެ. ކުލަބުގެ އިފްތިތާޙީ ޖަލްސާ ބޭއްވުނީ 1952 ވަނަ އަހަރުގެ ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ރޭ 8:00 ގައި ރަށްވެރިގޭ ދެކުނު ފަރާތުގައެވެ. މި ޙަފްލާގައި އަލްމަރުޙޫމް އިބްރާހިމް ފިކުރީ ދީދީ (ކަރައްޔެ ކަޅުތުއްތުދީދީ) ހެއްދެވި ޅެމެއް ކިޔައިދެވުނެވެ. އެ ޅެމުގެ ދެ ފޮޅުވަތް ތިރީގައި މިވަނީއެވެ:





"ބައްޕައެއްގެ ނިޝާނަކަށްވީ މއ ގެ ރަންއަކުރު،



   މަންމައެއްގެ ގޮތުން އިނީ ކޮން އަންހެނެއްކަން ނޭގިވީން"

ޅެން ކިޔައި ނިމުމުން، ކުލަބު ރަސްމީކޮށް ހުޅުވައިދެއްވީ ކުލަބުގެ ބާނީ މުޙައްމަދު އިބްރާހިމް ލުތުފީއެވެ. އޭގެ ފަހުން، ކޮންމެ ދުވަހެއްގެ ހަވީރު ފުޓްބޯޅަ ކުޅުން އާދަވެގެން ދިޔައެވެ. މީގެ އިތުރުން، އެހެނިހެން ކުޅިވަރުތައްވެސް ތަޢާރަފުވަމުން ދިޔައެވެ. ކުޅިވަރުތަކުގައި ޒުވާނުންގެ ޝައުޤުވެރިކަން އިތުރުވެ، ކުޅިވަރު ކުޅުމަށް ބޭނުންވާ ސާމާނު ހޯދުމުގެ މަސައްކަތް ފެށިގެން ދިޔައެވެ.








ކުރީގެ ދުވަސްވަރު، ކުޅިވަރު ސާމާނު މާލެއިން ފަސޭހައިން ލިބެން ނެތުމުގެ ސަބަބުން، ގިނަފަހަރު މި ތަކެތި ހޯދަނީ ކޮޅުނބުންނެވެ. އޮޑިދޯނިފަހަރު ކޮޅުނބަށް ދަތުރުކުރާއިރު، ކުޅިވަރު ސާމާނު ގެނެސްދިނުމަށް އެދުނު ނަމަވެސް، ލިބެނީ ވަރަށް މަދު މިންވަރެކެވެ.






މިއަދު ފުވައްމުލަކަކީ ކުޅިވަރުގެ ދާއިރާއިން ވެސް ކުރިއަރާފައިވާ ރަށެކެވެ. ކޮންމެ އަވަށެއްގައި ހެދިފައިވާ ފުޓްބޯޅަ ދަނޑުތަކާއި، ވޮލީ އަދި ބެޑްމިންޓަން ކޯޓުތަކުގައި ރޭގަނޑުގެ ވަގުތުތަކުގައި ވެސް ކުޅިވަރު ހަރަކާތްތައް ހިންގެއެވެ. ކުރީގެ ޒަމާނުގައި އަންހެންވެރިން ކުޅެމުންދިޔަ ބަށި ކުޅިވަރު މިހާރު ވަނީ އުވިގޮސްފައެވެ. އެހެންނަމަވެސް، ދިގު މުއްދަތަކަށް ހުއްޓިފައި އޮތް ޓޭބަލް ޓެނިސް (ޓީޓީ) ކުޅިވަރު އަލުން ދިރުވާލުމަށްޓަކައި، ދިވެހި ސަރުކާރުން 5 ޖޫން 2022 ގައި ފުވައްމުލަކު ޒުވާނުންގެ މަރުކަޒުގައި ޓޭބަލް ޓެނިސް ހޯލެއް ޤާއިމުކޮށް ހުޅުވައިދިނެވެ. ބޭރުގެ ތަޖުރިބާކާރު ކޯޗެއްގެ އިރުޝާދުގެ ދަށުން ފެށުނު ތަމްރީނު ޕްރޮގްރާމްތަކުގެ ސަބަބުން، ޓޭބަލް ޓެނިސްގެ ހުނަރުވެރި ކުޅުންތެރިންތަކެއް އުފެދިގެން ދިޔައެވެ.






މީގެ އިތުރުން، ސަރުކާރުން ވަނީ ބައިނަލްއަޤްވާމީ ފެންވަރުގެ ކްރިކެޓް ދަނޑެއް ފުވައްމުލަކުގައި ޤާއިމުކޮށްދީފައެވެ. މި ދަނޑުގައި ބޭރު ޤައުމުތަކުގެ ޓީމުތައް ވެސް މުބާރާތްތަކުގައި ބައިވެރިވެ ކުޅެމުންދެއެވެ. އަދި ހަމައެހެންމެ، ސަރުކާރުން ވަނީ ގިނަ ބޭނުންތަކަށް ބޭނުންކުރެވޭ ސްޓޭޑިއަމެއް ވެސް ތަރައްޤީކޮށްދީފައެވެ. މި ސްޓޭޑިއަމްގައި ފުޓްބޯޅަ މުބާރާތްތަކާއި، ސްކޫލް ކުދިންގެ އެތްލެޓިކްސް މުބާރާތްތައް ފަދަ އެކި ބާވަތުގެ ކުޅިވަރު ހަރަކާތްތައް ބޭއްވެމުންދެއެވެ. 

ކިޔުންތެރިންގެ ހިޔާލު