ފުވައްމުލަކުގެ އާންމު ތަންތާގައި ގާޑިޔާ ވިޔަފާރި ކުރުމުގެ އުސޫލެއް ކައުންސިލުން ފާސްކޮށްފި
ފުވައްމުލައް ސިޓީގެ ޢާންމު ތަންތާގައި ގާޑިޔާ ވިޔަފާރި ކުރުމާއި އެކަންކަމަށް ފީ ނެގުމާއި ބެހޭ އުސޫލް ވަނީ ފާސްކޮށްފައެވެ.
"ފުވައްމުލައް ސިޓީގެ ޢާންމު ތަންތާގައި ގާޑިޔާ ވިޔަފާރި ކުރުމާއި އެކަންކަމަށް ފީ ނެގުމާއި ބެހޭ އުޞޫލް" ގެ ނަމުގައި މިމަހުގެ 12 ވަނަ ދުވަހު ފާސްކުރި މި އުސޫލު (IUL)468-ESDS/468/2024/255ގައި ޖުމްލަ 23 މާއްދާއެއް ހިމެނެއެވެ.
މި އުސޫލަކީ ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާއިބެހޭ ޤާނޫނު)ގެ 151 ވަނަ މާއްދާއިން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން ފުވައްމުލައް ސިޓީގެ އާންމު ތަންތާނގައި ގާޑިޔާ ބަހައްޓައިގެން ވިޔަފާރި ކުރުމާއި ބެހޭ އުސޫލެވެ.
ވިޔަފާރި ކުރުމަށް ގާޑިޔާ ބަހަށްޓާނެ ތަންތަން ކަނޑައަޅާނެ ގޮތާއި، މިފަދަ ގާޑިޔާއެއް ބަހަށްޓަން ހުއްދަދެވޭނެ މުއްދަތާއި, ގޮތުގެ އިތުރުން، ގަޑިޔާތަކުގައި ވިއްކޭނޭ ކާބޯތަކެތީގެ މަޢުލޫމާތުވެސް ބަޔާންކޮށްފައިވެއެވެ.
އަދި، ދުންފަތުގެ އިސްތިއުމާލުކުރުމުގެ ގޮތުން ބޭނުންކުރެވޭ އެއްވެސް ބާވަތެއް މިފަދަ ގާޑިޔާތަކުން ވިއްކުންވެސް މި އިސޫލުގެ ދަށުން ވަނީ މަނާކޮށްފައެެވެ. އަދި ހަމަ އެހެންމެ ހުއްދަދޫކުރެވޭ ގާޑިޔާތަކުގެ ސާފުތާހިރުކަން ބެލެހެއްޓަންވާނޭކަމާއި، މި އުސޫލާއި ޚިލާފުވެއްޖެނަމަ އެޅޭނޭ ފިޔަވަޅުތައްވެސް ބަޔާންކޮށްފައިވެއެވެ.
"ފުވައްމުލައް ސިޓީގެ ޢާންމު ތަންތާގައި ގާޑިޔާ ވިޔަފާރި ކުރުމާއި އެކަންކަމަށް ފީ ނެގުމާއި ބެހޭ އުޞޫލް"ގެ ދަށުން ކޭޝިއަރެއްގެ ގޮތުގައި ބިދޭސީން ބެހެއްޓުންވެސް ވަނީ މުޅިން މަނާކޮށްފައެވެ.