ކުރީގެ ރައީސް، ޔާމީންގެ ޝަރީއަތް މަޑުޖައްސާލަން ނިންމައިފި

އައިޝް
ކުރީގެ ރައީސް އަބްދުﷲ ޔާމީން / --ފޮޓޯ:އަވަސް ކުރީގެ ރައީސް އަބްދުﷲ ޔާމީން / --ފޮޓޯ:އަވަސް

ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ދަޢުވާގެ އަޑުއެހުންތައް މަޑުޖައްސާލަން ނިންމައިފިއެވެ.

މިގޮތަށް ނިންމާފައިވަނީ, ދައުލަތުން ހުށަހަޅާފައިވާ އާ ހެކިތައް ބަލައިގަތުމާ މެދު ސުޕްރީމް ކޯޓުން ގޮތެއް ނިމެންދެނެވެ.

އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަރ ކުރެއްވި ކަމަށް ސާބިތުވާ ކަމަށް ކަނޑައަޅައި 11 އަހަރުގެ ޖަލު ހުކުމެއް އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވީ 25 ޑިސެމްބަރ 2022ގައެވެ.

ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް އެ މައްސަލަ ސާބިތުވާ ކަމަށް ނިންމީ އެމަނިކުފާނުގެ ދިފާއީ ހެކިތައް ނަފީ ކުރަން ދައުލަތުން ހުށަހެޅި އައު ހެކިތައް ބަލައިގަތުމަށް ފަހުގައެވެ. އެ މައްސަލަ ރައީސް ޔާމީންގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެހެންކަމުން ހައި ކޯޓުން ވަނީ އައު ހެކިތައް ބަލައިގަތުން ގޯސް ކަމަށް ނިންމާ، ދަށު ކޯޓުން އަލުން ބަލަން މައްސަލަ ބަލަން ހުކުމްކޮށްފައެވެ.

ދައުލަތުން ވަނީ ހައިކޯޓުގެ އެ ނިންމުން ބާތިލުކޮށް، ދަށު ކޯޓަށް ދައުލަތުން ހުށަހެޅި އައު ހެކިތައް ބަލައިގަނެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ. 

ކްރިމިނަލް ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި ރައީސް ޔާމީންގެ ވަކީލުންނާއި ޕީޖީ އޮފީހުގެ ވަކީލުން ވެސް އެދުނީ, ސުޕްރީމް ކޯޓުގައި ކުރިއަށްދާ މައްސަލަ ނިމެންދެން ޝަރީއަތް މަޑުޖައްސައިލުމަށެވެ. . އެހެންކަމުން މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވަނީ ސުޕްރީމް ކޯޓުން ގޮތެއް ނިމެންދެން މައްސަލައިގައި އިތުރު އަޑުއެހުމެއް ނުބާއްވަން ނިންމަވާފައެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު