ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގަންނަވައިފި
ރައީސް އައްޑޫ ރައްޔިތުންނާއި ސަލާމް ކުރައްވަނީ
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ވަނީ، ފުވައްމުލަކާއި އައްޑޫގެ ސިޓީ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ބައްދަލުކުރައްވައި، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ސަރަޙައްދީ ތަރައްޤީއަށް ރައްޔިތުން ދެކޭ ތަޞައްވުރު އޮޅުންފިލުއްވާ ދެއްވާ ފައެވެ.
މި ދަތުރުފުޅުގައި ފުވައްމުލަކުގައި ވަނީ، ތަޢުލީމާއި، ޞިއްޙަތާއި، ބޯހިޔާވަހިކަމާއި، ދަތުރު ފަތުރު ފަދަ ތަފާތު ދާއިރާތަކުން ހިންގަވަން ނިންމަވާފައިވާ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތްތަކުގެ އެކި މަރުޙަލާތައް ފައްޓަވާ ދެއްވާފައެވެ. އަދި އައްޑޫގައި ވަނީ، ކުޅިވަރާއި ހަށިހެޔޮކަމާއި، ތަޢުލީމާއި، ޞިއްޙަތާއި، ޢުމްރާނީ ތަރައްޤީ، ދީނީ ވަޙުދަތު، އަދި ދަތުރު ފަތުރު ފަދަ ދާއިރާތަކުން ހިންގެވުމަށް ނިންމަވާފައިވާ ގިނަ ޢަދަދެއްގެ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތުގެ އެކި މަރުޙަލާތައް ފައްޓަވާފައެވެ. މީގެ އިތުރުން މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހި ޤައުމީ ދިފާޢީ ބާރުގެ އެއަރ ކޯގެ ފުރަތަމަ އެއަރ ސްޓޭޝަން ހުޅުއްވައިދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވަޒީރުންނާއި، ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންގެ މައްޗަށް އެކުލެވިގެންވާ ވަފުދެއް، ބައިވެރިވެ ވަޑައިގެންނެވިއެވެ.


