ޙަޤީޤީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ހުކުރު ޚުޠުބާ

އައިޝަތު
މިއަދުގެ ހުކުރު ޚުޠުބާ މިއަދުގެ ހުކުރު ޚުޠުބާ

ރާއްޖޭގެ މިސްކިތްތަކުގައި މިއަދުގެ ހުކުރު ޚުޠުބާގައި އަލި އަޅުވާލާފައިވަނީ، އިންސާނީ ބާއްޖަވެރިކަމާއި އުފާވެރިކަމަކީ ކޮބައިކަމާއި، އެކަން ޙާޞިލުކުރެވޭނެ ގޮތްތަކުގެ މައްޗަށެވެ. ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި، ބާއްޖަވެރިކަމަކީ މުސްކުޅި، ޒުވާން، މުއްސަނދި، ފަޤީރު، މުސްލިމް، ޣައިރު މުސްލިމް ތަފާތެއްނެތި، އިންސާނުން އެންމެ ބޮޑަށް ހޯދަން މަސައްކަތްކުރާ އެއް ނިޢުމަތެވެ. ނަމަވެސް މިއަދު ގިނަ ބަޔަކު ދެކޭ ގޮތުގައި އުފާވެރިކަން އޮތީ މުދަލާއި ފައިސާއާއި، ޖާހާއި މަންސަބާއި، މަޝްހޫރުކަމުގައި ކަމެވެ.

Advertisement

ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި، އިސްލާމީ ޝަރީޢަތުގައި ވަނީ ޢަދުލުވެރިކަމާއި އިޙްސާންތެރިކަމާއި، މީސްތަކުންގެ ޙައްޤުތައް ރައްކާތެރިކޮށްދީފައިކަމާއި، ފަޤީރުންނާއި ޔަތީމުންނާއި، އަންހެނުންނާއި، ކުޑަކުދީންނާއި ޣައިރު މުސްލިމުންނަށް ވެސް އެ ޙައްޤުތައް ވަނީ ކަށަވަރުކޮށްދީފައި ކަމެވެ. އަދި ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، ރަޙުމަތާއި، ޢިއްފަތްތެރިކަމާއި، އިޙުސާންތެރިކަން އަށަގެންނެވުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވައިފައި ވެއެވެ.

ޙަޤީޤީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން ކަމަށާއި، މިކަންކަން ދެއްވުމުގެ ބާރު ލިބިވޮޑިގެންވަނީ ހަމައެކަނި ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ކަމެވެ. އަދި އެކަލާނގެއަށް ކިޔަމަންތެރިވުމުން މެނުވީ މިކަންކަން ޙާޞިލެއްނުވާނެ ކަމާއި އިންސާނާ ޚަލްޤުކުރެއްވި ފަރާތަކީ ﷲ ކަމުގައިވާއިރު، އެ އިންސާނާ ބާއްޖަވެރިވާނޭ ކަންކަމާއި އަބާއްޖަވެރިވާނޭ ކަންކަން ވެސް މޮޅަށް ދެނެވޮޑިގެންވަނީ އެކަލާނގެ އަށް ކަމާއި ބާއްޖަވެރިކަމުގެ އަސާސަކީ އިސްލާމްދީން ކަމެވެ. އެއީ ނަފުސުގެ ހަމަޖެހުމާއި ހިތްތައް އިޞްލާޙުގެ މަގަށް ގެންދާ ފުރިހަމަ ނިޒާމެކެވެ. 

ޚުޠުބާ ނިންމަވާލައްވާފައިވަނީ ބާއްޖަވެރިކަމަކީ ބޭނުން މީހަކު ބޭނުން ގޮތަކަށް ހޯދޭނެ އެއްޗެއްނޫން ކަމާއި، އެއީ އީމާންކަމުގެ މޭވާކަމާއި، ދީނަށް އުޅުމުގެ ނަތީޖާ ކަމާއި ކެތްތެރިކަމުގެ ޖަޒާކަމެވެ. އަދި އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟުރަތުން އަންނަ ތައުފީޤެއްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު