ބިމާއި ފްލެޓް ދޫކުރުމުގެ އުޞޫލު ޢާންމު ކުރައްވައިފި
ރަސްމާލެ ހިއްކުމުގެ މަސައްކަތް: ފޮޓޯ:- ރައީސް އޮފީސް
ސަރުކާރުގެ 'ބޯހިޔާވަހިކަން އެންމެންނަށް' ސިޔާސަތުގެ ދަށުން 'އާއިލީ ބޯހިޔާވަހިކަން' ޕްރޮގްރާމް އިފްތިތާހުކޮށް، މާލެ ސަރަޙައްދާއި ރަސްމާލެއިން ގޯއްޗާއި ފްލެޓު ދޫކުރާ ސްކީމްތަކެއް އިއުލާނު ކުރައްވައިފި އެވެ.
"ޢާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމާ ބެހޭގޮތުން މައުލޫތު ދެއްވަމުން ހައުސިން މިނިސްޓްރީން ވިދާޅުވީ އެ ޕްރޮގްރާމްގެ ދަށުން 2 ސްކީމަކުން ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ.
އެއީ: މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ފްލެޓް ދޫކުރުމުގެ ސްކީމާއި، މާލޭގައި ދިރިއުޅޭ ފަރާތްކަށް ގޯތި ދޫކުރުމުގެ ސްކީމެވެ.
ހައުސިން މިނިސްޓްރީން ވިދާޅުވީ މި ދެ ސްކީމުންވެސް ގެދޮރު ދޫކުރައްވާނީ ދެ ކެޓަގަރީއަކަށް ބަހާލައިގެން ކަމަށެވެ. އެއީ މާލޭ ރަށްވެހިންގެ ކެޓަގަރީ އާއި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންގެ ކެޓަގަރީ އެވެ.
މާލޭ ރަށްވެހިން ވަނީ ތިން ބަޔަކަށް ބަހާލެވިފަ އެވެ. އެއީ:
އުފަންވީއްސުރެ މާލެ ރަޖިސްޓްރީގައި ޖެހިފައިވާ މީހުން
މާލޭ ރަށްވެހިންގެ ދަފްތަރުގައި ޖެހިފައިވާ މީހުން
ފަހުން މާލޭގެ ގެއެއްގައި ރަޖިސްޓްރީ ވެފައިވާ މީހުން
މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންގެ ކެޓަގަރީގައި މާނަކޮށްފައިވަނީ މާލޭގައި ދިރުއުޅޭތާ މެދުނުކެނޑި 15 އަހަރުވެފައިވާ މީހުންނަށެވެ.
އެ ދެކެޓަގަރީއަށްވެސް ފްލެޓް ދޫކުރަން އަސާސީ 5 ޝަރުތެއްވަނީ ކަނޑައަޅުއްވާފައެވެ. އެއީ:
- ދިވެހި ރައްޔިތަކަށް ވުން.
- އުމުރުން 18 އަހަރު ފުރިފައިވުން.
- 400 އަކަފޫޓަށް ވުރެ ބޮޑު ބަންޑާރަ ނުވަތަ އަމިއްލަ ބިން ނުވަތަ ގޯތިގެދޮރު މިލްކުވެފައި ނުވުން.
- ރިއަލް އެސްޓޭޓް މާކެޓުން ހައުސިން ޔުނިޓެއް ގަނެފައި ނުވުން؛ އެފަދަ ތަނެއް ގަތުމަށް އެއްބަސްވެ، ފައިސާ ދައްކަމުން ނުދިއުން.
- އެމީހަކަށް ނުވަތަ ފިރިމީހާ/އަނބިމީހާއަށް ކުރިން ސަރުކާރަކުން ހިންގާފައިވާ ބޯހިޔާވަހިކަމެއް ލިބިފައި ނެތުން.
ހައުސިން މިނިސްޓްރީން ވިދާޅުވީ އެ ޕްރޮގްރާމްގެ ދަށުން ފްލެޓް ދޫކުރައްވަން ނިންމަވާފައިވަނީ ދެ މޮޑެލަކަށް ކަމަށެވެ. އެއީ "އެފޯޑަބަލް ހޯމް އޯނަޝިޕް މޮޑެލް" އާއި "ރެންްޓް ޓު އޯން މޮޑެލް" އެވެ.
ހައުސިން މިނިސްޓްރީން މި ސްކީމްތަކާ ބެހޭ މަޢުލޫމާތު މިހާރު ވަނީ ގެޒެޓް ކުރައްވާފައެވެ.


