ނަރުދަމާ ނިޒާމަށް ކުރިމަތިވި މައްސަލައަށް ބޮޑު ހައްލެއް ވަނީ ހޯދިފައި
ފުވައްމުލައް ސިޓީގެ ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށް ކުރެވުނު މަސައްކަތްތަކުން މިހާތަަނަށް 90% ގެ ހައްލެއް ހޯދިފައިވާ ކަމަށް ފެނަކަ ފުވައްމުލަކު ބްރާންޗުގެ
މެނޭޖަރ ހުސައިން ޝާފީ
އިބްރާހިމް ވިދާޅުވެއްޖެއެވެ.
ފުވައްމުލަކުގެ ނަރުދަމާ ނިޒާމަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ސަރުކާރުން 43 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން ކުރިއަށް ގެންދާ ޕްރޮޖެކްޓުގެ މަސައްކަތްތައް ކުރަނީ ފެނަކައިންނެވެ. ފެނަކައިން ހާމަކޮށްފައިވާ ގޮތުގައި ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތުގެ ދަށުން ފުވައްމުލަކުގައި ކުރިން އަޅާފައިވާ ނަރުދަމާ ނިޒާމުގެ 586 ވެކިއުމް ޕަމްޕާއި، ވެކިއުމް ޗެމްބަރުތަކުގެ ވޭލުތައް ވަނީ ބަދަލުކޮށްފައެވެ. އޭގެ އިތުރުން މުޅިން އަލަށް ނަރުދަމާ ނިޒާމުގައި މޮނިޓަރިން ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.
ފުވައްމުލަކު 'އަފުން
ނިއުސް' އިން ގެނެސްދިން އަފުންވެށި ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޝާފީ ވިދާޅުވި ގޮތުގައި މިހާތަނަށް ކުރެވުނު މަސައްކަތުން ނަރުދަމާ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނެވިފައިވާ ކަމަށެވެ. އެގޮތުން މީގެ ކުރިން ބައެއް ގެތަކާއި މަގުތަކަށް ނަޖިސް އަރާފައި ހުންނަ މައްސަލަ ހައްލުވެފައިވާ ކަމަށެވެ. އެކަމަށްޓަކައި ފެނަކައިން ބުރަ މަސައްކަތްތަކެއް ކޮށް ޕަންޕުތައް ބަދަލު ކުރުމާއި އަދި މަގުތަކުގައި ހުރި ޗެމްބަރުތަކުގެ ވޭލްވްތައް ބަދަލުކޮށްފައިވާ ކަމަށެވެ.
ފުވައްމުލަކު ނަރުދަމާ ނިޒާމަށް ދިމާވި މައްސަލަ އަކީ ކޮބާ؟
ފުވައްމުލަކުގައި ގާއިމް ކުރެވިފައިވާ ނަރުދަމާ ނިޒާމަށް ދިމާވާ އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވުނީ ނަރުދަމާ ނިޒާމުގައި ހުންނަ ވެކިއުމް ޗެމްބަރުތަކުގައި ބޭނުންކުރާ ޕަމްޕުތަކަށް ފެން އެޅުމުގެ ސަބަބުން އެ ޕަމްޕުތައް ހުއްޓޭ ގޮތްވެ މުޅި ނިޒާމު ފެއިލްވާ މައްސަލައެވެ. މީގެ އިތުރުން ކެޗްޕިޓްތަކުން ލީކުވާ މައްސަލަވެސް ފާހަގަކުރެވިފައިވެއެވެ.
ފުވައްމުލަކު ނަރުދަމާ ނިޒާމު: އުސްއަލިތައް
2016 މެއި: ފުވައްމުލަކު ނަރުދަމާ ނިޒާމުގެ މަޝްރޫއު ސިއެރާ އާއި ހަވާލުކުރެވުނު
2016 އޮކްޓޯބަރު 09: ނަރުދަމާ ނިޒާމު އެޅުމުގެ މަސައްކަތް އިފްތިތާހު ކުރެވުނު
2018 މާރިޗް: ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމަންޖެހޭ ތާރީހަށް މަސައްކަތް ނުނިމި ލަސްވި
2018 ސެޕްޓެމްބަރު 13: ނަރުދަމާ ނިޒާމާއި ސަރުކާރުން ހަވާލުވި
2018 ސެޕްޓެމްބަރު 13: ނަރުދަމާ ނިޒާމު ފެނަކަ ކޯޕަރޭޝަނާއި ހަވާލުކުރި
2018 ސެޕްޓެމްބަރު 14: ނަރުދަމާ ނިޒާމު ރައީސް ޔާމީން އިފްތިތާހު ކޮށްދެއްވި
2018 ނޮވެމްބަރު: ގޭގެއަށް (މަދު ގެތަކަށް) ހިދުމަތް ދޭން ފެށި
2019 ވަނަ އަހަރުގެ ކުރީކޮޅު: ނަރުދަމާ ނިޒާމުގައި މައްސަލަ ޖެހޭ ކަން ހާމަވި (250 ވެކިއުމް ސިސްޓަމްގައި މައްސަލަ ޖެހި މަސައްކަތް ނުކުރާކަން ކަށަވަރުވި)
2019 ޖޫން: ވިއްސާރާއިގައި ފެންބޮޑުވެ ނަރުދަމާ ނިޒާމުން ނަޖިސް ލީކުވި
2019 ސެޕްޓެމްބަރު: ޑިފެކްޓްސް ލަޔަބިލިޓީ މުއްދަތު ހަމަވި
2019 އޮކްޓޯބަރު: ހުރިހާ ސްޓޭކްހޯލްޑަރުން އެކުގައި ނަރުދަމާ ނިޒާމު އިންސްޕެކްޓުކޮށް މައްސަލަތައް ދެނެގަނެވުނު
2020 އޭޕްރީލް: ނަރުދަމާ ނިޒާމުގައި ގާއިމްކޮށްފައިވާ ކެޗްޕިޓްތައް ރިޕްލޭސްކުރަން ފެށި
2020 ޖޫން 03: ނަރުދަމާ ނިޒާމު ފެނަކަ ކޯޕަރޭޝަނާއި ހަވާލުކުރީ ކުރަންޖެހޭ މަސައްކަތްތައް ފުރިހަމަ ނުކޮށް އަދި ނަރުދަމާ ނިޒާމު ޓެސްޓް ވެސް ނުކޮށް ކަމަށް އެކުންފުނިން ފުރަތަމަ ފަހަރަށް ހާމަކުރި
2020 އޮކްޓޯބަރު 19: ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރި ޓެސްޓް ކާމިޔާބު ކަމަށް ފެނަކައިން ހާމަކުރި
2021 ފެބްރުއަރީ 22: ނަރުދަމާ ނިޒާމުގެ މައްސަލަ ހައްލުކުރުމުގެ ޕްރޮޖެކްޓް ސަރުކާރުން ފެނަކަ އާއި ހަވާލުކުރެވުނު
2021 އޭޕްރީލް 08: އާ މޮނިޓަރިން ސިސްޓަމެއް ގާއިމްކުރުމާއި އެކު ނަރުދަމާ ނިޒާމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް އިފްތިތާހުކުރެވުނު
2021 މެއި 09: ނަރުދަމާ ނިޒާމުގެ މައްސަލަތައް ހައްލުކުރުމުގެ އަމަލީ މަސައްކަތް ފެށުނު
ދާއިމީ ހައްލެއް ހޯދުމަށް ކުރެވުނު ކަންކަން
ފެނަކަ އިން ވަނީ ފުވައްމުލަކު ނަރުދަމާ ނިޒާމަށް ކުރިމަތިވެފައިވާ މައްސަލައަށް ހައްލު ހޯދަން ގިނަ ދިރާސާތަކަކާއި މަސައްކަތްތަކެއް ކޮށްފައެވެ. އެ ކުންފުނިން މީގެ ކުރިން ހާމަކުރި ގޮތުގައި މުޅިން އައު ޓެކްނޮލޮޖީއެއް ކަމަށްވާ QUAVAC VACUFLOW ވެކިއުމް ޕަމްޕްް ބޭނުންކޮށްގެން ސިސްޓަމަށް ދިމާވާ މައްސަލައަށް ހައްލު ލިބޭތޯ ކުރި ޓެސްޓުތައް ކާމިޔާބެވެ.
ފެނަކައިން ހާމަކޮށްފައިވާ ގޮތުގައި މައްސަލަ ދިމާވެފައިވާ ޗެމްބަރުތަކުގައި ބޭނުން ކުރި އައު ވެކިއުމް ވޭލްވް ފެނު އަޑީގައިވެސް ބަރާބަރަށް މަސައްކަތް ކުރެއެވެ. ނަތީޖާއެއްގެ ގޮތުން އެ ޕަމްޕް ގުޅިފައިވާ ޗެމްބަރުގައި ހުރި ފެންތައް ހޮޅި ނިޒާމުގެ ތެރެއިން ފޮނުވާލަދީ ސިސްޓަމް ބަރާބަރަށް މަސައްކަތްކުރެއެވެ.